ފުލުހުންގެ ރަށްތައް އަތުލުމުގެ ބަދަލުގައި ދިން 64 މިލިއަން ރުފިޔާ "ހުސްކޮށްލައިފި"! ފުލުހުންގެ ރަށްތައް އަތުލުމުގެ ބަދަލުގައި ދިން 64 މިލިއަން ރުފިޔާ "ހުސްކޮށްލައިފި"!

ފުލުހުންގެ ބޭނުންތަކަށް ދޫކުރި ތިން ރަށެއް އަނބުރާ ނެގުމުގެ ބަދަލުގެ ގޮތުން ދައުލަތުގެ ބަޖެޓުން ދޫކުރި 64 މިލިއަން ރުފިޔާ އެއްވެސް އުސޫލެއް ހަމައެއް ނެތި ބޭނުންކޮށް ހުސްކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މިއީ ވިސިލްބްލޯވަރަކު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އެ ކޮމިޓީން ބެލި މައްސަލައެކެވެ. މި ފައިސާ ހަރަދުކުރިއިރު ފުލުހުންގެ އިސްވެރިންނަށް ތިބީ ކޮން ބައެއް ކަމެއް ކޮމިޓީގައި ހާމަކޮށްފައި ނުވެ އެވެ.
ފުލުހުންގެ އެކި ބޭނުންތަކަށް ސަރުކާރުތަކުން ތިން ރަށެއް ދޫކުރިކަން ދައުލަތުގެ ރެކޯޑުތަކުން އެނގެ އެވެ. އެއީ ކ. ފޭދުފިނޮޅާއި، ޅ. ދިއްފުށިމާދޫ އަދި ޅ. މާބިންހުރާ އެވެ. ނަމަވެސް، އެ ރަށްރަށް ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުގޭ ބޭނުމަށް ފަހުން ނަގާފައިވެ އެވެ.
"އެ ތަންތަން އަތުލުމުގެ ތެރޭގައި ވެސް މި އޮންނަނީ ފުލުހުންނަށް ފައިސާ ދީފައި. ފުލުހުންނަށް ދިން ފައިސާ ފުލުހުން މި އޮތީ ވަރަށް ދޯދިޔާ ގޮތަކަށް ހަރަދުކޮށްލާފައި. ގާތްގަނޑަށް 64 މިލިއަން ރުފިޔާ އެއްކޮށް، އެކި ކަންކަމަށް ހަރަދުކޮށް ނިންމާފައި މިއޮތީ،" ސަބް ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވި އެވެ.
އެ ރަށްތަކުގެ ތެރެއިން ޅ. މާބިންހުރާގެ ބަދަލުގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އެއްކޮށް ލިބިފައިނުވާއިރު އެ މައްސަލަ އިތުރަށް ބަލަން ޖެހޭ ކަމަށް ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.
"މާބިންހުރާއަށް ބަދަލުގެ ގޮތުގައި ލިބުނު 1.5 މިލިއަން ޑޮލަރު ބޭނުންކޮށްފައިވަނީ ޕޮލްކޯގެ އޮޕަރޭޝަންތަކުގައި ހިމެނޭ ޕްރޮޖެކްޓުތަކާއި، ނޫސަންދަ އާއި، ސްރީލަންކާގައި ހުރި ޕޮލްވެކް ރެޒިޑެންސް ހުޅުވުމަށާއި، އެ ތަނުގެ ހިންގުމުގެ ހަރަދާއި، ޕޮލާޓޭ ރެސްޓޯރަންޓު ހެދުމަށާއި، ޕޮލްކޯއަށް ދޫކޮށްފައިވާ ފައިސާ އާއި، ޕޮލިސް ޝޮޕްގެ ހަރަދުތަކަށް ޕޮލްކޯއަށް ދޫކޮށްފައިވާ ފައިސާ އާއި، ފުލުހުންގެ ވެލްފެއާގެ ކަންކަމަށް ދިވެހި ފުލުހުންގެ ހިދުމަށް ހިލޭ އެހީގެ ގޮތުގައި ދީފައިވާ ފައިސާ އާއި، އަދި ރެޑް ކްރެސެންޓް ނޭޕާލް ރިލީފް ފަންޑަށް،" ނާޒިމް ތަފްސީލު ދެއްވި އެވެ.
"މި ފައިސާ ހަމަ ލިބުނު ގޮތަށް ވަނީ ހުސްކޮށްލާފައި، ނޯޓެއްގެ ގޮތުގައި ލިޔެފައި އޮތީ ލިބޭނެ ކަމަށް ބެލެވޭ އަދަދަކީ 3.1 މިލިއަން ރުފިޔާ ކަމަށް. އޭގެ ތެރެއިން 58.3 މިލިއަން ރުފިޔާ ނުލިބޭނެ ކަމަށް ފުލުހުން މި އޮތީ ނިންމާފައި އެ މީހުން އެކި ގޮތްގޮތަށް ހަރަދުކޮށް ފައިސާ ހުސްކޮށްފައި ވާތީ،" ނާޒިމް ވިދާޅުވި އެވެ.
ފައިސާ ހަރަދުކޮށްފައިވަނީ އަނބުރާ ލިބޭ ގޮތަކަށް ނޫން ކަމަށާއި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އޭގެއިން ވީ ފައިދާއެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ޑޮލަރުން ލިބުނު ފައިސާ ރުފިޔާއަށް ބަދަލުކޮށްފައި މިހުރީ. ބަދަލުކޮށްގެން މި ލާރިތައް ހުސްކޮށްފައި މި ހުރީ. ރެސްޓޯރެންޓެއް ހަދަން ވެސް ހަރަދުކޮށްފައި އެބަހުރި މި ލާރި،" ނާޒިމް ވިދާޅުވި އެވެ.
ސަބް ކޮމިޓީން މިއަދު ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. ދެން އޮންނަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މުޅި ކޮމިޓީން މި ރިޕޯޓު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. މި މައްސަލައިގެ އިތުރުން ފަސް މައްސަލައެއް ބަލައި ފިޔަވަޅު އަޅަން އެ ރިޕޯޓުގައި ހިމަނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ