ތިން ވަނަ ކުއާޓާގައި އުރީދޫއަށް 180 މިލިއަން ރުފިޔާގެ ސާފު ފައިދާ
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫއަށް 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ސާފު ފައިދާއެއްގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.އުރީދޫން ބުނީ މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އަކީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު %1 އިތުރު އަދަދެއް ކަމަށެވެ.އެ މުއްދަތުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %8 އިތުރު އަދަދެކެވެ.ތިންވަނަ ކުއާޓަރުގައި އުރީދޫއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ހިދުމަތްތަކުންނެވެ. އެ ހިދުމަތްތަކުން 404 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ފިކްސްޑް ބްރޮޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން އާމްދަނީއަށް ލިބިފައިވަނީ 143 މިލިއަން ރުފިޔާ އެވެ.މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫ ހިންގުމުގެ ހަރަދަށް 337 މިލިއަން ރުފިޔާ ހަރަދުވެފައި ވެއެވެ. ދެވަނަ ކުއާޓަރުގައި އުރީދޫ ހިންގުމުގެ ޚަރަދުގެ ގޮތުގައި 348 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކަ އެވެ.ތިން ވަނަ ކުއާޓަރުގައި ވެސް އުރީދޫން ވަނީ ކަސްޓަމަރުންނާ ގުޅުންހުރި ގިނަ ހިދުމަތްތަކެއް ތައާރަފުކޮށް، ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.އުރީދޫ މޯލްޑިވްސްއިން ވަނީ މާލީ ގޮތުން ހޯދި މި ކާމިޔާބީއަކީ، ކުންފުނީގެ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ އިތުބާރާއި، މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމުގައި ފާހަގަކޮށްފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް އިތުރަށް މަސައްކަތްކުރުމުގެ ކަށަވަރުކަންވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ