ޓެކްސީން ހޯދީ ކޯޓުން މިނިވަންވި ބޮޑު ނެޓްވޯކުގެ ޑްރަގް

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ މާލޭގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ޓެކްސީއަކުން ހޯދި 119 ކިލޯގެ ޑްރަގަކީ، މިދިޔަ ސެޕްޓެމްބަރު މަހު ޑްރަގު ޓްރެފިކިންގެ ދައުވާ ސާބިތު ނުވެ، ކްރިމިނަލް ކޯޓުން މިނިވަންވި ތިން މީހަކު ހިމެނޭ ގޮތުން ރާއްޖެއަށް އެތެރެކުރި ތަކެތި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. 
އެނގުން މުހިންމު - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑީޕާޓްމަންޓް (ޑީއީޑީ) އިން މާލޭގައި ހިންގި އެ އޮޕަރޭޝަނެއްގައި ބުރުޒުމަގުން ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތެވެ. 
ވީ ކިހިނެއް؟ - ފުލުހުން މިއަދު ވަނީ އެ އޮޕަރޭޝަނާ ގުޅޭ ތަފްސީލާއި އެ މައްސަލައިގައި ތުހުމަތުކުރާ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ.
ތަފްސީލް - އެ އޮޕަރޭޝަންގައި ޓެކްސީ ހުއްޓުވައި ހައްޔަރުކުރީ:
އަހްމަދު ސުނައިނު (25އ) - ގދ. ހޯޑެއްދޫ/އިރުމަތީގެ
އަލީ ޒުބައިރު (52އ) - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، ޓެކްސީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓް ފެނުނު ކަމަށެވެ.
މައްސަލަ އިތުރަށް ތަހުގީގުކުރުމުން، ޓެކްސީން ފެނުނު ތަކެއްޗަކީ މި މަހުގެ 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި 'ބަންގާ' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް ގެނައި މަސްތުވާތަކެތިކަން ހޯދުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ތަކެތި މާލެއަށް އެރުވި ކަމަށް ފުލުހުން ތުހުމަތުކުރަނީ އަލީ ޒުބައިރުގެ އިތުރުން:
މުހައްމަދު އަކްރަމް އަބްދުލްހަންނާން (31 އ) - ގދ. ހޯޑެއްދޫ/ދޯދި
އަހްމަދު މުޖާހިދު (29އ) - ގދ. ހޯޑެއްދޫ/އަލޯރާ
އެ މީހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑި ދަށުން ފަސް ރަބަރު ޕެކެޓް ވެސް ފުލުހުން ހޯދި އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި، އެ ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރީ ގދ. ހޯޑެއްދޫ/އަލޯރާ، އަރުޝަދު ހާލިދު، 26، އެވެ.
އެގޮތުން، މި މައްސަލައިގައި ހިމެނޭ އެހެން މީހުންނާ އަރުޝަދު ހާލިދު ބައްދަލުކޮށް، އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ފަހު އަރުޝަދު ހާލިދާއި މުހައްމަދު އަކްރަމް އަބްދުލްހަންނާން ވަނީ، ފުލުހުން ބުނި ގޮތުގައި، މި މަހުގެ 12ގައި ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފަ އެވެ. 
މި މައްސަލައިގައި ހިމެނޭ އަރުޝަދު ހާލިދާއި އަލީ ޒުބައިރު އަދި އަހްމަދު ސުނައިނަކީ މިދިޔަ އަހަރު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެންމެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންނެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި، މި ނެޓްވޯކުގެ އެންމެ އިސް މީހަކީ އަރުޝަދު ހާލިދެވެ. އަދި އެ މީހުން ޑްރަގް ވިޔަފާރިކުރަނީ ވަރަށް ގިނަ ބަޔަކު ބައިވެރިވެގެން، ވަރަށް އިންތިޒާމުވެގެން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި 4.6 މިލިއަން ރުފިޔާ އަތުލައިގަތެވެ. އެ މަސްތުވާތަކެއްޗާއި ފައިސާއާ ގުޅޭ ކަމަށް ތުހުމަތުކޮށް ފުލުހުން އަށް މީހަކު ހައްޔަރުކޮށް، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލި އެވެ. އެ ދައުވާ ސާބިތުވީ ދެ މީހުންގެ މައްޗަށެވެ. އަނެއް ހަ މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވެ، މިނިވަންވީ އެވެ.
އަރުޝަދު ހާލިދު ދިރިއުޅޭ ތަނުން އެއްވެސް ޑްރަގެއް ނުފެނުނު ނަމަވެސް، އޭނާއާ ގުޅުންހުރި ތަންތަނުގައި ހުރި ތިޖޫރިތަކުން ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދި އެވެ. އެގޮތުން، އަރުޝަދު ހާލިދު ދިރިއުޅޭ ކޮޓަރިން ހޯދި ފައިސާގެ ތެރޭގައި:
ވޮލެޓުން ފެނުނު 29،765ރ. 
މޭޒެއްގެ މަތީ އޮތް ފޯނެއްގެ ދަށުން 50،000ރ. 
ކަބަޑެއްގެ ތެރެއިން 88،000ރ.
އޭނާގެ އަތުގައި އޮތް ތަޅުދަނޑިއެއް ބޭނުންކޮށްގެން އެ މައްސަލައިގައި ހައްޔަރުކުރި އެހެން މީހެއްގެ ކޮޓަރީގައި ހުރި ތިޖޫރީއެއް ބެލި އިރު ގިނަ އަދަދެއްގެ ފައިސާ ފެނުނެވެ. ނަމަވެސް، އަރުޝަދު ހާލިދު ބުނީ އެ ތަޅުދަނޑި އަކީ އޭނާގެ ރަށުގައި ހުރި ތިޖޫރީއެއްގެ ތަޅުދަނޑި ކަމަށެވެ.
ފައިސާގެ އިތުރުން، ޑިއުޓީ ބަހައިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޮތުގެ ނޯޓްސް އޭނާގެ ފޯނުގައި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، އަރުޝަދު ހާލިދު ބުނީ އެ ފައިސާ އަކީ އޭނާ ހުއިފިލަނޑާގެ ވިޔަފާރިންނާއި މަސް ވިއްކައިގެން ހޯދާފައިވާ ފައިސާ ކަމަށާއި ފޯނުގައި ހުރި ނޯޓްސް އަކީ ވެސް އެ ވިޔަފާރިއާ ގުޅުން ހުރި ނޯޓްސް ކަމަށެވެ. އެކަން ސާބިތު ކުރުމަށް އޭނާގެ ފަރާތުން ހެކި ހުށަހެޅި އެވެ. އަދި ޝަރީއަތުން ވެސް ނިންމީ އަރުޝަދު ހާލިދަށް 'ބެނެފިޓް އޮފް ދަ ޑައުޓް' ދިނުމަށެވެ.
އަލީ ޒުބައިރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ސާބިތު ނުވީ، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރަން ވަނުމުގެ ތެރޭގައި ފުލުހުން ހެދި ގޯހެއްގެ ސަބަބުންނެވެ.
ދައުވާގައި އޮތީ، ޒުބެއިރު ދިރިއުޅޭ ގެއަށް ވަނީ އޭނާގެ އަތުން ފެނުނު ތަޅުދަނޑި ބޭނުންކޮށްގެން އޭނާގެ ހާޒިރުގައި ކަމަށެވެ. ނަމަވެސް:
ފުލުހުން ވަނީ އޭނާ އެ ތަނުގައި ނެތް ވަގުތެއްގައި، ބާރުގެ ބޭނުންކޮށްގެން ގޭގެ ދޮރު ވައްޓާލައިގެން 
ގޭގައި މީހަކު ނެތުމުން ފުލުހުން ގެއަށް ނުވަދެ ސީން "ހޯލްޑްކޮށްގެން" ތިބި 
ފުލުހުން އޭނާ ނެތް ވަގުތެއްގައި ދޮރު ހުޅުވާފައި ވާތީ، އެ ގެއިން ފެނުނު ތަކެއްޗާ މެދު ޒުބައިރު ޝައްކު އުފެއްދި 
ކްރިމިނަލް ކޯޓުން ވެސް ބުނީ ފުލުހުން ހޯދި ހެއްކާ މެދު ޝައްކު އުފެދޭ ކަމަށް
އަލީ ޒުބައިރު އަތުން ފެނުނު ތަޅުދަނޑިއަކުން ކޮޓަރިއެއްގެ ދޮރު ހުޅުވައި ބަލައި ފާސްކުރި އިރު:
އަލަމާރިއެއްގެ ތެރޭގައި އޮތް ޖޫސްޕެޓީ ދެ ކޮތަޅުން 199 ގްރާމް ޑައިމޯފިން ފެނުނު 
ކަރުދާސް ފޮށިގަނޑަކުން ޑިޖިޓަލް ކައްޓާއެއް ފެނުނު 
ގޮދަޑި ދަށުގައި އޮތް ރަބަރު ޕެކެޓެއްގައި މަސްތުވާތަކެތި ހޭކިފައި ހުރި 
ކުޑަ ކަބަޑެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓެއްގައި 1.89 ގްރާމް ޑައިމޯފިން ހުރި 
ހަމަ އެ ކަބަޑުން ފެނުނު 72 ރަބަރު ޕެކެޓުގައި 5.8 ގްރާމް ޑައިމޯފިން ހުރި 
އެ ކަބަޑުގައި އޮތް ދެ ޕެކެޓުން 4 ގްރާމް ކޮކެއިން ފެނުނު 
ފާހާނާ ދޮރުގެ ދެ ފިލާގަނޑު ދޭތެރޭގައި ހުރި ރަބަރު ޕެކެޓުތަކަކުން 14 ގްރާމް ޑައިމޯފިން ފެނުނު 
އިތުރު ރަބަރު ޕެކެޓުތަކަކުން 1.1 ގްރާމް ޑައިމޯފިން ފެނުނު 
އޭނާގެ އަތުން 5،880ރ. ފެނުނު 
ކޮޓަރީގެ ވަތްގަނޑަކުން އިތުރު 35،100ރ. ފެނުނު 
އެ ކޮޓަރީގައި ހުރި ތުވާއްޔަކުން ނެގި ޑީއެންއޭ އަލީ ޒުބައިރުގެ ޑީއެންއޭއާ ދިމާވޭ
އެ އޮޕަރޭޝަންގައި އަހްމަދު ސުނައިނު ދިރިއުޅޭ ތަނުން ވެސް މަސްތުވާތަކެތި ފެނިފައެއް ނުވެ އެވެ. ނަމަވެސް، އޭނާ އުޅޭ ކޮޓަރިން، ބަނގުރާ ހުސްކުރި ދެ ފުޅި އާއި ފައިސާ ގުނަން ބޭނުންކުރާ މެޝިނަކާއި ހުސް ރަބަރު ޕެކެޓުތަކެއް ފެނުނެވެ.
އެ މައްސަލައިގައި ހިމެނޭ ސައިކަލެއްގެ މަޑި ދަށުން ހޯދި މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓުން ސުނައިނުގެ ފިންގަޕްރިންޓް ފެނުނެވެ. އަދި މަސްތުވާތަކެތި ފެނުނު ލަގެޖު ފޮށްޓަކުން ވެސް އޭނާގެ ފިންގަޕްރިންޓް ފެނުނެވެ.
ނަމަވެސް، ސައިކަލެއްގެ މަޑި ދަށަށް ކޮންމެ މީހަކަށް ވެސް އެއްޗެއް ލެވިދާނެތީ، މަޑި ދަށުން ހަމައެކަނި މަސްތުވާތަކެތި އަދި ފެނުމަކީ އެ ތަކެއްޗަށް ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށް ހައި ކޯޓުން މީގެ ކުރިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ