ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ސަރުކާރުން ބުނެފައި އޮއްވައި، އަންނަ އަހަރުގެ ނިޔަލަށް އެ މަޝްރޫއު ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މުއިއްޒު ކުރައްވާ ދަތުރުގައި ނޫމަރާއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ހެލްތު މިނިސްޓްރީން ކަނޑައަޅާ މިންގަނޑެއްގެ ދަށުން ޓެސްޓު ހެދޭނެ އިންތިޒާމު ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމެންވާއިރަށް ގާއިމުކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމޭއިރުގައި ނުހުންނާނެ ރާއްޖޭގެ އެެންމެ ރަށެއް ވެސް އެ ރަށުގެ ނިސްބަތުން އެ ރަށުގައި ހެދޭނެ ޓެސްޓުތައް ހެލްތު މިނިސްޓްރީން ކަނޑައަޅާ ސްޓޭންޑާޑެއް އޮންނާނެ. އެ ޓެސްޓުތައް ހެދޭނެ ގޮތް ގާއިމުނުކުރާ ރަށެއް ނުހުންނާނެ. އެ ޔަގީންކަން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެން،" މުއިއްޒު ވިދާޅުވި އެވެ.
ލެބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރުން ފެށި އެވެ. އެއީ މުއިއްޒުގެ ހަފްތާ 14 އެޖެންޑާގައި ހިމެނިގެން ތަންފީޒުކުރަން ފެށި މަޝްރޫއެކެވެ.
އޭރު ސަރުކާރުން އެ މަޝްރޫއު ފެށީ ހަތަރު ރަށުގައި ލެބޯޓްރީ ހިދުމަތް ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ. އެގޮތުން ލެބޯޓްރީ ނެތް ބާކީ 72 ރަށުގައި އެ ހިދުމަތް މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ގާއިމުކުރާނެ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށަކަށް ކަންތައްތައް ކޮށްދިނުންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން ކުޑަކުދިންގެ ޕާކުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ ބަޔާނުގައި ވައުދުވީ ފަދައިން ރަށްރަށުގައި އައުޓް ޑޯ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ވެސް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި މި އަހަރު މަސައްކަތްތައް ފެށިފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބާކީ ރަށްތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އޭގެއިތުރުން ކުނި މެނޭޖްކުރާ ސެންޓަރުތަކާއި ސްކޫލްތައް އަޕްގްރޭޑްކޮށް މަލްޓި ޕާޕަސް ހޯލްތައް ގާއިމުކުރުމާއި ހެލްތު ސެންޓަރުތައް ވެސް އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ލެބޯޓްރީ މަޝްރޫއު ނިންމާނެ ކަމަށް ބުނި ތާރީހު ފަހަނައަޅައި ދިޔަތާ އަހަރެއް ފަހުން އިތުރު ތާރީހެއް ލެބޯޓްރީ މަޝްރޫއު ނިންމާނެ ކަމަށް ބުނި ތާރީހު ފަހަނައަޅައި ދިޔަތާ އަހަރެއް ފަހުން އިތުރު ތާރީހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ