ނުކުޅެދުންތެރި ފަރާތްތަކުގެ ބެލެނިވެރިޔާއަށް ފުލެޓަށް އެދެވޭގޮތްހަދަނީ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކީން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ އެއް ވަނަ ދުވަހުއެވެ.މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ކެޓަގަރީގެ ދަށުން ފްލެޓަށް އެދޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހު ކުރުމުގެ މަސައްކަތްކުރާ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާއްސަ ކެޓަގަރީން ފްލެޓަށް އެދި ހުށަހަޅާއިރު، ކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްގެ ގޮތުގައި ސާބިތުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި ފަސް އަހަރު ވެފައިވާ މީހަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ