ރެސްލިން ތަޅައިގެން ލިބުނު މެޑަލްތައް ގަންގާ ކޯރަށް އެއްލައިލާނެ ކަަމަށް އިންޑިއާ އަންހެން ރެސްލަރުން ބުނެފި

އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ ރައީސް ރެސްލިން ތަޅާ ބައެއް އަންހެން އެތްލީޓުންނަށް ޖިންސި ފުރައްސާރަ ކުރި މައްސަލަ ހޫނުވެފައި ވާ އިރު، ރެސްލިން ތަޅައިގެން ލިބުނު މެޑަލްތައް ގަންގާ ކޯރަށް އެއްލައިލާނެ ކަމަށް އަންހެން އެތުލީޓުން ބުނެފިއެވެ.
އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ ރައީސް އަދި ބީޖެޕީއަށް ނިސްބަތްވާ މަޖިލީސް މެންބަރު ބްރިޖްބޫޝާން ޝަރަން ސިންގް، އަންހެން އެތްލީޓުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ހޫނުވީ، އެކަމުގައި ކަމާބެހޭ އިދާރާރާއަކުން ފިޔަވަޅެއް ނޭޅުމުންނެވެ. އެތްލީޓުންގެ ޑިމާންޑަކީ، ފެޑެރޭޝަނުން ބުރިޖްބޫޝާން ވަކިކޮށް ހައްޔަރު ކުރުމެވެ. ފެޑެރޭޝަނުން އެކަން ކުރަން ދެކޮޅު ހަދާފައި ވާ އިރު އޭނާ ހައްޔަރު ކުރަން ފުލުހުން ވެސް ހެދީ ދެކޮޅެވެ. އެއާއެކު އެތްލީޓުންނާއެކު ގިނަ ބަޔަކު މަގުތަކަށް ނިކުމެ ބޮޑެތި އިހުތިޖާޖުތައް ކޮށްފައި ވާ އިރު މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ އާ މަޖިލީސް ކުރާ ގެ ހުޅުވި އިރު އެތާނގެ ކައިރީގައި ވެސް އިހުތިޖާޖު ކުރަން އެތްލީޓުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން އެކަމަށް ހުރަސް އެޅުމުން ބޮޑެތި ހަމަނުޖެހުންތައް ހިނގާ ފުލުހުން ވަނީ ގިނަ އަދަދެއްގެ އެތްލީޓުން ހައްޔަރުވެސް ކޮށްފައެވެ.
މަހެއް ވެގެން ދިޔަ އިހުތިޖާޖުތަކުންވެސް ނަތީޖާއެއް ނިކުމެފައި ނުވުމުން އެތްލީޓުން މިހާރު ނިންމާފައި ވަނީ ރެސްލިން ތަޅައިގެން ލިބުނު އޮލިމްޕިކް މެޑަލް އާއ އެނޫންވެސް މެޑަލްތައް ގަންގާ ކޯރަށް އެއްލައިލާށެވެ.
މެޑަލް އެއްލައިލާން ނިންމި އެތްލީޓުންގެ ތެރޭގައި އޮލިމްޕިކް މެޑަލިސްޓް ސަކްޝީ މަލިކް އާއި ބަޖްރަންގް ޕޫނިއާ ވެސް ހިމެނެއެވެ.
އެމީހުން ބުނީ، މެޑަލް ހޯދީ މިންނަތް މަސައްކަތުން ގައުމަށް ރީތި ނަމާއި ޝަރަފް ހޯދައި ދިނުމަށް ކަމަށެވެ. އެ އަގުހުރި މަސައްކަތް އޮންނަން އެންމެ ރަނގަޅު ތަނަކީ، އިންޑިއާގެ ހިންދޫން ގަބޫލު ކުރާ އެންމެ މާތް ގަންގާ ކޯރުގައި ކަމަށެވެ. އެހެންކަމުން މެޑަލްތައް އެއްލައިލާނީ ކަމަށެވެ. އިތުރަށް އެމީހުން ބުނީ މެޑަލްތައް އެއްލައިލާނީ، ހިންދޫން ގަބޫލު ކުރާ މުގައްދަސް ފައްޅިތައް ހުންނަ ސިޓީ ކަމަށް ވާ ހަރިދްވާރަށް ގޮސް އެ ތަނާ ގުޅިފައި އޮންނަ ކޯރަށެވެ. ގަންގާ ކޯރަކީ އިންޑިއާގެ އެއްކޮޅުން އަނެއް ކޮޅަށް ގޮސް، ނޭޕާލް އަދި ބަންގްލަދޭޝް އާ ހިސާބަށް ވެސް ދެމިގެން ގޮސްފައި އޮންނަ ކޯރެކެވެ. އެ ކޯރު އެކި ސަރަހައްދުތަކާ ގުޅޭ ހިސާބަށް ތަފާތު ނަންނަންވެސް ކިޔައެވެ.
މި އެލްތީލުން މެޑަލް އެއްލައިލާ ވާހަކަ ސުރުހީތަކަށް އެރީ، މީގެ ކުރިން މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މުހައްމަދު އަލީ، އެމެރިކާގެ ލުއިސްވިލީގައި ހުރި ރެސްޓޯރަންޓަކަށް ނުވެއްދުމުން އޭނާ އަށް 1960 ގައި ލިބުނު އޮލިމްޕިކް ގޯލްޑް މެޑަލް އޮހިއޯ ކޯރަށް އެއްލައިލާފާ ވާތީ އެކަމާވެސް ގުޅުވައެވެ. އޭރު މުހައްމަދު އަލީ ރެސްޓޯރަންޓަށް ނުވެއްދީ އެމެރިކާގައި އޮންނަ ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުންނެވެ. މުހައްމަދު އަލީ އަކީ އެމެރިކާގެ ކަޅު ނަސްލުގެ އެތްލީޓެކެވެ. އެ ރެސްޓޯރަންޓް އޭރު ހިންގީ ދޮން ނަސްލުގެ މީހެކެވެ.
އެލްތީލުން ބުނީ މެޑަލް އެއްލައިލުމަށް ފަހު ވެރިރަށް ނިއު ދިއްލީގައި ހުންނަ ބްރިޓިސް އިސްތިއުމާރުގެ ރަމްޒެއް ކަމުގައި ވާ އިންޑިއާ ގޭޓް ކައިރީގައި ހައިހޫނު ކަމުގެ ހަޅުތާލެއް ފަށާނެ ކަމަށެވެ.
ބްރިޖްބޫޝާންގެ މައްސަލަ މިހާ ހޫނުވެފައި ވާ އިރުވެސް އޭނާ ހައްޔަރު ކުރާކަށް އިދާރާތަކަކުން ނޫޅެއެވެ. ނަމަވެސް އެކި ފަރާތްތަކުންގެ ޕްރެޝަރާ ހެދި އޭނާގެ ބައެއް އިދާރީ ބާރުތައް ވަނީ ހިފަހައްޓާފައެވެ. އެތްލީޓުން ބޭނުން ވަނީ މިހާރު 66 އަހަރުވެފައިވާ ބްރިޖްބޫޝާން ހައްޔަރު ކުރާށެވެ. އެގޮތުން އޭނާ ހައްޔަރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުުރު ނެރެދޭން އެތްލީޓުން ވަނީ ސްޕްރީމް ކޯޓަށްވެސް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ