468 ކިލޯ ޑްރާގާއި އެކު ރާއްޖެ އެތެރެވި ލަންކާ ބޯޓެއް އަތުލައިގެންފި

468 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ރާއްޖެ އެތެރެވި ލަންކާ މަސް ބޯޓެއް އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ފުލުހުންނަށް އެމްއެންޑީއެފް އިން ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.
މި ބޯޓު އަތުލައިގަތީ ހދ. މަކުނުދޫ ބޭރުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ސިފައިން ކަމަށެވެ. ބޯޓު އަތިލައިގަތް އިރު، ބޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ ޕްރެލިމިނަރީ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން 344 ކިލޯއަކީ މެތު އަދި 124.6 ކިލޯ އަކީ ކޮކެއިން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ. އެ ތަކެއްޗާއި އެކު ސްރީ ލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ވެސް ތިބި ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާތީ ބޯޓުގައި ހުރި މަސްތުވާތަކެއްޗާއި އެއްވެސް ދިވެއްސަކާ ގުޅުމެއްވާކަން ތަހުގީގުގެ މި މަރުހަލާގައި އަދި ދަންނަވަން ދަތި ކަމަށެވެ.
ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ މިއަދު ހިފެހެއްޓި ތަކެތީގެ ވީޑިއޯ ފުޓޭޖުތައް ދައްކާލާފައެވެ. ފުލުހުން ބުނިގޮތުގައި މި ބޯޓު މިހާރު އޮތީ ހދ. ކުޅުދުއްފުށި ބަނދަރު ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ