އެމްޕީއެލްގެ ވިޔަފާރި ބަނދަރުތަކެއް ނުނިދާނެ އެވެ. އެކަމަކު ނިމިދިޔަ އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާގެ ރެއެއްގައި، އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުރި 40 ފޫޓުގެ ދެ ސިނގިރޭޓު ކޮންޓޭނަރު "ދުމަށް އަރައިގެން" ގޮސްފި އެވެ.
ވަށައިގެން ހަރުކޮށްފައި ހުރި ސީސީޓީވީތަކުން މޮނީޓާކުރާ އަދި އެތައް ބަޔަކު ހޭލަމޭލަވެ އުޅޭ އެ ބަނދަރުގައި ހުރި ދެ ކޮންޓޭނަރު ގެއްލުނުކަން ވެސް ސަރުކާރަށް ރޭކާލީ ދެމަސްދުވަސް ފަހުން، މި އޮކްޓޯބަރު 8، ވަނަ ދުވަހުގެ ރޭގަަނޑުގެ ވަގުތެއްގަ އެވެ.
ސިނގިރޭޓު ކޮންޓެއިނަރުތައް ނެގުމަށްފަހު އޭގެ ބަދަލުގައި ބެހެއްޓީ އެހެން ދެ ކޮންޓެއިނަރެވެ. އެއީ 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ. ވައްކަން ކުރިކަން އެނގިގެން ގޮސް ކޮންޓެއިނަރު ހުޅުވާލިއިރު، އެތެރޭގައި ހުރީ ބާ ޓަޔަރުތަކަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯގަނޑެކެވެ.
އެ ފޮޓޯގަނޑަކީ، ޕީޕީއެމްގެ އޮފީހަށް މައުމޫން ވަދެވަޑައިގެން "ދެން ގރބޮއޭ" ލިޔެފައި އިން ފާރެއްގެ ކައިރީގައި ހުއްޓިވަޑައިގެން ނަންގަވާފައިން ފޮޓޯގަނޑެކެވެ. ވަގުން ބޭނުންވީ، ސިނގިރޭޓުތައް ވަގަށް ނެގުމަށްފަހު، ދައުލަތަށް ގޮންޖެހުމަށެވެ.
މިއީ، ހެއިސްޓެކެވެ. ރާވައިގެން އަދި ރޭވިގެން ހިންގި ބޮޑު ޖަރީމާއެކެވެ. އެކަމަކު، މި ބޮޑު ވައްކަމުގައި ޝާމިލުވާ މީހުން އަދިވެސް ތިބީ ދޫވެފަ އެވެ. ބަނދަރުގެ ސެކިއުރިޓީ ފޫއަޅުވާލާފައި ކުރި ވައްކަމުގެ އަޑި، ދިވެހި ސަރުކާރަކަށް އަދި ނުހޯދެ އެވެ.
ވަގަށް ނެގި ދެ ކޮންޓެއިނަރު ކަސްޓަމްސް އިން އަތުލައިގަތީ އޭޕްރީލް 26، ގަ އެވެ. މި ނޫހުން އެއިރު އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ވަގު ސިނގިރޭޓު ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށް ގެނައި ދެ ކޮންޓެއިނަރެއްގެ ތެރޭގަ އެވެ.
އެއާޕޯޓުގެ މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ. ކޮންޓެއިނަރުތައް އެތެރެ ކުރީ ވެސް އެ ކުންފުނީގެ ނަން މަތީގަ އެވެ. ބިންލާދިން ގްރޫޕުގެ މުދާ ކްލިއާ ކޮށްދޭ ދިވެހި އެޖެންޓަކީ ލިއޯ ޓްރޭޑިން އެވެ.
ކޮންޓެއިނަރުތައް ވަގަށް ނެގުމާއެކު ލިއޯ އަށް ވެސް ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ. އެ ތުހުމަތުތަކާ ގުޅިގެން މި ރިޕޯޓުގެ ބޭނުމަށް އަދަދު ނޫހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދުއާ ސުވާލު ކުރީމެވެ.
އެޕްރީލް މަހު ހިފެހެއްޓުމަށްފަހު މި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓު ފޮށިތައް ކަސްޓަމުން ބަލައި ފާސްކުރަނީ --- ފޮޓޯ: ކަސްޓަމްސް
ޖަވާބުގައި ސަވާދު ބުނީ ކޮންޓެއިނަރުގައި ސިނގިރޭޓު ހުރެގެން އެކަން ކަސްޓަމަށް އެންގީ އެ ކުންފުނިން ކަމަށެވެ. އޭގެ ފަހުން ހިނގި އެއްވެސް ކަމެއްގެ މައުލޫމާތު އެ ކުންފުންޏަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"އޭގަ ހުރީ ގޯސް އެއްޗެއް ކަމަށް ވަންޏާމު އަޅުގަނޑުމެންގެ ވާޖިބަކީ ސައުދީ ބިން ލާދިން އަށާއި ކަސްޓަމަށް އެންގުން. ދެން ކަސްޓަމުން އެ ކުރަން ޖެހޭ ކަންތައްތަކެއް ކުރާނީ. ސައުދީ ބިން ލާދިން އަށް ވެސް ނޭނގި އޭގެ ސަބް ކޮންޓްރެކްޓަރަކަށް އުޅޭ ކޮންމެ ވެސް ބަޔަކު ގްރޫޕަކުން ކުރި ކަމެއް ކަމަށް ވަނީ،" ސަވާދު ބުންޏެވެ.
އެ ދެ ކޮންޓެއިނަރު ހިފެހެއްޓުމަށްފަހު ބަހައްޓާފައި ހުރީ ހުޅުމާލެ ވިޔަފާރި ބަނދަރު، ސިކާގޯ ޓާމިނަލުގަ އެވެ. އެމްޕީއެލްގެ ބެލުމުގެ ދަށުގައި، ކަސްޓަމްސްގެ ތަޅެއް އެޅުވުމަށްފަހު އެވެ.
ރާއްޖޭގެ މައި ވިޔަފާރި ދޮރާށިތައް ކަމަށްވާ އެމްޕީއެލްގެ ޕޯޓުތަކަކީ ސެކިއުރިޓީގެ ވަރަށް ވަރުގަދަ ތަންތަނެވެ. އެ ތަނަށް ވަންނަ މީހުންނާއި ތަކެތި އަދި ކައިރި ކުރާ ދޯނިތަކާއި ވަންނަ ވެހިކަލްތަކުގެ ތަފުސީލަކީ ނުގެއްލޭނެހެން ރެކޯޑުކަށް ބަލަހައްޓާ މައުލޫމާތެވެ.
ހުޅުމާލެ ބަނދަރަކީ އެތައް ސެކިއުރިޓީ ފީޗާއެއް ގާއިމުކޮށްފައި ހުރި ބަނދަރެކެވެ. އެގޮތުން ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދާއިރު އެކަން ގްރޫޕުތަކުގައި ހިއްސާކުރުމަކީ އާންމު އުސޫލެވެ. ބަނދަރަށް ހާއްސަ، ތަމުރީނުވެފައިވާ ސެކިއުރިޓީ ގާޑުން 24 ގަޑިއިރު ތަނުގައި ޑިއުޓީ ކުރެ އެވެ. މުޅި ސަރަހައްދު ފެންނަ ގޮތަށް ވަރުގަދަ ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.
މި ނޫހުން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި، ހުޅުމާލެ ބަނދަރުގައި ކޮންޓެއިނަރުތައް ހުންނަ ތަނާއި ވެހިކަލްތައް ވަންނަ ގޭޓުތައް އަދި ދޯނި ކައިރި ކުރާ ޖެޓީތަކަކީ ކެމެރާތަކަށް ފަރުދާވެފައިވާ މަންޒަރުތަކެެއް ނޫނެވެ. މި މަންޒަރުތައް ފޮރުވޭނީ ބަޔަކު އެކަން ކުރަން މަސައްކަތް ކޮށްގެންނެވެ.
އެމްޕީއެލް އިން 2015 ގައި ބޭނުންކުރަން ފެށި ހުޅުމާލެ ޕޯޓުގެ ސަލަމާތީ ކަންކަން ވަރުގަދަ ކުރުމަށް، 2021 ގައި އައު ސެކިއުރިޓީ އިމާރާތެއް ވެސް ވަނީ ހުޅުވައިފަ އެވެ. އެ ކުންފުނިން އޭރު ފާހަގަކުރީ މިއީ ބަނދަރުގެ ސަލާމަތައް ލިބުނު އިތުރު ބާރެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން، ހުޅުމާލެ ބަނދަރަކީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑަށް ފެތޭ ބަނދަރެއްކަން އެމްޕީއެލްގެ ވެއެތުވެދިޔަ އަހަރުތަކުގެ އަހަރީ ރިޕޯޓުތަކުގައި ތަކުރާރުކޮށް ބުނެފައިވެ އެވެ. މި ކޯޑަށް ފެތޭ ބަނދަރެއް ކަމުގައި ކަނޑައަޅާ ތަންތަނަކީ 24 ގަޑިއިރު ސެކިއުރިޓީ ކެމެރާ ހަރުކޮށް، ވަދެ ނިކުމެވާ މީހުންނާއި އެތެރެކޮށް ނެރޭ މުދަލުގެ ހިސާބުކިތާބު ބެލެހެއްޓެން ޖެހޭ ތަންތަނެވެ.
މީގެ އިތުރުން، ކޮންޓެއިނަރު ބޭރު ކުރާއިރު ނުވަތަ އޭގައި ހުންނަ ތަކެތި ބޭރު ކުރާއިރު އާންމުކޮށް އެމްޕީއެލްގެ މުވައްޒަފުން ތިބޭ ވަޓްސްއެޕް އަދި ޓެލެގްރާމް ގްރޫޕުތަކުގައި ވަކިވަކިން އެ ކަންކަމުގެ މައުލޫމާތު ހިއްސާކުރެ އެވެ. ނަމަވެސް، މި ކޮންޓެއިނަރުތައް ވަގަށް ނެގިއިރު އެ ތަކެއްޗާ ބެހޭ އެއްވެސް އިރުޝާދެއް މި ގްރޫޕުތަކުގައި ހިއްސާކޮށްފައެއް ނެތެވެ.
ގްރޫޕުތަކުގައި ލިޔުމަކާ ނުލައި ތަކެތި ބޭރުކޮށް ހަދަނީ ކުންފުނީގެ މަތިން އަންގާ އެންގުންތަކާއި އެއްގޮތަށް ކަމަށް މި ރިޕޯޓަށް ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުންޏެވެ. އަދި، ކަސްޓަމްސް އާއި އެމްޕީއެލްގެ ބަޔަކު އަޑީގަ ނެތި މިކަން ނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެ މީހުންނަށް އެބައޮތެވެ.
ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ ކުރިން އެކަމަށް ތައްޔާރުވާން ހުޅުމާލެ ވިޔަފާރި ބަނދަރުގައި ގިނަ މަސައްކަތްތަކެއް ކުރިކަމަށް، ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ މައުލޫމާތު ހިއްސާކުރި މީހަކު ބުންޏެވެ.
ކޮންޓެއިނަރުތައް ވަގަށް ނެގުމަށް ވި ތައްޔާރީތަކުގެ ތެރޭގައި ސީސީޓީވީ ކެމެރާތައް ނިއްވާލުމާއި ކެމެރާއަށް މަންޒަރުތައް ގެއްލުވާލުން ހިމެނެ އެވެ. ކެމެރާތަކަށް ކޮންޓެއިނަރުތައް ގެއްލުވާލުމަށް މި ދެ ކޮންޓެއިނަރު ހުރި ސަރަހައްދު އަރާ ކެމެރާގެ ކުރިމައްޗަށް އިތުރު ކޮންޓެއިނަރު ބަރިއެއް ޖެހި އެވެ. އެ ކޮންޓެއިނަރު ބަރި ޖެހީ ސިނގިރޭޓު ކޮންޓެއިނަރުތައް އެއް ފަޅީގައި ހުރި ކެމެރާއަށް ނުފެންނާނެ ގޮތަށް އެއްކޮށް ފޮރުވުމަށެވެ.
މި ވައްކަމެއް ކުރި ރޭ ކޮންޓެއިނަރުތައް ފެންނާނެހެން ހުރި އެހެން ބައެއް ކެމެރާތައް ހުރީ ނިއްވާލައިފަ އެވެ. ނަމަވެސް، ވައްކަމަށް ތައްޔާރުވުމަށް ކުރި މަސައްކަތުގެ ތެރޭގައި ކޮންޓެއިނަރުތައް ހުރި ތަނާއި ދެ ކޮންޓެއިނަރު އަރުވަން ގާތްކުރި ދޯނި ފެންނާނެ އެއް ކެމެރާ ނުނިވި ހުއްޓެވެ.
މި ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުނި ގޮތުގައި ކޮންޓެއިނަރު ބޭރު ކުރުމުގައި އުޅުނު މީހުންނާއި ދޯނި، ސާފުކޮށް އެ ކެމެރާއަށް އަރާނެ އެވެ. އެ ފުޓޭޖުތައް ފުހެ ނުލާނަމަ އަދިވެސް އެމްޕީއެލްގައި އެ މަންޒަރުތައް ހުންނާނެ އެވެ.
މި ތައްޔާރީތަކަށް ފަހު ދެ ކޮންޓެއިނަރު ވަގަށް ނެގީ އޯގަސްޓު މަހުގެ ފުރަތަމަ ހަފުތާގެެ ތެރޭގަ އެވެ. މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ހުޅުމާލެ ބަނދަރަށް ދޯންޏެއް ގާތްކޮށް ދެ ކޮންޓެއިނަރު އެރުވުމަށްފަހު، އެ ދެ ކޮންޓެއިނަރު ގެންދިޔައީ ހުޅުމާލެ ފޭސް ތިނަކަށެވެ.
އޮގަސްޓު ކުރީކޮޅު ސިނގިރޭޓު ކޮންޓެއިނަރުތައް ދޯންޏަކަށް އަރުވައިގެން ގެންދިޔަ ކަމަށް މައުލޫމާތު ލިބޭ ތަން ---
ސިނގިރޭޓު ކޮންޓެއިނަރުތަކުގެ ބަދަލުގައި، ހަމަ އެހެން ދެ ކޮންޓެއިނަރު، ބަނދަރުގައި ބެހެއްޓި އެވެ. ފަހުން ބެހެއްޓި ކޮންޓެއިނަރުގައި ލިޔެފައި އޮތީ ސިނގިރޭޓު ކޮންޓެއިނަރުތަކުގެ ނަންބަރުތަކެވެ.
ވަގަށް ނެގި ކޮންޓެއިނަރުތައް ގެންދިޔައީ ހުޅުމާލޭ ފޭސް ތިނަކަށެވެ. ފޭސް ތިނަކަށް ކޮންޓެއިނަރުތައް ގެންދިޔަ ދޯނިން އެ ތަނަށް ކޮންޓެއިނަރުތައް ބާލައި، ސިނގިރޭޓުތައް ގެންދިޔަތަނެއް ސާފެއް ނޫނެވެ. ސިނގިރޭޓުތައް މިހާރު ހުރި ތަނެއް ވެސް މި ނޫހަށް ކަށަވަރުވާ ގޮތެއް ނުވި އެވެ.
އެހެން މަސްދަރަކުން މައުލޫމާތު ދެމުން ބުނީ، ސިނގިރޭޓު ކޮންޓެއިނަރު ފޭސް ތިނަކަށް ގެންގޮސް ހުސްކުރުމަށްފަހު، އަނބުރާ ހުޅުމާލެ ބަނދަރަށް ގެންދިޔަ އެވެ. އަދި ކޮންޓެއިނަރުތައް ވަގަށް ގެންދިޔަ އިރު ބަދަލުގައި ޖެހި ދެ ކޮންޓެއިނަރު ވެސް ފަހުން ނެގި އެވެ. ކޮންޓެއިނަރުތައް އަލުން ޖެހުމަށްފަހު، ކެމެރާތައް ވެސް އަލުން ޖެއްސި ކަމަށްވެ އެވެ.
މި ދެ ކޮންޓެއިނަރު ހުޅުވައި، ބަލަން ފުލުހުންނާއެކު ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލެ ބަނދަރަށް ވަޑައިގެންނެވި އެވެ. މިނިސްޓަރު ވަޑައިގެންނެވީ އޭނާގެ ފޯނަށް ލިބުނު މެސެޖެއްގެ ސަބަބުންނެވެ.
ކާކުކަން ނޭނގޭ ގޮތަށް ވަޓްސްއެޕް މެދުވެރިކޮށް ލަންކާ ނަންބަރަކުން ފޮނުވި އެ މެސެޖު، ކަސްޓަމްސްގެ ކޮމިޝަނަރު ފާތިމަތު ދިޔާނާ އާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އަށް ވެސް ލިބުނެވެ.
އެ މެސެޖުގައި އިންޒާރު ދީފައިވަނީ ސިނގިރޭޓު ދެ ކޮންޓެއިނަރު ނުހުޅުވުމަށެވެ. ހުޅުވައިފިނަމަ އިހުސާން އާއި ކަސްޓަމްސް އަދި އެމްޕީއެލްގެ ވެރިން ބޭޒާރު ވާނެ ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެ އެވެ. ތިން މުއައްސަސާގެ ވެރިންގެ ފޯނަށް މެސެޖު ލިބުނީ ދަންވަރު 1:00 ހާއިރު އެވެ.
ފުލުހުންނާއެކު އިހުސާން ގޮސް ކޮންޓެއިނަރުތައް ހުޅުވިއިރު އެތެރޭގައި ހުރީ ހެވީ ވެހިކަލުގައި އަޅުވާ ބޮޑު، ބިޔަ، ބާ ޓަޔަރުތަކެކެވެ. އޭގެ އިތުރުން، މަޒާޖީ އިންޒާރެއް ދޭހަވާ ފޮޓޯއެއް ވެސް ޕްރިންޓުކޮށް ކޮންޓެއިނަރު ތެރޭގައި ހިއްޕާފައި ހުއްޓެވެ. އެ ފޮޓޯއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފޮޓޯއެއް ހިމެނޭ މީމް އެކެވެ.
ކޮންޓެއިނަރު ތެރޭ ޖަހާފައި ހުރި މައުމޫނުގެ ފޮޓޯ: ފަހަތުގައި ހުރި ލިޔުންކޮޅި ވަނީ ބްލާ ކުރެވިފަ ---
ސިނގިރޭޓުތައް ވަގަށް ނެގިކަން، ތަހުގީގީ އިދާރާތަކާއި ނޫސްވެރިން އަދި ސޯޝަލް މީޑިއާގައި ހިންގާ އެކައުންޓުތަކަށް ވެސް ނޭނގޭކަން ދޭހަވާ މޭރުމަކުން ކޮންޓެއިނަރު ތެރޭ ހިއްޕާފައި ހުރި ގަނޑެއްގައި ލިޔެފައިވެ އެވެ.
މި ކަންކަމުން ކުލަވަނީ ނުރައްކާތެރި މަންޒަރެކެވެ. މައުމޫނުގެ ފޮޓޯ އަދި އޭގެ ފަހަތުގައި ލިޔެފައި ހުރި އިބާރާތުން ސަރުކާރުގެ ވެރިންނާއި ހޯމް މިނިސްޓަރަށް "ކުރުދޮށިން" ދީފައި އެވަނީ ދެވެން ނުވާނެ ފަދަ މެސެޖެކެވެ.
އެ މެސެޖުން ދޭހަވަނީ ސަރުކާރުގެ ކުންފުނިތަކާއި ސަލާމަތީ ބާރުތައް އަދި މުއައްސަސާތަކުގެ މައްޗަށް "ވަގުން" ފޯރުވާ ބާރެވެ. ކޮންމެ އެއްޗެއް އެތެރެކުރިޔަސް، އެ ތަކެތި ހިފެހެއްޓިޔަސް ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެ ދީފައިވާ ނުރައްކާތެރި އިންޒާރެކެވެ.
އެމްޕީއެލް އާއި ކަސްޓަމްސްގެ ތެރޭގައި ކޮރަޕްޝަން ވަކި ހިއްޕާލާފައި މިންވަރު މި މެސެޖާއި، މި އަމަލުތަކުން ނިކަން ސާފުވެ އެވެ.
ހުޅުމާލެ ބަނދަރުގެ ސެކިއުރިޓީ ކަންކަން ދެމެހެއްޓިފައި އޮތް ގޮތާއި ދީފައިވާ މެސެޖުން ސާފުވެގެން ދަނީ މިކަމުގެ އަޑީގައި ބާރުވެރި އަތްތަކެއްވާ ކަމެވެ.
ކެމެރާއެއްގެ ކުރިމައްޗަށް ކޮންޓެއިނަރު ބަރިއެއް ޖަހައި، ދެން ހުރި ކެމެރާތައް ނިއްވާލެވޭނީ ހަމަ ގައިމު ވެސް އެމްޕީއެލް ގެ އިސް ބައެއްގެ އަތެއް އޮވެގެންނެވެ. އެއް ތަނުން އަނެއް ތަނަށް މުދާ ގެންދާކަން ލިޔާ ގްރޫޕުގައި ނުލިޔެ، ސިނގިރޭޓު ހުރި ކޮންޓެއިނަރުތައް ހުރި ތަނަށް އެހެން ކޮންޓެއިނަރުތަކެއް ޖެހުމުގައި އެމްޕީއެލް ބައެއްގެ ބައިވެރިވުން އޮންނާނެކަން ޔަގީނެވެ.
ހުޅުމާލެ ބަނދަރަށް ދޯންޏެއް ކައިރިކޮށް، އެ މަންޒަރު ފެންނަ ސެކިއުރިޓީ ފުޓޭޖުތައް ހުރެމެ، އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ މިކަމުގައި ނުފޫޒު ގަދަ، ބާރުވެރި އަތްތަކެއް ވާކަން ދޭހަކޮށްދޭ އަނެއް ކަމެވެ.
ދެ ކޮންޓެއިނަރުގައި ހުރި 12 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ގެއްލުނުކަން ފަޅާއެރިތާ މިއަދަށް ހަ ދުވަސް ވާއިރު، މުއިއްޒު އަދި އިހުސާން ވެސް މިކަމުގައި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. އެހެން މައްސަލަތައް ގާތުން ބެލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓުތަކުން ޕޯސްޓެއް ވެސް މިކަމާއި ގުޅިގެން ނުކުރެ އެވެ.
ޑިއުޓީ އަށް 100 މިލިއަން ރުފިޔާ އަށްވުރެ ގިނައިން އަރާ މި ސިނގިރޭޓު ޝިޕްމަންޓުތައް ގެއްލުމުން ފުލުހުން، ކަސްޓަމްސް އަދި އެމްޕީއެލް އިން ވެސް މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ. ބަޔާނެއް ވެސް ނެރެފައެއް ނުވެ އެވެ.
މައުލޫމާތު ލިބެނީ މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. ތުހުމަތު ކުރެވޭ ބަޔަކު ފާހަގަވި ކަމެއް، ސިނގިރޭޓުތައް ހުރި ތަނެއް އެނގުނު ކަމެއް ވެސް މިހާތަނަށް ސާފެއް ނޫނެވެ. ސަރުކާރުގެ ވެރިންނަށާއި ތަހުގީގީ އިދާރާތަކަށް މި މައްސަލައަކީ މާ ބޮޑު ކަމަކަށް ނުވި އެވެ.
13 މިލިއަން ސިނގިރޭޓު ވަގަށް ނަގަން ހިންގީ ރޭވުންތެރި ބޮޑު "ހައިސްޓެއް" 13 މިލިއަން ސިނގިރޭޓު ވަގަށް ނަގަން ހިންގީ ރޭވުންތެރި ބޮޑު "ހައިސްޓެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ