ޝަރުއީ ދާއިރާގެ ބަޖެޓުގެ ބޮޑު ބައެއް ތީމުގޭގެ މަރާމާތަށް ހިނގާތީ ކަންބޮޑުވެއްޖެ

ޝަރުއީ ދާއިރާއަށް ދޭ ބަޖެޓުގެ ވަރަށް ބޮޑު ބައެއް، ރައީސްގެ ރަސްމީ ގޭގެ ގޮތުގައި ކުރިން ބޭނުން ކުރި އަދި މިހާރު ސުޕްރީމް ކޯޓާއި ހައި ކޯޓު ހިންގާ ތީމުގެ ބަލަހައްޓައި މަރާމާތު ކުރުމަށް ހަރަދު ކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފާޅުކޮށްފި އެވެ.
ބުނީ ކީކޭ؟ - ބަޖެޓާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ޑީޖޭއޭގެ ވެރިންނާ އިއްޔެ ބައްދަލު ކުރުމުން އެ އިދާރާގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށް ދިނުމުގެ މަސައްކަތަށް ބަޖެޓުގައި ހާއްސަކޮށްފައި އޮންނަ ފައިސާގެ ތެރެއިން ބޮޑު ބައެއް ތީމުގޭގެ މަރާމާތަށް ހިނގަނީ އެ އިމާރާތަކީ ވަކި ފެންވަރަކަށް އަދި ވަކި ގޮތްތަކަކަށް މަރާމާތު ކުރަން ޖެހޭ އިމާރާތަކަށް ވާތީ ކަމަށެވެ.
ޑީޖޭއޭގެ ބަޖެޓުން ތީމުގޭގައި ކުރަން ޖެހޭ ބައެއް މަރާމާތުތަކުގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ:
އަދުލު އިންސާފު ފޯރުކޮށްދިނުމާ ގުޅުން ނެތް މަރާމާތުތަކަށް ޝަރުއީ ދާއިރާގެ ބަޖެޓުން ހަރަދު ކުރަން ޖެހޭ
ތީމު ގޭގެ ޕޫލާއި ޕަވާ ބެކަޕް ސިސްޓަމް އަދި ޕަމްޕް ސިސްޓަމް މަރާމާތު ކުރަން ބޮޑު އަދަދެއް ބަޖެޓު ކުރޭ
އެ މަރާމާތުތަކަށް ބަޖެޓުގައި ފައިސާ ހިމެނިޔަސް އެ ކަންކަމަށް ފިނޭންސުން ފަހު ވަގުތު ފައިސާ ދުލެއް ނުކުރޭ
ރިޒްނާ ވިދާޅުވީ އެގޮތަށް ފައިސާ ދޫނުކުރުމުގެ ސަބަބުން ތީމުގޭގެ މަރާމާތުތައް އެކަށީގެންވާ ގޮތަކަށް ނުކުރެވި ޕަވާ ބެކަޕް ސިސްޓަމްގެ ހާލަތު ވެސް ދަށްވަމުން އަންނަ ކަމަށެވެ. އަދި ތީމުގެ އާއި އެ ތަނުގައި ހުރި ތަކެއްޗަކީ ދައުލަތުގެ އަގުހުރި ހަރު މުދާކަން ފާހަގަކުރައްވައި އޭނާ ވަނީ އެ ތަނުގެ މަރާމާތުގެ ކަންކަމަށް އެހެން ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށް އެދިވަޑައިގެންފަ އެވެ. 
"ޕޫލް ބެލެހެއްޓުމާ މިހެން ގޮސް އެ އިމާރާތުގެ މެއިންޓަނެންސަށް ކުރަން ޖެހޭ އަދުލު އިންސާފު ގާއިމް ކުރުމާ ނުގުޅޭ ހަރަދުތައް، އަދުލު އިންސާފު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކުރާ ހަރަދުގެ ތެރޭގައި ނުހިމަނުއްވާ އެ ހަރަދު ބަޖެޓުގެ އެހެން ދިމާލެއްގައި ހިމަނުއްވައިގެން ކުރެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" ރިޒްނާ ވިދާޅުވި އެވެ.
ޑީޖޭއޭގެ އެ ކަންބޮޑުވުމާ ގުޅިގެން ބަޖެޓް ކޮމިޓީގެ މެންބަރުން ވަނީ މާލޭގައި ހުންނަ ކޯޓުތައް ގާއިމް ކުރުމަށް ހަދާ ކޯޓު ކޮމްޕުލެކްސް އެޅުމަށް ބަޖެޓްކޮށްފައިވާކަން ފާހަގަކުރައްވައި އެކަމުގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުން ފިލުވަން ޑީޖޭއޭގެ އޮފިޝަލުންނާ ސުވާލުކުރައްވާފަ އެވެ.
އެ ސުވާލުތަކާ ގުޅިގެން ރިޒްނާ ވިދާޅުވީ:
ކޯޓު ކޮމްޕްލެކްސް ކުރަހައި ޑިޒައިން ކުރުމުގެ މަސައްކަތް ބަޔަކާ ވަނީ ހަވާލުކޮށްފައި؛ ތިން މަސް ތެރޭގައި ނިމޭނެ
އަންނަ އަހަރު ފެށޭ ހިސާބުގައި ކޯޓު ކޮމްޕުލެކްސް އެޅުމަށް ބަޔަކު ހޯދަން ބިޑަށް ލާނެ
"ނިޔާވެހީ"ގެ ނަމުގައި ކޯޓުތަކަށް ހާއްސަ އިމާރާތެއް ހެދުމަށް:
އަންނަ އަހަރުގެ ބަޖެޓުގައި 5 މިލިއަން ރުފިޔާ 
2023 އަށް 8.10 މިލިއަން ރުފިޔާ
2024 އަށް 40.4 މިލިއަން ރުފިޔާ
އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ އިމާރާތް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.5 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ޑީޖޭއޭގެ ބަޖެޓުގެ ހުލާސާ:
ރިކަރަންޓު ހަރަދު - 85.5 މިލިއަން ރުފިޔާ 
ކެޕިޓަލް ހަރަދު - 21.9 މިލިއަން ރުފިޔާ 
ޖުމްލަ ބަޖެޓް - 107.4 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ