ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފް ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ.
ގާޒީ ހަސަން ދެ ހަފުތާއަށް ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބްރުއަރީ މަހު ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު އެ ކޯޓުގެ މުވައްޒަފުންތަކެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ.
އެ ނިންމުން ގާޒީ ހަސަންގެ ފަރާތުން އިސްތިއުނާފް ކުރުމުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުމުގައިވަނީ ސިންގަޕޫރަށް ގޮސްގެން ކައިވެނި ކޮށްދޭން ގާޒީ ހަސަން ލަފާ ދެއްވީ ކައިވެނީގެ ރަޖިސްޓްރާ އެކަމުގައި އޭނާގެ ލަފައަކަށް އެދުމުން ކަމަށެވެ. އަދި އެކަމަކީ ސިންގަޕޫރު ގާނޫނާއި ރާއްޖޭގެ ގާނޫނު ވެސް ކަނޑައެޅިގެން މަނާކުރާ ކަމެއް ނޫން ކަމަށާއި އެހެންވެ، އެކަމުގައި ގާނޫނާ ކަނޑައެޅިގެން ހިލާފްވެފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
"މި މައްސަލާގައި ގާޒީ ހަސަން ސައީދުގެ މި އަމަލަކީ ޣައިރު ސުލޫކީ އަމަލެއް ނޫން ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެ ނިންމުމުގައިވެ އެވެ.
ޖޭއެސްސީގެ ގާނޫނުގެ ދަށުން އުފެދިފައިވާ ފަނޑިޔާރުންގެ އިސްތިއުނާފްގެ މަޖިލީހުގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ޖުވެނައިލް ކޯޓުގެ ގާޒީ އަހުމަދު ޝަރީފެވެ.
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަކީ ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ސުލޫކީ ފިޔަވަޅުތައް އިސްތިއުނާފް ކުރެވޭ މަޖިލީހެވެ. އެހެން ނަމަވެސް ފަނޑިޔާރުކަމުން ވަކިކުރަން ނިންމާ ނިންމުންތައް އެ މަޖިލީހުގައި އިސްތިއުނާފެއް ނުކުރެވޭނެ އެވެ.
ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރީ ގޯސްކޮށް: އިސްތިއުނާފް މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ