މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި މަޑަގަސްކަރައިގެ ރައީސް ގައުމު ދޫކޮށް ފިލައިފި

މަޑަގަސްކަރައިގެ ރައީސް އެންޑްރީ ރަޖޮލީނާ އެ ގައުމުގައި ގިނަ ދުވަސްތެއް ވަންދެން ކުރިއަށް ދިޔަ ބޮޑެތި މުޒާހަރާތަކާއި, އަސްކަރީ އިންގިލާބާ ގުޅިގެން ގައުމު ދޫކޮށް ފިއްލަވައިފި އެވެ.
މަޑަގަސްކަރައިގައި ހަމަނުޖެހުންތައް ފެށުނީ ސެޕްޓެމްބަރު 25، ގައި ވެރިރަށް އެންޓަނަނަރިވޯ ފަދަ އެގައުމުގެ ބޮޑެތި ސިޓީތަކުގައި ރައްޔިތުން ފެނާއި ކަރަންޓު ކެނޑުމާ ގުޅިގެން މުޒާހަރާކުރަން ފެށުމުންނެވެ. އަދި ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ މި މުޒާހަރާތައް ބަދަލުވެގެން ދިޔައީ ކޮރަޕްޝަނާއި، އާންމުންގެ ފަގީރުކަމާއި، މުޅި ސަރުކާރު ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ މުޒާހަރާ ތަކަކަށެވެ.
މުޒާހަރާތަކުގައި އިސްކޮށް އުޅުނީ "ޖެން ޒި" ޒުވާނުންނެވެ. މުޒާހަރާތަކުގެ ބައިވެރިން ގޮވަމުން ގެންދިޔައީ އިގްތިސާދީ ދަތިތަކާއި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ޒިންމާ ސަރުކާރުން އުފުލައި ރަޖޮލީނާ އިސްތިއުފާ ދިނުމަށެވެ.
މި މުޒާހަރާގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ ކެޕްސެޓް ނަމަކަށް ކިޔާ، ކުރިން ރަޖޮލީނާއަށް ތާއީދުކުރި އަސްކަރީ ޔުނިޓަކުން މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރުމަށް އިންކާރުކޮށް މުޒާހަރާކުރާ މީހުންނާ ގުޅުމުންނެވެ. މިކަމުގެ ސަބަބުން ރަޖޮލީނާްއަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އޮތް ބާރު ގެއްލި އޭނާ ނުރައްކަލަށް ހުށަހެޅުނެވެ.
މުޒާހަރާތަކުގެ ހާލަތު ގޯސްވެ, 12 އޮކްޓޯބަރުގައި ރަޖޮލީނާ ވަނީ ފްރާންސްގެ އަސްކަރީ މަތިންދާބޯޓެއްގައި މަޑަގަސްކަރައިން ފުރައިގެން ގޮސްފަ އެވެ. އޭނާ ފަހުން އާންމު ކުރި މެސެޖެއްގައި ބުނެފައިވަނީ "ރައްކާތެރި ތަނަކަށް" ގޮސްފައިވާ ކަމަށާއި ވެރިކަމުން އިސްތިއުފާ ނުދޭ ކަމަށެވެ.
މި މުޒާހަރާތަކާއި ގުޅިގެން މަޑަގަސްކަރައިން 22 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާ ވެފައިވާކަމަށް އަދ. އިން ބުނެ އެވެ. ގައުމު ދޫކޮށް ފިލުމުގެ ކުރިން ރަޖޮލީނާ ވަނީ ގައުމުގެ ހާލަތު ހަމައަކަށް އެޅުވުމަށް އޭނާގެ ސަރުކާރު އުވާލައި އަސްކަރީ ޖެނެރަލެއް ބޮޑުވަޒީރުގެ ގޮތުގައި އައްޔަނު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ