އިސްރާއީލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް އަވަސްކުރަނީ

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތި ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ގިނަ ދުވަސްތަކަކަށް ކޮމިޓީގައި އޮތް އެ މައްސަލަ ނިންމާނެ ތާރީހެއްގެ ގޮތުގައި ކޮމިޓީން މީގެ ކުރިން ކަނޑައެޅީ އަންނަ ފެބްރުއަރީ މަހެވެ. އަދި މިއީ ބޮޑު މުހިންމު މަސައްކަތަކަށް ވާތީ މިކަމުން ކަމާ ގުޅުން ހުރި ހުރިހާ އިދާރާއަކުން މައުލޫމާތު ސާފުކުރުމަށް ނިންމާ ހުރިހާ ސިޔާސީ ޕާޓީތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި މަޓީ އާއި އެހެނިހެން އެންޖީއޯތަކާ މަޝްވަރާ ކުރަން ބޭނުންވާކަން އެންގުމަށް ޑިސެމްބަރު މަހުގެ ނިޔަލަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމާފައިވެ އެވެ.
އެއީ ތިން މަހުގެ ދިގު މުއްދަތަކަށް ވާތީ އެކަމާ ގުޅިގެން އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފަ އެވެ.
އޭގެ ފަހުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އެ ސުންގަޑި އަވަސްކުރަން ޖެހޭ ކަން އިއުލާންކުރައްވާ އެކަމަށް ބައެއް އިދާރި ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެއާއި އެކު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ މާދަމާއިން ފެށިގެން އިދާރާތައް ހާޒިރުކޮށް މައުލޫމާތު ސާފުކޮށް އެއްކުރަން ފަށަން ހުށަހަޅާފަ އެވެ. އެއާއި އެކު ޑިސެމްބަރު މަހުގެ ނިޔަލަށް ސިޓީ ފޮނުވަން އޮތް އޮތުން ވަރަށް ބޮޑުތަން އަވަސް ވެގެންދާނެ އެވެ.
މެމްބަރު ޝާހިދުގެ މި ހުށަހެޅުން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅީ އިދިކޮޅު އެމްޑީޕީން މިދިޔަ މޭ 29 ވަނަ ދުވަހު އެވެ. އަދި އެ ދައުރު ނިމި އާ ދައުރެއް ފެށިގެން ދުވަސް ވެފައިވާއިރު ވެސް އެ މަސައްކަތް ނުނިމި ދިގުދެމިގެންދާތީ، ދާދި ފަހުން އެމްޑީޕީން ވަނީ އަވަސްކޮށްދިނުމަށް އެދި ގަރާރެއް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ޕީއެންސީ މެޖޯރިޓީ އޮންނަ މަޖިލީހުން ގަރާރު ބަލައި ނުގަނެ ބޭރުކޮށްލުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ