ހޮޓްލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މިއަދު ކުރުބާގައި ބޭއްވި ޖީއެމް ފޯރަމްގައި، "ރާއްޖޭގެ ފަތުރުވެރިކަމުގެ ދިގު މުއްދަތުގެ ސިޔާސަތާއި އިންވެސްޓަރުންގެ ޝައުގުވެރިކަން އެއްހަމަކުރުން" މި މައުލޫގެ މައްޗަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކެވި، ބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މިހާރުގެ ހާލަތާއި، އާމްދަނީ ދަށްވުމާއި، ފައިދާ ކުޑަވުމާއި، ވިޔަފާރީގެ މާހައުލަށް އޮތް އިތުބާރުގެ މައްސަލަތަކަށް ފުންކޮށް ވާހަކަ ދައްކަވައިފަ އެވެ.
ޓޫރިޒަމްގެ މުސްތަގުބަލާ މެދު ވިސްނަން މުހިންމު ކަންތައްތަކެއް އެބޭފުޅުން ދޫކުރެއްވި އެވެ.
ޕަލްސް ހޮޓެލްސްގެ ސީއީއޯ، މުހައްމަދު ހަލީލް ވިދާޅުވީ ޓޫރިޒަމްގެ މުސްތަގުބަލާ މެދު ސީރިއަސްކޮށް ވިސްނައި، އާ ވިސްނުންތަކެއް ގެންނަން ޖެހޭ ކަމަށެވެ. މިހާރުގެ ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގު ފެންނަނީ އެހާ ރަނގަޅަށް ނޫންކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ކުރިއަރަމުން އަންނަ އެހެން މަންޒިލްތައް ކަމަށްވާ ދުބާއީ ފަދަ ތަންތަނުން މިސާލު ނަގައިގެން ޓޫރިޒަމާ މެދު އާ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
މިހާރު ޓޫރިޒަމަކީ ހަމައެކަނި މީހުން އަރާމު ކުރަން ކުރާ ކަމެއް އެކަންޏެއް ނޫން
ޓޫރިޒަމްގެ ދާއިރާ ސިންދަފާތު ކުރަން ޖެހޭ؛ ހަނީމޫން ޓޫރިޒަމްގެ ބޭރަށް ވިސްނާ ރިއަލް އެސްޓޭޓް ޓޫރިޒަމް ފަދަ އާ ބާވަތްތައް ތަޢާރަފްކުރުމުގެ މުހިންމުކަން ހަލީލް ފާހަގަކުރެއްވި
ހަލީލް ވިދާޅުވީ އިންވެސްޓްމަންޓުން ލިބޭ ފައިދާ ނުވަތަ ރިޓާން އޮން އިންވެސްޓްމަންޓް (އާރުއޯއައި) އާމްދަނީ އާއި، ހޮޓާތަކުގެ ޖާގަ ބޭނުންކުރެވޭ ވަރު ނުވަތަ އޮކިއުޕަންސީ ރޭޓް ދައްވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި ޓޫރިޒަމް ސިނާއަތުގައި %42 އަށް ވުރެ ގިނަ އެނދު މިހާރު ބޭނުމެއް ނުކުރެވެ އެވެ.
ޓޫރިސްޓުން އައުން ގިނަވުމަކީ ރަނގަޅު ކަމެއް ނަމަވެސް، އަންނަ މީހުން ގިނަވުމަކީ ހިތްހަމަ ޖެހުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންވެސްޓަރުން ވިސްނާނީ އެމީހުންގެ ވިޔަފާރީގެ އާމްދަނީ، ފައިދާ، އަދި އިންވެސްޓްމަންޓުގެ ރިޓާން ލިބޭނެ މިންވަރު ރަނގަޅުވާ ވަރެއްގެ މައްޗަށް،" ހަލީލް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމަކީ ބޮޑު މައްސަލައެއް ކަމަށާއި، ޖުޑީޝަރީ ސިސްޓަމް ރަނގަޅުކޮށް، ވިޔަފާރި އާއި މާލީ ދާއިރާގެ ގާނޫނުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ހަލީލް ފާހަގަކުރެއްވި އެވެ.
" ޓޫރިޒަމް ދާއިރާގެ ބައިވަރު ކުންފުނިތައް ކޯޓު މަރުހަލާގައި މައްސަލަތައް ނުނިމި ތާށިވެފައި އެބަހުރި. މިތަނަށް އިންވެސްޓްކުރަން އަންނާށޭ މިއީ ރީތި ގައުމެކޭ ބުންޏަސް މިކަންކަން މިހެން ހުއްޓާ މީހުންނެއް މިތާކަށް ނާންނާނެ. ޔަގީންކަމެއް އިތުބާރެއް އެބަ ލިބެން ޖެހޭ ނިޒާމަށް،" ހަލީލް ވިދާޅުވި އެވެ.
ސިޔާސަތުތައް ކަނޑައަޅާއިރު އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނާ މިހާރަށް ވުރެ ބޮޑަށް ސަރުކާރުން މަޝްވަރާކުރަން ޖެހޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. ދިވެހި ޒުވާނުން ޓެކްނޮލޮޖީއަށް އަހުލުވެރި ނަމަވެސް، ވޯކް-ލައިފް ބެލެންސް ނުލިބޭތީ ޒުވާނުން ޓޫރިޒަމް ދާއިރާއަށް ނާންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެކަމަށް ހައްލު ހޯދަން ވެސް އޭނާ ގޮވާލެއްވި އެވެ.
އެޓްމޮސްފިއާ ކޯގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަދި ހެޑް އޮފް އިންވެސްޓްމަންޓް ސްޓްރެޓެޖީ، ޝްރީކާންތް ދާސް ހަލީލްގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ވިދާޅުވީ ދުބާއީގައި 18 މަސްދުވަސް ކުރިން ޓެކްސްތައް ގެންނަކަން އިއުލާންކުރި ކަމަށެވެ. އެހެން ވީމާ ޕޮލިސީ ލެވެލްގައި ކަންކަން އަންނަން ވާނީ ވަގުތު ދީފައި، ބޮޑަށް މަޝްވަރާކޮށެގެން ކަމަށް ވިދާޅުވި އެވެ.
"އާ ޕޮލިސީތައް ތަންފީޒުކުރަން ވާނީ ބައިބަޔަށް އިންޑަސްޓްރީއަށް އަސަރުތައް ކުޑަވާނެ ގޮތަށް،" ޝްރީކާންތް ވިދާޅުވި އެވެ.
އޭނާ ދެން ފާހަގަ ކުރެއްވި އަނެއް ކަމަކީ އިންވެސްޓްމަންޓުތަކަށް ދިވެހި ބޭންކުތަކުން ފައިސާ ނުލިބުމާއި ބޭނުންވާ ވަސީލަތްތައް ރާއްޖެއިން ހޯދަން އުނދަގޫވުމެވެ. ފާއިތުވެދިޔަ 10-15 ޓޫރިޒަމަށް ރާއްޖެއިން ބޭރުން އަންނަ އިންވެސްޓަރުން ފައިނޭންސް ހިފައިގެން އަންނަ ކަމަށާއި ނަމަވެސް ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި މީހުންނަށް ހުރި ފުރުސަތުތައް މަދުކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ 3 މިލިއަން ފަތުރުވެރިންގެ ޓާގެޓެއް ގެންގުޅެން ޖެހޭކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. ޗައިނާ އާއި އިންޑިއާއަށް ފޯކަސްކޮށްގެން މަސައްކަތްކޮށް، އެ މާކެޓްތަކުން އަންނަ މީހުންނަށް ރަނގަޅު ޕާމަންޓް މެތަޑްތަކެއް ގެންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ޕްލާސްޓިކް ސާޖަރީ ފަދަ ކަންކަން ތައާރަފްކޮށް، އާ ދާއިރާތަކަށް ޓޫރިޒަމް ޑައިވާސިފައި ކުރަން ޖެހޭނެ ކަމަށް ވެސް ދާސް ވިދާޅުވި އެވެ.
ސަން ސިޔާމް ރިސޯޓްސްގެ ވައިސް ޕްރެސިޑެންޓް އޮޕަރޭޝަންސް، އަބްދުﷲ ތަމްހީދު ވިދާޅުވީ، ފުރަތަމަ ރާއްޖޭގައި ޓޫރިޒަމް ނުވަތަ ރިސޯޓްތައް ހެދިގޮތާ ހިލާފަށް، ބޮޑެތި ރިސޯޓްތައް އެންޓަޓެއިންމަންޓްއާ އެކު އަންނަން ޖެހޭ ކަމަށެވެ. އެޓްލާންޓިސް ރޯޔަލް ދުބާއީން މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ، އެތަން ކާމިޔާބުވީ ތަފާތު ކޮޓަރިތަކާއި، މުނިފޫހި ފިލުވުމުގެ ގިނަ ކަންކަން އެތަނުގައި ހުރުމުން ކަމަށެވެ.
އެބޭފުޅުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ގޮންޖެހުންތައް ހައްލު ކުރަން އެކަށީގެންވާ ސިޔާސަތުތަކެއް އަދި ވިސްނުންތަކެއް ނުނެގެނެވޭތީ އެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދައި، ދިގު މުއްދަތުގެ ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
ދާއިރާއަށް ކުރިއެރުން ހޯދުމަށްޓަކައި ސަރުކާރާއި ވިޔަފާރިވެރިންނާއި ދާއިރާގެ އެހެނިހެން ހުރިހާ ފަރާތްތަކެއްގެ ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ޕެނަލްގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ފާހަގަކުރައްވައި ބާރު އެޅުއްވި އެވެ.
ޓޫރިޒަމްގެ އަޑު: އާމްދަނީ ދަށް، ފައިދާ ދަށް، އިތުބާރު ކުޑަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ