ނާޖާއިޒު ފައިދާ ނެގުމުން ގޫގުލް 465 މިލިއަން ޔޫރޯ ދޭންޖެހިއްޖެ

ނާޖާއިޒު ފައިދާ ނެގުމުން ގޫގުލް 465 މިލިއަން ޔޫރޯ ދޭން ޖެހިއްޖެއެވެ. ޖަރުމަނުގެ ޕްރައިސް ކޮމްޕެރިޒަން ޕްލެޓްފޯމެއް ކަމަށްވާ އައިޑިއަލޯއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 465 މިލިއަން ޔޫރޯ (542 މިލިއަން ޑޮލަރު) ދިނުމަށް، ގޫގުލްގެ މައްޗަށް އަމުރުކޮށްފައިވަނީ ބާލިންގެ ކޯޓަކުންނެވެ. ކޯޓުން މި ހުކުމް ކުރީ، ގޫގުލްއިން ބާޒާރުގައި އެ ކުންފުންޏަށް ލިބިފައިވާ ބާރުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ. ކޯޓުގެ ތަރުޖަމާނަކު ވިދާޅުވީ، ދެ މައްސަލައެއްގައި ގޫގުލްއިން ބާޒާރުގެ ބާރުގެ ނާޖާއިޒު ފައިދާ ނަގާފައިވާކަން ސާބިތުވާ ކަމަށާއި، މި ދެ ހުކުމަކީ ވެސް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ދެ ހުކުމް ކަމަށެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ޖަރުމަނުގެ މީޑިއާ ގްރޫޕް އެކްސެލް ސްޕްރިންގާގެ ދަށުން ހިނގާ އައިޑިއަލޯއިންނެވެ. އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި 2008 އާއި 2023 އާ ދެމެދު ގޫގުލްގެ ސާޗް އިންޖީނު ބޭނުންކޮށްގެން ޕްރައިސް ކޮމްޕެރިޒަންގެ ބާޒާރުގައި ގަވާއިދާ ހިލާފަށް ވާދަވެރިންނަށްވުރެ އިސްކަންދީފައިވެއެވެ. އައިޑިއަލޯއިން ވަނީ އިންޓަރެސްޓާއެކު ޖުމްލަ 3.3 ބިލިއަން ޔޫރޯގެ ބަދަލު ހޯދުމަށް އެދިފައެވެ. https://sun.mv/213539 ހުކުމާ ގުޅިގެން އައިޑިއަލޯގެ ކޯ-ފައުންޑާ އަލްބްރެކްޓް ވޮން ސޮންޓާގް ވިދާޅުވީ، ބާޒާރުގެ ނާޖާއިޒު ފައިދާ ނެގުމަކީ، އެކަމުގެ ނަތީޖާ އާއި ޖޫރިމަނާއަށް ފަހުވެސް ފައިދާވާ ވިޔަފާރީގެ މޮޑެލްއަކަށް ވެގެން ނުވާނެ ކަމަށާއި، އެހެންކަމުން އެ ކުންފުނިން ގޫގުލްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން، ޖަރުމަނުގެ އެހެން ޕްރައިސް ކޮމްޕެރިޒަން ސައިޓެއް ކަމަށްވާ ޕްރޮޑަކްޓޯ ހިންގާ ކުންފުންޏަށް ވެސް 107 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 125 މިލިއަން ޑޮލަރުގެ ބަދަލު ދިނުމަށް ކޯޓުން ވަނީ ގޫގުލްގެ މައްޗަށް އަމުރުކޮށްފައެވެ. ގޫގުލްގެ ތަރުޖަމާނަކު ވިދާޅުވީ، އެ ކުންފުނިން މި ހުކުމްތަކާ ދެކޮޅު ހަދާ ކަމަށާއި، މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި ވާދަވެރި ކޮމްޕެރިޒަން ޝޮޕިން ސާވިސްތަކަށް އެ ކުންފުނީގެ "ގޫގުލް ޝޮޕިން"އާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް 2017 ވަނަ އަހަރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އެ ބަދަލުތައް ކާމިޔާބުކަން ސާބިތުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ