ފިލްމު 'ބާޣީ 4': ޓައިގާގެ ކެރިއަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ހަވަނަ ފިލްމު
މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާތެރޭގައި ރިލީޒްކުރި ފިލްމު "ބާޣީ 4" ސިނަމާތަކުން ނެގިއިރު އެ ފިލްމަކީ އެކްޓަރު ޓައިގާ ޝްރޮފްގެ ކެރިއަރުގެ ހަ ވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމެވެ. ފިލްމު "ބާޣީ 4" އަކީ ޓައިގާ ޝްރޮފް، ސަންޖޭ ދަތު، ސޯނަމް ބާވްޖާގެ އިތުރުން އަލަށް ބޮލީވުޑަށް ތައާރަފްވި ހަރްނާޒު ސާންދޫ މުހިއްމު ރޯލްތަކުން ފެނުނު ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ޓައިގާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފްރެންޗައިސް ކަމަށްވާ "ބާޣީ"ގެ ހަތަރު ވަނަ ފިލްމު ރިލީޒްކޮށްފައި ވަނީ މިފަހުން ރިލީޒްކުރި ޓައިގާގެ ފިލްމުތައް ފްލޮޕްވެ އެކްޓަރުގެ ކެރިއަރުގެ ކުރިމަގާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައި ވަނިކޮށެވެ. ޓައިގާ ފިލްމު "ބާޣީ 4"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން އޭ ހަރްޝާ ޑައިރެކްޓްކޮށް ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ބާޣީ 4" ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 66.39 ކްރޯޑު ރުޕީސް (8 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރައެވެ. ފިލްމު އުފެއްދުމަށް 80 ކްރޯޑު ރުޕީސް (9.64 މިލިއަން ޑޮލަރު) ޚަރަދު ދިޔަ ނަމަވެސް "ބާޣީ 4"ގެ ސެޓެލައިޓް ރައިޓްސް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވިއްކައިގެން ފައިދާގެ ގޮތުގައި ފިލްމަށް ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ފިލްމު ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ. މިހާތަނަށް ރިލީޒްވެފައިވާ ޓައިގާގެ ފިލްމުތަކުގެތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކީ ޔަޝް ރާޖް ފިލްމްސްއިން 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ވޯ"އެވެ. އެއަށްފަހު ދެން އެންމެ ބޮޑު އާމްދަނީ ލިބުނު ދެ ފިލްމަކީ "ބާޣީ 2" އަދި "ބާޣީ 3"އެވެ. ފިލްމު "ބާޣީ 4"އަށްފަހު ޓައިގާ އިތުރު ފިލްމަކަށް ސޮއިކުރިކަން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ