ކުރިއަށްދާ މަޝްރޫއުތައް 2 އަހަރުން ނިންމަން ބާރުއަޅާނަން: ޒަމީރު

މިހާރު ކުރިއަށްދާ މަޝްރޫއުތައް ގިނަވެގެން 24 މަސް ދުވަހުގެ ތެރޭގައި ނިންމަން ބާރުއަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ އެކު ބަޖެޓު ދިރާސާކުރާ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ސުވާލު ކުރެއްވީ ދާއިރާތަކުގެ މަޝްރޫއުތަކާ ގުޅޭގޮތުންނެވެ.
ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ފެށުމަށްފަހު އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އެބަހުއްޓެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންޓްރެކްޓް ބާތިލުކޮށްގެން ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރިއިރު، މިހާރު މަސައްކަތް އަލުން ފަށާފައިވާ މަޝްރޫއުތައް ވެސް ހިމެނެ އެވެ.
"އަޅުގަނޑަށް ކިހާވަރެއްގެ ޔަގީންކަމެއް ދެއްވަފާނަންތޯ މި ބަޖެޓުގެ ތެރެއިން އެ ކަންކަން ހިނގާނެކަން،" މެމްބަރު ޝަރީފް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ މިހާރު ހިނގަމުން އަންނަ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ކޭޝްފްލޯ މެނޭޖުކުރާނެ ގޮތްތަކާ ބެހޭގޮތުން އެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރަނީ 8.3 ބިލިއަންގެ ބަޖެޓުގެ ތެރެއިން އެއަށް ވެސް ފައިނޭންސް ކުރެވިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
ތަފްސީލު - ޒަމީރު ވިދާޅުވި ގޮތުގައި ހުއްޓިފައި ހުރި މަޝްރޫއުތަކާ މެދު މި ސަރުކާރުން އަމަލުކުރީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ހުއްޓިފައި ހުރި މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރުމެވެ. އަދި ބައެއް މަޝްރޫއުތައް އަލުން އިއުލާންކޮށް، އާ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމެވެ.
"އަޅުގަނޑުމެން ޓާގެޓުކުރަނީ އެގޮތަށް މިހާރު ހިނގާ މަޝްރޫއުތައް ގާތްގަނޑަކަށް 18 މަސް ނޫނީ އެންމެ ގިނަވެގެން ވެސް 24 މަސް ދުވަހުގެ ތެރޭގައިި ހުރިހާ މަޝްރޫއުތައް އެއްކޮށް ނިންމޭވަރަށް ޕުޝް ކުރެވޭތޯ،" ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ވަރަށް ޔަގީން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެކަން."
ޖުމްލަ ބަޖެޓު - 64 ބިލިއަން ރުފިޔާ
ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ
ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ
ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ
ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ
ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ