ބޭރަށް ނުކުމެ ރަށުތެރޭގައި ހިނގައިލުމުން، ނުވަތަ އަތިރިމަތީގައި ޖޯލިފައްޗެއްގައި އިށީނދެ ވާހަކަދައްކާލަން ތިބެލުމުން، އަހަރެމެންގެ ނަފްސަށް ހިތްހަމަޖެހުން ލިބޭ ހެއްޔެވެ؟ އެހެންވިއްޔާ އެއީ އަހަރެމެންނަށް ކުރެވޭ ޚިޔާލެއް ނޫނެވެ. އެއީ އަހަރެމެންގެ ވަށައިގެންވާ ގުދުރަތީ ނިޒާމާއި އަހަރެމެންގެ ހަށިގަނޑާ ލާމެހުމުން، އަހަރެމެންގެ ނަފްސަށް ލިބިދޭ އިހްސާސެކެވެ.
ގޭތެރޭގެ މާހައުލު ދޫކޮށް ބޭރަށް ނުކުމެ، ގުދުރަތީ މާހައުލުގެ ތެރެއަށް ނަޒަރު ހިންގައި ނޭވާލައި ހަރަކާތްތެރިވެ އުޅުމަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް އީޖާބީ ބަދަލުތަކެއް ގެނުވާ ކަމެއްކަން އިލްމީ ހޯދުންތަކުން ސާބިތުވެއެވެ. ހަށިގަނޑުގައި އުފައްދާ ސްޓްރެސް ހޯމޯންގެ މިންވަރު ދަށްކުރުމާއި، ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައިދިނުމާއި، ހަޖަމުކުރުމުގެ ނިޒާމާއި އެތެރެހަށީގެ ގުނަވަންތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގައި ވެސް އެހީތެރިވެދެއެވެ.
ގުދުރަތީ މާހައުލުގެ ތެރެއިން ހަށިގަނޑަށް ލިބެންވާ މަންފާ ހޯދުމަށްޓަކައި، ގަޑިއިރުތަކެއް ވަންދެން ރަށު ތެރޭގައި ނުވަތަ ޕާކު/ސްޓޭޑިއަމް ފަދަ ތަނެއްގައި ހިނގާކަށް ނުޖެހެއެވެ. އެންމެ ވިއްސަކަށް މިނެޓުން ވެސް އެ ފައިދާ ހޯދިދާނެއެވެ. އެންމެ ވިއްސަކަށް މިނެޓުން ވެސް މިކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދިދާނެއެވެ.
ކައްކާ ކާން ހަދައި ތަށިތައް ދޮވެ ވަރުބަލިވެއްޖެ ނޫން ހެއްޔެވެ! އަދި އެއްޗެހި ވެސް ދޮންނަން ޖެހޭ ނޫން ހެއްޔެވެ! ދަރިފުޅު ބަލައި ސްކޫލް ދޮށަށް ވެސް ދާންޖެހޭ ނޫން ހެއްޔެވެ! ލިބުނު ހުސް ވަގުތުކޮޅުގައި ޓީވީ ބަލަން ސޯފާއި އިށީންނަށް ނުވިސްނާށެވެ! ބޭރަށް ނުކުމެލާށެވެ! ރައްޓެހިކޮޅަކާއެކު ހަވީރު ސައެއް ބޯލަން، ހެދިކާކޮޅެއް ނުވަތަ ސޭންޑްވިޗްކޮޅެއް ހިފައިގެން އަތިރިމައްޗަށް ގޮސް ޖޯލިފައްޗެއްގައި ޖައްސާލާށެވެ!
ހަފުތާގެ ކޮންމެ ދުވަހަކު، މިގޮތަށް ބޭރަށް ނުނުކުތަސް، މަދުވެގެން ތިން ހަތަރު ދުވަހު، މިގޮތަށް ބޭރަށް ގޮސްލެވޭތޯ ބަލާށެވެ. މި ގޮތަށް ނުކުންނަ ވަގުތުގައި ވެސް، އެއް ތަނެއްގައި އިށީނދެ އިނުމަށް ވުރެ ހިނގައިލުމުން ހަށިގަނޑަށް ލިބޭ ފައިދާ އެތައް ގުނައެއް އިތުރުވެއެވެ. ފަހުގެ އިލްމީ ހޯދުންތަކުން ދައްކާ ގޮތުގައި، ގޭގެ ހަތަރު ފާރު ދޫކޮށް ގުދުރަތީ މާހައުމުގެ ތެރެއަށް ނުކުމެލުމުން، މައިގަނޑު ހަތަރު ފައިދާއެއް ލިބެއެވެ.
1- އާދަޔާ ޚިލާފު ހިތްހަމަޖެހުން
ގުދުރަތީ މާހައުލުގެ ތެރެއަށް ލޯހުޅުވައިލުމުން ގަސްތަކުގެ ފެހިކުލަ ލޮލަށް ފެނި، މާމެލާމެލީގެ ވަސްތައް ނޭފަތުން ސިކުނޑިއަށް ފޮނުވަމުންދާއިރު، ވަޔާއެކު ގަހުގެ އޮފިތަކާއި ފަތްތައް ކޭއްތޭ އަޑާއި، އެކި ރާގުތަކަށް ގޮވާ ދޫނިތަކުގެ އަޑާއި، ރާޅުތައް ތޮއްޓަށް މުގުރާ އަޑާއި ކުދި ރާޅުތައް ގޮނޑުދޮށަށް ބީއްސާ އަޑު ކަންފަތުގައި ޖެހުމުން، އިންސާނާގެ ނާރުތަކުގެ ނިޒާމުގެ ހަރަކާތް އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ނަފްސު ތާޒާވެ، ސިކުނޑީގެ ހާސްކަމާއި ފޫހިކަން ފިލައިގެން ދެއެވެ.
ގާތްގަނޑަކަށް 20000 މީހުން ހިމަނައިގެން އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކުން ސާބިތުވި ގޮތުގައި، ހަފުތާއަކު މަދުވެގެން 120 މިނެޓް ވަންދެން، ގަސް ގިނަ ސަރަހައްދެއްގައި ވަގުތު ހޭދަކުރުމުން، އެމީހުންގެ އާންމު ސިއްހަތު ރަނގަޅުވެއެވެ. އަދި އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ކުރާ މަސައްކަތުގެ ނަތީޖާ އެތައް ގުނައެއް އިތުރުވެއެވެ.
2- ހޯމޯންތަކަށް ހެޔޮ ބަދަލެއް
އަހަރެމެންގެ ބޭރުތެރެއަށް ނުކުމެ ގުދުރަތީ މާހައުލުން ހިތްހަމަޖެހުން ހޯދަން ފެށުމުން، އަހަރެމެންގެ އެތެރެ ހަށީގައިވާ ހޯމޯންތަކުގެ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ގުދުރަތީ މާހައުލުގެ ތެރޭގައި ވަގުތު ހޭދަކުރާ ވަރަކަށް، އެމީހެއްގެ ހޯމޯންތަކުގެ ނިޒާމުގެ ހަރަކާތް އިތުރުވެއެވެ. އަދި ހާސްކަމާއި ކަންބޮޑުވުމުގެ ސަބަބުން އިތުރުވާ ހޯމޯންތައް ކަމަށްވާ ކޯޓިސޯލް އާއި އެޑްރެނަލީންގެ މިންވަރު ވެސް ދަށްކޮށްދެއެވެ.
"އަހަރެމެން ކުރި ދިރާސާއިން އެނގުނު ގޮތުގައި ހިނޯކީ ތެލުގެ އަރަގުން ވަސް ދުއްވާފައި ހުރި ކޮޓަރިއެއްގެ ތެރޭގައި ތިން ދުވަސް ވަންދެން މީހުންތަކެއް ގެންގުޅުމުން، އެމީހުންގެ ހަށިގަނޑުން އެޑްރެނަލީން ހޯމޯންގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ. އަދި ނެޗުރަލް ކިލާ ސެލްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ،" އޮކްސްފޯޑް ޔުނިވަސިޓީގެ ބަޔޯޑައިވާސިޓީ ޕްރޮފެސަރު ބެރޯނަސް ކެތީ ވިލީސް ވިދާޅުވި އެވެ.
ހިނޯކީ ތެލަކީ ހިނޯކީ ގަހުގެ ލަކުޑިން އުފައްދާ، ވަރަށް ދިގު މުއްދަތަކަށް އޭގެ އަސްލު ވަސް ދެމިހުންނަ ތެލެކެވެ. ނެޗުރަލް ކިލާ ސެލްއަކީ ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ވައިރަސްތަކަށް ހަމަލާދީ ހަށިގަނޑު ދިފާއުކޮށްދޭ ސެލްތަކެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި އެމީހުންނަށް ދެ ހަފުތާ ވަންދެން އެމީހުން ހިނޯކީ ތެލުގެ ވަސް ބެލުމުން، އެމީހުންގެ ހަށިގަނޑުގައި ނެޗުރަލް ކިލާ ސެލްގެ އަދަދު އިތުރުވެގެން ދިޔައެވެ. މިއިން އެނގެނީ ގުދުރަތީ މާހައުލުގެ މަންޒަރުތަކާއި އަޑުތަކާއި ވަސްތަކުން އިންސާނާގެ ހަށިގަނޑުގެ ދިރުންތަކަށް މުހިންމު އީޖާބީ ބަދަލުތަކެއް ގެންނަ ކަމެވެ.
"އުސޫލެއްގެ ގޮތުން ބަލާއިރު، ތަބީއަތަކީ ނުވަތަ ގުދުރަތީ މާހައުލަކީ، އިންސާނީ ހަށިގަނޑުގެ ބައިތަކުގެ ތެރެއިން އަރާމުކުރަން ބޭނުންވާ ބައިތަކަށް އަރާމުކަން ލިއްބައިދޭ އެއްޗެއް. އަދި ވަރުގަދަކުރަން ބޭނުންވާ ބައިތައް ވަރުގަދަވެސް ކޮށްދޭ އެއްޗެއް،" މި ދިރާސާގައި ބައިވެރިވި ޔުނިވަސިޓީ އޮފް އިލިނޮއިސްގެ ޕްރޮފެސަރު މިންގް ކުއޯ ވިދާޅުވިއެވެ.
3- ވަހަކީ ބާރު ގަދަ ހިއްސެއް
ގުދުރަތީ މާހައުލުގެ ވަސް ބެލުމަކީ ވެސް، އެ މާހައުލަށް ބެލުމާއި އެ މާހައުލުގެ އަޑުތައް އެހުން ފަދަ މުހިންމު ކަމެކެވެ. ގަސްގަހުގެ ވަހާއި ބިމުގެ ފަސްގަނޑުގެ ވަހަކީ ވެސް، ގަސްތަކުން އުފައްދައިދޭ އޯގަނިކް މާއްދާތަކުގެ ސަބަބުން އުފެދިފައި ހުންނަ ވަސްތަކެވެ. އެ ވަހުގެ ތެރޭގައި ހުރެގެން ނޭވައި ލުމުން، އެ އޯގަނިކް މާއްދާތަކުގެ ބައެއް މޮލިކިއުލްތައް އެމީހާގެ ލޭގެ ތެރެއަށް ވަދެގެން ދެއެވެ.
ޕްރޮފެސަރު ބެރޯނަސް ކެތީ ވިލީސް ވިދާޅުވި ގޮތުގައި ގުދުރަތީ މާހައުލުން ދުވާ ވަސްތަކުން މަންފާ ލިބިދިނުމުގައި ތުއްރަވާސް ގަހަކީ (ޕައިން) އާދަޔާ ޚިލާފު ގަހެކެވެ. ތުއްރަވާސް ގަސްތަކެއްގެ ތެރޭގައި އެންމެ 90 ވަރަކަށް ސިކުންތު ހޭދަކޮށްލިޔަސް، އެކަމުގެ އީޖާބީ އަސަރު ހަށިގަނޑުން ފާހަގަކުރެވޭނެއެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޭދަކޮށްލުމުން، އެ ގަސްތަކުން ދުވާ މީރު ވަހުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ތާސީރު 10 މިނެޓު ވަންދެން ދެމިހުރެއެވެ.
4- ރަނގަޅު ބެކްޓީރިއާ ގޮހޮރުގެ ތެރެއަށް
ގަސްގަހާގެއްސާއި ބިމުގެ ފަސްގަނޑުން ދުވާ ވަހުން އިންސާނާގެ ނަފްސަށް ހަމަޖެހުން ލިއްބައިދޭ ފަދައިން، އިންސާނާގެ ހަޖަމު ކުރުމުގެ ނިޒާމަށް ވެސް ނުހަނު ފައިދާ ކުރެއެވެ. ގަސްތަކުގަޔާއި ބިމުގެ ފަސްގަނޑުގައި ގިނަ އަދަދެއްގެ ރަނގަޅު (ފައިދާހުރި) ބެކްޓީރިއާތައް ހުރުމުގެ ސަބަބުން، ނޭވާޔާ އެކުގައި އެ ބެކްޓީރިއާތައް ލޭގެ ނިޒާމުގެ ތެރެއަށް ދިއުމުން، ހަޖަމުކުރުމުގެ މަސައްކަތްތައް ހަލުވިވެގެންދެއެވެ.
ޕްރޮފެސަރު ބެރޯނަސް ކެތީ ވިލީސް ވިދާޅުވި ގޮތުގައި ހަށިގަނޑަށް ބޭނުންވާ ރަނގަޅު ބެކްޓީރިއާތައް ލިބިގަތުމުގެ ބޭނުމުގައި ބޮޑު އަގު ދީފައި ގަންނަ ތަފާތު ބޭސްތަކާއި ތަފާތު ބުއިންތަކުގައި އެކުލެވޭ ބެކްޓީރިއާތައް، ގަސްތަކުގެ ވަހުންނާއި ފަސްގަނޑުގެ ވަހުން ވެސް އިންސާނާގެ ހަށިގަނޑަށް ލިބެއެވެ. އެހެންކަމުން، ގިނައިން ގަސް ހެދިފައި ހުންނަ ސަރަހައްދަކަށް ކޮންމެ ދުވަހަކު ވެސް ނުކުމެ ހިނގާލައި ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެކެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި އިންސާނާގެ ސިކުނޑިއަށް ލިބޭ ވަރުބަލިކަމާއި ނަފްސަށް މެދުވެރިވާ ފޫހިކަމާއި މޮޅިވެރިކަން ފިލުވައިލުމަށްޓަކައި، ކޮންމެ ދުވަހަކު ވެސް ގުދުރަތީ މާހައުލުގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލުން ވަރަށް މުހިންމެވެ. އެ ގޮތުން ވެސް އެންމެ ރަނގަޅީ، ގިނައިން ގަސް ހެދިފައި ހުންނަ ސަރަހައްދުތަކެވެ. ޕާކުތަކާއި ރަށްރަށުގެ ވަލުތެރެއަކީ ވެސް، ސިއްހީ އެތައް ފައިދާއެއް ލިބޭނެ ތަންތަނެވެ. (ބީބީސީ)
ހިތްހަމަޖައްސާލަން ބޭނުންތަ، އަވަހަށް ގެއިން ނުކުމޭ! ހިތްހަމަޖައްސާލަން ބޭނުންތަ، އަވަހަށް ގެއިން ނުކުމޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ