އެއްވެސް އިރެއްގައި ހަކުރު ބަލީގެ މައްސަލަ، ޚާއްސަކޮށް ޓައިޕް 2 ޑައިބެޓީސްގެ މައްސަލަ ކުރިމަތިވި ހެއްޔެވެ؟ ކައިބޮއެ އުޅެނީ ސިއްހީ ގޮތުން އެންމެ ރަނގަޅު އެއްޗެހި ކަމަށް ވެދާނެއެވެ. ފޮނި ކާއެއްޗެއްސާ އެހާ ދޯޅައެއް ވެސް ނޫނެވެ. ޖަންކް ފުޑް މިކިޔާ އަނގަޔަށް މީރު ކާނާތަކާ ވެސް ދުރުހެލި ކަމަށްވެދާނެއެވެ.
ކެއިންބުއިމުގައި މިފަދަ ރަނގަޅު އާދަތައް ގެންގުޅުނު ނަމަވެސް، ލޭގައި ހަކުރު ހުންނަ މިންވަރު ދޭތެރެއަކުން މަތިވެދާނެއެވެ. ހަކުރު މައްޗަށް ދިޔަ ނުދީ ވޭތޯ ބެލުމަށްޓަކައި، އެހާ ބޮޑަށް ބަލައިގެން ކެއުމުގެ ކަންތައް ކުރާއިރު ވެސް، ހަކުރުގެ މިންވަރު މައްޗަށް ދިޔުމުން، މިކުރެވޭ ކަމަކާ މެދުގައި ވެސް ސުވާލު އުފެދޭނެއެވެ. ކައިފައި ނުކާންވީ އެއްޗެއް އޮޅޭ ހިސާބަށް ހިނގައިދާނެއެވެ.
ކެއުމުގެ މިފަދަ ރަނގަޅު އާދަތައް ގެންގުޅުނު ނަމަވެސް، ދިރިއުޅުމުގެ އެހެން ބައެއް ކަންކަމުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު މަތިވެދާނެއެވެ. މާ ބޮޑަށް ސްޓްރެސްވެ ނުވަތަ ހާސްވެ ކަންބޮޑުވެފައި ހުރުން، ނިދި މަދުވުން، އޮފީސް މަސައްކަތުގައި ގިނަ ވަގުތު އިށީނދެ އިނުން ފަދަ ކަންކަމަކީ، ހަކުރުގެ މައްސަލަ ކުރިމަތިކުރުވާނެ ކަންކަމެވެ.
ހަމައެފަދައިން، ކޮންމެ ދުވަހެއްގައި ދިރިއުޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި އޮންނަ ގޮތަށް ބުރޫއަރަން ފަށައިފިއްޔާ ވެސް، ކިތަންމެ ރަނގަޅަށް ކެއުމުގެ ކަންތައް ބެހެއްޓިޔަސް، ހަކުރުގެ މައްސަލަ ކުރިމަތިވެދާނެއެވެ. އެހެންވީމާ، އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ ދިރިއުޅުމުގެ އާދަތަކަށެވެ. ކެއުމުގެ ކަންތަކަށް ސަމާލުވާނީ އޭގެ ފަހުންނެވެ.
ހަކުރު ބަލި ދެނެގަތުން
އެންމެ އާންމު ބަހުރުވައިން ބުނާ ނަމަ، ހަކުރުބަލި މި ޖެހެނީ ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ މާ ބޮޑަށް، ލޭގައި ހަކުރުގެ މިންވަރު މަތިވުމުންނެވެ. މި މައްސަލަ މެދުވެރިވާ ދެ ގޮތެއް އޮވެއެވެ. އެއް ގޮތަކީ އެމީހެއްގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަށިގަނޑުގައި އިންސޫލީން އުފައްދައި ނުދިނުމެވެ. އަނެއް ގޮތަކީ، ހަށިގަނޑުގައި އުފައްދައިދޭ އިންސޫލީންގެ ބޭނުން، ހަށިގަނޑުން އެކަށީގެންވާ ގޮތެއްގައި ނުހިފުމެވެ.
ހަކުރު ބައްޔަކީ އުމުރު ދުވަހަށް ވެސް ދެމިގެން ހިނގައިދާނެ ބައްޔަކަށް ވިޔަސް، ހަކުރު ބައްޔާ އެކުގައި އުޅެވިދާނެއެވެ. ބޭސް ބޭނުންކޮށްގެން، އެމީހެއްގެ ހަށިގަނޑާ އެންމެ އެކަށޭނަ ގޮތަކަށް ކާނާގެ ބާވަތްތައް ބޭނުންކޮށްގެން (ބެލެންސް ޑައެޓް)، ދިރިއުޅުމުގެ ސިއްހީ އާދަތަކުގެ މަތީގައި ދެމިހުރެގެން އަދި ދާއިމީ ގޮތެއްގައި ކަސްރަތު ކޮށްގެން، ފުރާނައަށް ނުރައްކާނުވާ ދަރަޖައެއްގައި ހަކުރުބަލި ހިފެހެއްޓިދާނެއެވެ.
މައްސަލައަކީ ކާ އެއްޗިއްސެއް ނޫން
ހަކުރުބައްޔޭ ބުނާ އިރަށް، ދެން އަންނާނެ ސުވާލަކީ، މާ ގިނައިން ފޮނި އެއްޗެހި ކަނީދޯ؟ ސައި ބޮނީ ހަކުރު އަޅައިގެންތަ؟ މާގިނައިން ބަތް ވެސް ކަނީދޯ؟
ނަމަވެސް ހަގީގަތުގައި މިއީ ހަމައެކަނި ކެއުމާ ނުވަތަ ކާ ތަކެއްޗާ ގުޅުން ހުރި މައްސަލައެއް ނޫނެވެ. ކާތަކެތީގެ ސަބަބުން ހަކުރުބަލި ޖެހޭ ފަދައިން، ދިރިއުޅުމުގެ ބައެއް ނުރަނގަޅު އާދަތަކާއި ހާލަތްތަކުގެ ސަބަބުން ވެސް ހަކުރުބަލި ޖެހިދާނެއެވެ.
ސްޓްރެސް: ފިކުރު ބޮޑުވުން ނުވަތަ ސްޓްރެސްގެ ހާލަތެއް މީހަކަށް މެދުވެރިވެފައި ހުންނަ ވަގުތުގައި، އޭނާގެ ހަށިގަނޑުގައި ހުންނަ ހޯމޯންތަކެއް ލޭގެ ތެރެއަށް ފޮނުވަން ފަށާނެއެވެ. އެ ހޯމޯންތަކުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު މަތިވާން ފަށައެވެ. ފިކުރު ބޮޑުވުމުގެ ހާލަތެއް މެދުވެރިވުމުން، ދެން ކުރިމަތިވާނެ އަނެއް ކަމަކީ، ހައިކަން އިހްސާސްވާން ފެށުމެވެ. ނަތީޖާއެއްގެ ގޮތުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކެވެއެވެ.
ނިދި މަދުވުން: ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަރާމު ނުލިބުމުން، ހަށިގަނޑުން އިންސުލީން ބޭނުންކުރާ ގޮތް ބަލިކަށިވާން ފަށައިފާނެއެވެ. އެހެންވެއްޖެ ނަމަ، ބަނޑުހައިކަން އިހްސާސްކުރެވޭ މިންވަރު އިތުރުވެ، ފޮނި އެއްޗަކަށް ނުވަތަ ގިނައިން ކާބޮހައިޑްރޭޓް ހުންނަ ކާނާއަކަށް ޝައުގުވެރިކަން އުފެދެއެވެ.
ކަންނެތްކަމަށް އިސްކަން ދެވުން: އޮފީހުގެ މަސައްކަތުގައި ކޮމްޕިއުޓަރު ކައިރީގައި އިށީނދެ އިންނަން ޖެހުމަކީ ވަރަށް ގިނަ ބައެއްގެ ނަޒަރުގައި، ފަލަވުމަށް މެދުވެރިވާ މަގުބޫލު އުޒުރެކެވެ. ނަމަވެސް ހަގީގަތަކީ އެޔެއް ނޫނެވެ. އެ ގޮތަށް ގިނަ ވަގުތު އެއް ތަނެއްގައި އިށީނދެ އިނުމުން، ހަށިގަނޑުގައި ހުންނަ ގުލްކޯޒް (ހަކުރު)ގެ ބޭނުން ހިފުމުގެ ގާބިލުކަން ހަށިގަނޑުން ދަށްވެއެވެ.
އެހެންކަމުން، އޮފީހުގައި ކިތަންމެ ބުރަޔަސް، ކޮންމެ ބައިގަޑިއަކުން އެއްފަހަރު ނަމަވެސް ފަސް މިނެޓަށް، މޭޒު ދޮށުން ތެދުވެ އޮފީސް ތެރޭގައި ހިނގާލާށެވެ. އެހެން މުވައްޒަފެއްގެ ކައިރިއަށް ގޮސް ވާހަކަ ދައްކާލާށެވެ. އެއްޗެއް ކައިލިޔަސް ނުވަތަ ބޯލިޔަސް، ދެތިން މިނެޓަށް ނަމަވެސް ހިނގާލާށެވެ. ތަފާތު ފެންނާނެއެވެ.
ބޭސް ބޭނުންކުރުން: ވަކި ކަހަލަ ބޭސްތަކެއް ކާން ފެށުމުން ވެސް ހަކުރުގެ މައްސަލަ ކުރިމަތިވެދާނެއެވެ. މި ކަމުގައި އެންމެ ނުރައްކަލީ ޑޮކްޓަރެއްގެ އިރުޝާދަކާ ނުލައި އަމިއްލައަށް ބޭސް ހޯދައިގެން ކައިބޮއެ ހެދުމެވެ. މިކަމުގައި އޮތް އެންމެ ރައްކާތެރި ގޮތަކީ، ވަކި ކަހަލަ ބޭހެއް ކާން ފެށުމުން، ހަށިގަނޑަށް އެއްވެސް ބަދަލެއް (އެ ބޭހުގެ ސަބަބުން އަންނަން ނުޖެހޭ ބަދަލެއް) އަންނަކަން ފާހަގަކުރެވިއްޖެ ނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.
އާދަތަކަށް ބަދަލު އައުން: މާ ބުރަކޮށް މަސައްކަތުގައި އުޅެން ޖެހުމާއި، މާގިނައިން ދަތުރުކުރަން ޖެހުމާއި، ކާން ބޭނުންވާ ވަގުތުގައި ކެވޭ ގޮތް ނުވުން ފަދަ ކަންކަމަކީ، އެމީހެއްގެ ހަށިގަނޑުގެ އަސްލު ހިނގުމަށް ލޮޅުން އަރާނެ ކަންކަމެވެ. ހަށިގަނޑަށް އެފަދަ ލޮޅުންތައް އެރުން އިތުރުވާ ވަރަކަށް، ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވާން ފަށައެވެ. އެހެންވީމާ، މަސައްކަތަށް ސަމާލުކަން ދޭ ފަދައިން ތިމާގެ ހަށިގަނޑަށް ވެސް ސަމާލުކަން ދީ ހަށިގަނޑުގެ ހައްގުތައް އަދާކޮށްދޭށެވެ.
ހަށިގަނޑުގެ އިންޒާރުތަކަށް ސަމާލުވޭ
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ބަދަލު އައިސް ވަޒަން ގެއްލޭ ގޮތް މެދުވެރިވެއްޖެ ނަމަ، ހަށިގަނޑުން އެކަމުގެ އިންޒާރުތައް ދޭން ފަށައެވެ. ވަރުބަލިވުމާއި ކުއްލިއަކަށް ސިނގު ރުޅި އައުމާއި، ކުއްލިއަކަށް ބަނޑުހައިވުމަކީ ހަށިގަނޑުން ދޭ ނުރައްކާތެރި އިންޒާރުތަކެވެ. މިފަދަ އަލާމާތެއް ފެންނަން ފަށައިފިއްޔާ، އެއީ ކުރިމަތިވެދާނެ ބޮޑު ނުރައްކަލުން ރައްކާތެރިވުމަށް ކުރާ އިންޒާރެއް ކަމުގައި ގަބޫލުކުރާށެވެ.
ލޭގައި ހަކުރުގެ ވަޒަން ގެއްލިއްޖެ ނަމަ، ހަށިގަނޑު އެކަމާ ބެހޭ ގޮތުން ތިމާއާ މުއާމަލާތު ކުރަން ފަށާނީ ތަފާތު އިހުސާސްތަކުގެ ޒަރީއާއިންނެވެ. ހާސްވެ ވަރުބަލިވުމާއި، މިޒާޖު (މޫޑް) ޚަރާބުވުމާއި، ކުއްލި ބަނޑުހައިވުމެއް ފަދަ އިހްސާސަކުންނެވެ. ކުއްލިއަކަށް ކާހިތްވެއްޖެ ނަމަ، ކާން ނިންމުމުގެ އިރުކޮޅަކު ވިސްނާލަން މަޑުކޮށްލާށެވެ.
އެކަށީގެންވާ ވަރަށް ފެން ބޮވިއްޖެ ހެއްޔެވެ؟ އެންމެ ފަހުން ކެއި ތަކެތީގައި ފައިބަރު، ޕްރޮޓީން، ސިއްހީ ސަރުބި އެކުލެވޭ ހެއްޔެވެ؟ ނުވަތަ ކާހިތްވީ ކުރިމަތިވެފައިވާ ފިކުރުބޮޑުވުމެއްގެ ސަބަބުން ނުވަތަ ފޫހިކަމެއްގެ ސަބަބުން ހެއްޔެވެ؟ މިފަދަ ސުވާލުތަކަށް ޖަވާބުދީ، އަމިއްލަ ނަފްސުގެ ތަހުގީގެއް ހެދުމަށް ފަހުގައި ނޫނީ ކާއެއްޗަކާ ކައިރި ނުވާށެވެ.
ހަކުރު މަތަކުރާނީ ކިހިނެއް؟
ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު، ހަށިގަނޑަށް ގެއްލުން ނުލިބޭ މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ތިރީގައި މިބުނާ ކަންކަމަށް އިސްކަން ދޭށެވެ!
ރަނގަޅަށް ނިދުން: ހަށިގަނޑުގައި ހުރި އިންސުލީންގެ ބޭނުން ހަށިގަނޑުން އެންމެ ފުރިހަމައަށް ހިފުމަށްޓަކައި، ރޭގަނޑު މަދުވެގެން 7-8 ގަޑިއިރު އަރާމުކޮށް ނިދާލާށެވެ. މިކަމުގައި ރަނގަޅީ އަވަހަށް ނިދާފައި ފަތިހު ފިނީގައި ހޭލުމެވެ. ރަނގަޅަށް އާދަވުމުން، ހަށިގަނޑުގެ ވަރުބަލިކަން ފިލައި އަނެއް ދުވަހުގެ މަސައްކަތަށް ހަށިގަނޑު ތައްޔާރުވުމުން (7-8 ގަޑިއިރު ހަމަވުމުން) އަމިއްލައަށް ހޭލެވޭނެއެވެ.
ހަރަކާތްތެރިވުން: ހަރަކާތްތެރިވެ އުޅުމުގެ މައްޗަށް ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރާށެވެ. ހިނގުމާއި ކަސްރަތު ކުރުމާއި ގިނަ ވަގުތު އެއް ތަނެއްގައި އިށީނދެ ނުއިނުމަކީ ކޮންމެ ދުވަހަކު ކުރާ ކަންތައް ކަމުގައި ހަދާށެވެ. އޭރުން ހަށިގަނޑުގައި ހުންނަ ގުލްކޯޒްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހަށިގަނޑު އާދަވާނެއެވެ.
ރަނގަޅު ކާނާ: ކެއުމުގައި އެންމެ ރަނގަޅީ، ވަކި އެއްޗެއް ހިމަނަން ނުވަތަ ވަކި އެއްޗެއް ނުހިމަނަން ވިސްނުމުގެ ބަދަލުގައި، ހަށިގަނޑަށް މުހިންމު ހުރިހާ މާއްދާތަކެއް އެކުލެވޭ ކާނާއެއް ބޭނުން ކުރުމަށެވެ. ފައިބަރާއި، ކާބޮހައިޑްރޭޓް އާއި ޕްރޮޓީން އަދި ސިއްހީ ގޮތުން ފައިދާހުރި ސަރުބި އެކުލެވޭ ގޮތަށް އެ ވަގުތެއްގެ ކާތަށި ތައްޔާރުކޮށްލާށެވެ. އޭރުން ކާއެއްޗެހި ހަޖަމުވުން ލަސްވެ، ބަނޑުހައިވުން ވެސް ލަސްވާނެއެވެ. އަދި ނުރައްކާތެރި ސިއްހީ ކުއްލި މައްސަލަތަކުން ދުރުވާނެއެވެ.
ދުވަހަށް ތައްޔާރުވުން: ދުވަހުގެ ތާވަލަށް ބަލާއިރު، މިއަދަކީ އެހެން ދުވަސްތަކަށް ވުރެ ބުރަ ދުވަހެކެވެ. އެހެންވިއްޔާ، އެކަމަށް ތައްޔާރުވެގެން ގެއިން ނުކުންނާށެވެ. ފުރަތަމަ ކަމަކަށް، މިއަދަކީ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ދުވަހެއްކަން ސިކުނޑިން ގަބޫލުކުރާށެވެ. އެހެންކަމުން، ކާ ގަޑިއަށް ކާން ނުދެވިދާނެ ކަމަށް ބަލައި، އޮފީހުގައި ކައިލާނެ އެއްޗެއް ގެންދިއުން މުހިންމެވެ. ޝުގަ-ފްރެންޑްލީ ބިސްކޯދެއް ކަހަލަ އެއްޗެއް އޮފީހަށް ގެންގޮސްފައި ބަހައްޓާށެވެ. އެކަށީގެންވާ ވަރަކަށް ފެން ބޯށެވެ.
މިފަދަ އާދަތަކަށް ހަށިގަނޑު ހޭނުވުމުން، ހަކުރުގެ މައްސަލައިން ސަލާމަތް ވެވޭނެއެވެ. އަދި ނުރައްކާތެރި ހާލަތަކަށް ނުގޮސް، ހަކުރުގެ މައްސަލައާ އެކުގައި ދިރިއުޅެވޭނެއެވެ. އަޒުމާ އެކުގައި ފައްޓާށެވެ!
ދިރިއުޅުމުގައި މެދުވެރިވާ ބައެއް ހާލަތްތަކުން ލޭގައި ހަކުރުގެ މިންވަރު މަތިވޭ ދިރިއުޅުމުގައި މެދުވެރިވާ ބައެއް ހާލަތްތަކުން ލޭގައި ހަކުރުގެ މިންވަރު މަތިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ