ނޭޕާލަށް ވީހެން ރާއްޖެއަކަށް ނުވާނެ، ދިވެހީން މާ އިޚުލާސްތެރިވާނެ: ނާޒިމް
ނޭޕާލްގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ހިމެނޭހެން ގިނަ ބަޔަކު ނުކުމެ ހިންގި ފަދަ ހަމަނުޖެހުންތަކެއް މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލުގެ ސަބުބުން ނުހިނގާނެ ކަމަށާއި އެއަށް ވުރެ ދިވެހީން އިޚުލާސްތެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ. 'ސަންގު ޓީވީ'ގެ ޕްރޮގްރާމެއްގައި ވަނީ މީޑިއާ ބިލުގެ ސަބަބުން ނޭޕާލަށް ދިމާވި ހާލަތު ރާއްޖެއަށް ދިމާވެދާނެތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ނާޒިމް ވިދާޅުވީ، ނޭޕާލަކީ މާޒީގައި ކޮރަޕްޝަން ފަދަ ކަންކަމަށް ފިޔަވަޅު ނޭޅި އޮތް ގައުމެއް ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ބޭނުން އެއްޗެއް ސޯޝަލް މީޑިއާގައި ލިޔުމުގެ ބާރު ރާއްޖޭގައި ލިބިފައި އެބައޮތް ކަމަށެވެ. ރައްޔިތުން ލައްވާ ގޯހެއް ހަދުވަން ނޭޕާލާ އަޅާ ކިޔަސް އެކަމެއް ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ރައްޔިތުންނަކީ އެއަށް ވުރެ އިޚުލާސްތެރި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/211305 ރައްޔިތުން ކައްކުވަން ނޫނީ ރައްޔިތުން ލައްވާ ގޯހެއް ހައްދުވަން ވެގެން ނޫނީ، އެހެން ހަދައިގެން މިއީ ނޭޕާލްކަމަށް ލަންކާ ކަމަށް ބަންގްލަދޭޝް ކަމަށް. އެހެނެއް ނުވާނެ. ރާއްޖޭގެ ރައްޔިތުންނަކީ އެއަށް ވުރެ އިޚުލާސްތެރި ބައެއް. ތަންދޮރު ދަންނަ ވެސް ބައެއް. އެގޮތަށް ސްޕިން ޖައްސައިގެން އެކަން ކުރައްވަން އުުޅުއްވުމަކީ ބުއްދިވެރި ކަމެއް ވެސް ނޫން ކަންނޭނގެ. އަދި ވާނެ ކަމަކަށް ގަބޫލެއް ނުކުރަން،މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދިއްގަރު ދާއިރާއިން އިންތިޚާބުވެވަޑައިގެން ނާޒިމް ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީއަކީ ވަރަށް ހުޅުވިފައި, ރަނގަޅަށް އޮތް އެއްޗެއް ކަމަށެވެ. އެހެންވެ، ރާއްޖެއާއި އެ ގައުމުތަކާ އަޅާނުކިޔޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެކަމަކު، ސޯޝަލް މީޑިއާގައި ލިޔުމުގެ މިނިވަންކަން ވެސް އޮންނަންވާނީ ޒިންމާދާރުކޮށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ. https://sun.mv/211094 ފާހަގަކޮށްލެވޭ ގޮތުގައި ނޭޕާލްގެ މަސްރަޙު ހޫނުވީ ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުން ހުއްޓުވަން ކަމަށް ބުނެ ސޯޝަލް މީޑިއާގެ 26 ޕްލެޓްފޯމެއް މަނާކުރަން ނިންމުމުންނެވެ. އެއީ، ކޮރަޕްޝަނާއި ވައްކަން ފޮރުވަން ނިންމި ނިންމުމެއް ކަމަށް ބުނެ އެ ގައުމުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. އެ މުޒާހަރާތަކުގައި ޒުވާނުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުން ދިޔައީ ސަރުކާރުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށާއި އޭގެ ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށް ބުނެއެވެ. އެ މުޒާހަރާތަކުގައި ގައުމުގެ ލީޑަރުންނާއި ކުރީގެ ލީޑަރުންގެ ގެކޮޅުތަކުގައި ރޯކޮށް، އޭގެ ތެރެއިން ބައެއް މީހުން ހިފަހައްޓައި އަނިޔާކޮށް ހެދިއެވެ. އަދި، ސަރުކާރުން އިސްތިއުފާ ދިނުމުން ވެސް މުޒާހަރާތައް ކުރިއަށްގެންގޮސް، ސަރުކާރު އިމާރާތްތަކަށް ގެއްލުންދީ، ވިޔަފާރިތައް ލޫޓުވައިފައިވެއެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ވެސް ހަވާލުވިއެވެ. https://sun.mv/211104 އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ވެސް ވަނީ އިސްތިއުފާދެއްވައި، ގައުމު ދޫކުރައްވާ ފިއްލަވާފައެވެ. ފާހަގަކުރެވޭ ގޮތުގައި، މީޑިއާތައް ބަލަހައްޓާ ކޮމިޝަނެއް އެކުލަވާލައި، މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އެކުލަވާލައިފައިވާ ބިލު މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލާ މެދު ނުރުހުން ފާޅުކޮށް، ބިލު ބޭރުކޮށްލަން ގޮވާލަމުންނެވެ. ބިލު މިހާރު އޮތްގޮތުން ރާއްޖޭގައި ވެސް ސޯޝަލް މީޑިއާ ރެގިއުލޭޓްކުރެވޭނެ ގޮތަށް ފުރުސަތު ހުޅުވިފައި އޮވެއެވެ. މީޑިއާ ބިލަށް ޚިޔާލު ދިން ހުރިހާ ނޫސްވެރިންނާއި މީޑިއާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ