ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މަމްސް އެއިޑް ޖަމުޢިއްޔާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ހާލު ކިހިނެއް؟' އަދި އިޖުތިމާޢީ ބަދަހި މަދަދުވެރިން، "އިބަމަ" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް ހެދޭ އިންޓަވެންޝަން ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަމްސް އެއިޑްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އަދި ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށާއި، މައްސަލަތަކާ ގުޅިގެން އަނިޔާލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުޒާރާގެ މެންޑޭޓުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން ވުޒާރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވުޒާރާގެ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަމްސް އެއިޑްއިން ކުރާ މަސައްކަތްތަކުގައި ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބި ޢާއިލާތަކާއި، ވަކި ފަރުދުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއެކު، އެމީހުންނަކީ އަމިއްލަ މަސައްކަތުން އުޅޭނޭ ބަޔަކަށް ހެދުމަށް، މަމްސް އެއިޑްއިން ހިންގާ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ވުޒާރާއިން ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މަމްސް އެއިޑްއިން ފަހިކޮށްދިނުމަށް މި ފަހުމުނާމާގެ ދަށުން އެއްބަސްވެއެވެ.
އެއާއެކު، ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މިފަދަ ޕްރޮގުރާމުތައް އާންމުންގެ މެދުގައި ޕްރޮމޯޓްކުރުމަށްވެސް މި ފަހުމުނާމާގެ ދަށުން އެއްބަސްވެއެވެ.
އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އަމާޒެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މަމްސް އެއިޑް ޖަމުޢިއްޔާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ