އިންޓަ ސްކޫލް 13 އަހަރުން ދަށު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަލާފާން ސްކޫލުން ހޯދައިފި އެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު ކަލާފާނު ސްކޫލުން ކާމިޔާބު ކުރީ 3-0ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ފުރަތަަމަ މިނެޓުގައި ކަލާފާނުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ހުސެއިން އިލްހާމް އިބްރާހިމެވެ. މިއީ އަހުމަދިއްޔާގެ ކީއްޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަަމަ ހާފުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން މާ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިނުވާ އިރު، ކަލާފާނުން ލީޑު ފުޅާކުރުމަށް އެ ޓީމަށް ވަނީ ރަނގަޅު ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ޓީމުގެ މުހައްމަދު ވިފާގު ޖާދުﷲ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެއާ އެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކަލާފާން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ކަލާފާނުން އިތުރު ދެ ލަނޑު ކާމިޔާބު ކުރި އިރު، އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ އިލްހާމެވެ. މިއީ އަހުމަދިއްޔާގެ ހާފު މެދެންހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީއްޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ.
ކަލާފާނުން މެޗުގައި ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ނަޝަމް ނިޔާޒެވެ. މިއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔަކީ ކަލާފާނުގެ ކެޕްޓަން، އިލްހާމެވެ. އެންމެ މޮޅު ކޯޗަކަށް ކަލާފާންގެ ފަރީދު މުހައްމަދު ހޮވުުނު އިރު، ފެއާ ޕްލޭ ޓީމަކީ މަޖީދިއްޔާ ސްކޫލެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމު ކޮށްގެން ބޭއްވި މި ފަހަރުގެ 13 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ޖުމުލަ 36 ސްކޫލަކުން ވާދަކުރި އެވެ.
އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަލާފާނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ