ރަސްފަނު ބޭރު ތޮށި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ރަސްފަނުގެ ބޭރު ތޮށި މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.
މަރާމަތުގެ މަސައްކަތް ކުރުމަށް ރަސްފަނު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވީ ރަސްފަނު އަލުން މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ބޭރު ތޮށި އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ރަސްފަންނަކީ މާލޭގެ ގިނަ ރައްޔިތުންނަށް ހިތްފަސޭހަކޮށްލުމަށް ވަގުތު ހޭދަކޮށް، މުހިއްމުތަނެއްކަން ފާހަގަކޮށް އެމްޓީސީސީން ވިދާޅުވީ އެ ކުންފުނިން އިސްކަން ދެނީ ވީހާވެސް އަވަހަކަށް މަރާމާތުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.
ރަސްފަންނަކީ މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަޖައްސާލަން ވަރަށް ގިނައިން ދާ ސަރަހައްދެކެވެ. ކުޑަކުދިންނާއި އެނޫންވެސް އުމުރުފުރާތަކުގެ މީހުން މޫދަށް އެރުމަށާއި އެނޫންވެސް ބޭނުންތަކަށް މި ސަރަހައްދު ބޭނުންކުރެއެވެ. ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ޙާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާ، އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔައަހަރުގެ ފެބްރުއަރީމަހުގައެވެ.
އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވަނީ ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް ތަރައްޤީކުރުން، އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެމްޓީސީސީން މީގެ ކުރިން ވަނީ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލާފައެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީއާ ވަނީ އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނަބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހަ މާހައުލެއް ޤާއުއިމްކުރުމަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.
އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައްވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ. ނަމަވެސް ތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ބައެއްތަންތަން ބައެއް ތަކެތި ހަލާކުވެ ގެއްލުންތައް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ