ރެޝްފޯޑްގެ ކެރިއަރު ރަނގަޅު ޓްރެކުގައި ގެންދިއުމުގެ އަމާޒުގައި ރެޝްފޯޑްގެ ކެރިއަރު ރަނގަޅު ޓްރެކުގައި ގެންދިއުމުގެ އަމާޒުގައި

ލަންޑަން (އޮކްޓޫބަރު 14) - ވިސްނުންތެރިކަމާ އެކު ފުޓްބޯޅަ ކެރިއަރުގެ ބާކީބައި ރަނގަޅު ޓްރެކުގައި ކުރިއަށްގެންދަން ބޭނުންވާ ކަމަށް ބާސެލޯނާ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް ބުނެފި އެވެ.
ބާސެލޯނާ އިން ރެޝްފޯޑް، 27، ގެންދިޔައީ ކުރިއަށް އޮތް ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ. އަދި، ލޯންގެ މުއްދަތުގައި ރެޝްފޯޑްގެ މުޅި މުސާރަ ދޭނީ ވެސް ބާސެލޯނާ އިންނެވެ. މިދިޔަ ސީޒަނުގެ ފަހު ބައި، ލޯނަކަށް އެސްޓަން ވިލާ އަށް ކުޅުނު ރެޝްފޯޑްގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ މެންޗެސްޓާ ޔުނައިޓެޑްގަ އެވެ.
އައިޓީވީ އަށް ދިން އިންޓަވިއުއެއްގައި ރެޝްފޯޑް ބުނީ ކެރިއަރުގައި އޭނާ އަށް އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވާ އެންމެ ބޮޑު ސަބަބަކީ އެއް ފެންވަރެއްގައި ރަނގަޅު ކުޅުން ގިނަ މެޗުތަކެއްގައި ނުދެމެހެއްޓޭ މައްސަލައިގައި ކަމަށެވެ.
އަދި، އެއް ފެންވަރެއްގައި ރަނގަޅު ކުޅުން ނުދެއްކޭ މައްސަލައިގައި ރެޝްފޯޑް ވަނީ، ކުރީގެ ކްލަބް، ޔުނައިޓެޑަށް ތުހުމަތުވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ.
"ކޮންސިސްޓަންސީ އަކީ ވަރަށް މުހިންމު ކަމެއް. އަހަރެންގެ ކުޅުމުގައި ވެސް ކެރިއަރުގައި ވެސް ނުވެ އޮތް އެންމެ ބޮޑު ކަމަކީ އެއީ. ހަގީގަތުގައި އެ ކަންކަން އުޅެނީ ރަނގަޅު މާހައުލެއްގައި ދުވަހުން ދުވަހަށް މަސައްކަތް ކުރެވިގެން، ޔަގީނުން ވެސް އަހަރެންގެ ކެރިއަރުގައި ނުރަނގަޅު މާހައުލެއްގައި ވަރަށް ދިގު މުއްދަތެއް ހޭދަކުރެވިފައި ކަމަށް ބެލެވެނީ،" ޔުނައިޓެޑްގެ ޔޫތު ޓީމާއި ސީނިއާ ޓީމުގައި 15 ވަރަކަށް އަހަރު ހޭދަކުރި ރެޝްފޯޑް ބުންޏެވެ.
އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ރެޝްފޯޑްގެ ކެރިއަރާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، ޓުޗެލް ބުނީ، ރެޝްފޯޑް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ، އެ ލިބިފަައި ހުރި ހުނަރު ރަނގަޅު ގޮތުގައި ބޭނުންކޮށް ފުރިހަމަ ކެރިއަރެއް ބިނާ ކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ