ބަރަކާތްތެރި ރަމަޟާން މަސް ނިމި، މުޅި އިސްލާމީ އުންމަތް މިއަދު މިވަނީ އުފާވެރި ފިޠުރު ޢީދުގެ ހިޔަލުގައެވެ. މިއީ އަޅުކަމާއި، ކެތްތެރިކަމާއި، ރޫޙާނީ ތަރުބިއްޔަތުގެ މައްސަރަކަށްފަހު، މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މަތިވެރި މުނާސަބަތެކެވެ. ރަމަޟާން މަހުގެ 30 ދުވަސް ފުރިހަމަކުރުމަށްފަހު ނުވަތަ ޝައްވާލު މަހުގެ ހަނދު ކަށަވަރުވުމާއެކު، މިއަދު ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޢީދުގެ ތަހުނިޔާ އާއި އުފާފާޅުކުރުންތައް ވަނީ ފެށިފައެވެ. ޢީދަކީ ހަމައެކަނި ކެއިންބުއިމާއި މަޖަލުގެ އުފަލެއް ނޫނެވެ؛ އެއީ ޢާއިލީ ގުޅުންތައް ބަދަހިކޮށް، އެކަކު އަނެކަކަށް މަޢާފުކޮށް، މުޖުތަމަޢުގެ އެއްބައިވަންތަކަން ދައްކުވައިދޭ މުހިންމު ދުވަހެކެވެ.
މިއަދު ޢީދު ފާހަގަކުރަން ފެށި ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް، ބަޙްރަޔިން، ޤަޠަރު، އަދި ކުވަޔިތު ހިމެނެއެވެ. މީގެ އިތުރުން ތުރުކީވިލާތް، ފަލަސްޠީން، އުރުދުން، ޢިރާޤު، ޔަމަން، ލުބުނާން އަދި ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާގައި ވެސް މިއަދަކީ އުފާވެރި ފިޠުރު ޢީދު ދުވަހެވެ. މި ސަރަޙައްދުތަކުގައި ޢީދު ނަމާދުގެ ބޮޑެތި ޖަމާޢަތްތަކަށްފަހު، ޢާއިލާގެ މެންބަރުންނަށް ޒިޔާރަތް ކުރުމާއި، ޢީދު ހަދިޔާ ބެހުމުގެ ހަރަކާތްތައް ވަނީ ފެށިފައެވެ.
ހަމައެއާއެކު، އެފްރިކާގެ ބައްރުގައި ހިމެނޭ މަޣުރިބް، ނައިޖީރިއާ، ސޫދާން، ޓިއުނީޝިއާ، ސޮމާލިއާ، ޖިބޫޓީ، ޔުގާންޑާ، ޗާޑް، ސެނެގާލް އަދި ކެމަރޫންގައި ވެސް މުސްލިމުން ދަނީ ކުލަގަދަކޮށް ޢީދު ފާހަގަކުރަމުންނެވެ. މި ޤައުމުތަކުގައި އައު ހެދުން އަޅައިގެން، މިސްކިތްތަކާއި ޢާންމު މައިދާންތަކަށް އެއްވެ، މުސްލިމް އަޚުންނާއި އުޚުތުން ދަނީ އުފާވެރިކަމުގެ ޝުޢޫރުތައް ބަދަލުކުރަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޢީދު ފާހަގަކުރުމުގެ ތަފާތު ރީތި އާދަކާދަތައް ފެނިގެންދެއެވެ. މިޞްރުގެ ޢާއިލާތަކުން ޢީދު ނަމާދަށްފަހު ޢާއިލާގެ މެންބަރުންނަށް ޒިޔާރަތް ކުރަމުންދާއިރު، ކުޑަކުދިންނަށް "ޢީދިއްޔާ" ގެ ނަމުގައި ފައިސާގެ ހަދިޔާ ދިނުމާއި، ޚާއްޞަ ކާބޯތަކެތި ތައްޔާރުކުރުމަކީ އެ ޤައުމުގައި ޢީދު ފާހަގަކުރުމުގެ ފުރިހަމަކަމެވެ. ޖަރުމަނުވިލާތާއި އިންޑިއާގެ ކެރެލާ ސްޓޭޓުގައި ވެސް މިއަދު ވަނީ ވަރަށް ފޯރިއާއެކު ޢީދު ފާހަގަކޮށްފައެވެ. ނަމަވެސް، އިންޑިއާގެ އެހެން ކަންކޮޅުތަކުގައި ޢީދު ފާހަގަކުރާނީ ހޮނިހިރު ދުވަހުއެވެ. އެމެރިކާގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި އޮތް ނަސްލީ ތަފާތުތަކާއެކު ވެސް، އެ މީހުން އެއްވެ ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ވަނީ ފަށާފައެވެ.
އަދި، ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން، ޔަހޫދީ އިސްރާއީލުގެ ހަރުކަށި ހިފެހެއްޓުންތަކާއި، ކާބޯތަކެއްޗާއި ކައްކާ ގޭހުގެ ދަތިކަމުގެ ތެރޭގައި ވެސް، ޢީދުގެ މަތިވެރި ސުންނަތްތައް ދަމަހައްޓަން ދަނީ މަސައްކަތް ކުރަމުންނެވެ. 1967 ގެ ފަހުން ފުރަތަމަ ފަހަރަށް ޢީދާ ދިމާކޮށް އަލް-އަޤްޞާ މިސްކިތް ބަންދުކޮށްފައިވީ ނަމަވެސް، މުސްލިމުންގެ ހިތްތަކުގައިވާ ޢީދުގެ އުފާވެރިކަމަކަށް ބަދަލެއް ނާދެއެވެ. އީރާންގެ ރައްޔިތުންނަށް ފިޠުރު ޢީދާ ކުރިމަތިލާން ޖެހިފައި މި ވަނީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ނިރުބަވެރި ހަނގުރާމައެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ދެކުނު އޭޝިއާއާއި އިރުދެކުނު އޭޝިއާގެ ބައެއް ޤައުމުތަކުގައި ޢީދުގެ އުފާވެރިކަން ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. މީގެ ތެރޭގައި އިންޑޮނީޝިއާ، މެލޭޝިއާ، ސިންގަޕޫރު، ބުރޫނާއީ، ޕާކިސްތާން އަދި ބަންގްލަދޭޝް ހިމެނެއެވެ. އިންޑޮނޭޝިއާއާއި މެލޭޝިއާގައި ޢީދަށް ރަށްރަށަށް ދިއުމުގެ ސަގާފަތަކީ ޢީދުގެ އެންމެ މުހިންމު އެއް ބައެވެ. މެލޭޝިއާގައި މާދަމާ ހެނދުނު ޢީދު ނަމާދަށްފަހު، ގެދޮރު ހުޅުވައިލައި، އެކަކު އަނެކަކަށް މެހެމާންދާރީ އަދާކުރުން އޮންނާނެއެވެ. ކުޑަކުދިންނަށް ފައިސާގެ ހަދިޔާ ދިނުމާއި، ސަގާފީ ކާބޯތަކެތި ބަދަލުކުރުމަކީ ޢީދު ފާހަގަކުރާ މި ސަރަޙައްދުތަކުގެ މުސްލިމުން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންދާ އުފާވެރި ވަގުތުތަކެވެ.
އުފަލާއި ހިތާމައިގެ މެދުގައި ފިޠުރު ޢީދު: ޣައްޒާގެ ބަންދާއި ޔަހޫދީންގެ ހަނގުރާމައިގެ ތެރެއިން އައި އުންމީދީ އީދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ