ކުނީގެ ފީ ހިމަނާނީ މެއި މަހުގެ ކަރަންޓް ބިލްގައި: ވެމްކޯ

ސްޓެލްކޯގެ ބިލްގައި ކުނީގެ ފީ ހިމަނާނީ ހިނގަމުން މިދާ މެއި މަހުގެ ކަރަންޓް ބިލްގައި ކަމަށް ވެމްކޯ އިން ބުނެފި އެވެ.
އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެމްކޯގެ ކުނީގެ ފީ ނަގާނީ ސްޓެލްކޯގެ ކަރަންޓް ބިލްގެ ތެރެއިން ކަމަށް ވެމްކޯ އިން ކުރިން ހާމަކޮށްފައިވެ އެވެ. ނަމަވެސް އޭޕްރީލްގެ ކަރަންޓް ބިލް ގޭގެއަށް ދިޔައިރު ކުނީގެ ބިލް ހިމަނާފައެއް ނުވެ އެވެ
މިކަމާ ގުޅިގެން އަވަސް އިން ސުވާލުކުުރުމުން ވެމްކޯގެ އެސިސްޓެންޓް މެނޭޖަރު ދުންޔާ އިބްރާހީމް ވިދާޅުވީ ވެމްކޯގެ ކުނީގެ ފީ ކަރަންޓް ބިލްގައި ހިމަނަން ނިންމާ އެކަން އިއުލާން ކުރީ އޭޕްރީލް މަހުން ފެށިގެން ކަމަށްވާތީ ކުނީގެ ފީ ހިމެނޭނީ މެއި މަސް ނިންމާފައިވާ ލިބޭ ކަރަންޓް ބިލްގައި ކަމަށެވެ.
ވެމްކޯ އިން ނިންމާފައިވަނީ އެޕާޓްމަންޓްތަކަށް ވަދެ ކުނި ނަގާނަމަ ދުވާލަކަށް 4.93 ރުފިޔާ ޗާޖުކުރުމަށެވެ. އޭރުން މަހެއްގެ މައްޗަށް 150 ރުފިޔާ ނަގާނެ އެވެ.
ދުންޔާ ވެމްކޯގެ ކުނީގެ ފީ ކަރަންޓް ބިލްގައި ހިމަނަން ފެށުމުން ޝަކުވާއެއް އޮތް ނަމަ ކަމާ ގުޅޭ ފޯމު ފުރާ ޝަކުވާ ހުށަހެޅުމުން ވެމްކޯގެ މުވައްޒަފުން އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ގޭބިސީތަކުގައި އެއް މީޓަރަށް ވުރެ ގިނަ މީޓަރު އެބަހުރި. އެހެންވީމާ ފަށައިގަންނައިރު ހުރެދާނެ ބައެއް ކަންބޮޑުވުންތައް. ޝަކުވާއެއް ހުށަހެޅުމުން އަޅުގަނޑުމެން އެކަމެއް ބަަލައިދޭނަން،" ދުންޔާ ވިދާޅުވި އެވެ.
ވެމްކޯގެ ކުނީގެ ފީ ކަރަންޓް ބިލްގައި ހިމެނުމަށް ނިންމާ އެކަން އިއުލާންކުރީ ބައެއް މީހުން ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ބޮޑުވެގެން އެކަމަށް ހައްލެއް ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ