ކިތަންމެ ދޮށި ނަމަވެސް ކިތަންމެ ފަލަ ނަމަވެސް، ކިތަންމެ ސިފަ ހުތުރު ނަމަވެސް އަތުގައި ފައިސާހުރިނަމަ ވަށައިގެން އެނބުރޭނެ ބައަކު ތިބޭނެއެވެ. އެއިގެ ތެރޭގައި ޒުވާން އަންހެންކުދިންވެސް ތިބޭނެއެވެ. ޒުވާން، ރީތި އަންހެންކުދިންވެސް ތިބޭނެއެވެ. ހަމައެގޮތަށް ތަނަވަސް އަންހެނުންގެ ވަށައިގެން އެނބުރޭނެ ޒުވާން، ރީތި ފިރިހެންކުދިންވެސް ތިބޭނެއެވެ.
އެމީހުން އެނބުރެނީ އެމިހެއްގެ ވަށައިގެނެއް ނޫނެވެ. އެމީހެއްގެ އަތުގައިހުރި ފައިސާގެ ވަށައިގެންނެވެ. އެކަމަށް ނުވިސްނައި މާރީތި، މާޒުވާންކުދިންނާއި ކައިވެނިކޮށްފައި ފަހުން ޝަކުވާކުރަން ނުހަދާށެވެ. އެކުދިން ބޭނުންވާ ކަންކަން ޙާޞިލުކުރެވުމުން ދާދި އަވަހަށް ވަކިވެގެންދާނެ ކުދިންވެސް ތިބޭނެއެވެ. އަދި ފައިސާގެ ދަހިވެތިކަމުގައި އެކުގައި އުޅޭނެ ކުދިންވެސް ތިބޭނެއެވެ.
މިފަދަ ވާހަކަތައް ވަރަށް ގިނައިން ދައްކަމެވެ. ވިސްނައިދެވޭތޯއެވެ. މިފަދަ ކައިވެނިތަކުގައި މައްސަލަ ޖެހުމުން ލަފައަކަށް އެދި ގިނަ ބައަކު މަޝްވަރާކުރެއެވެ. ކިތަންމެ ވަރަކަށްވެސް ބުނަން އޮތީ ހަމައެއް ވާހަކައެކެވެ. އެއީ ޖެހޭނެ މައްސަލަތަކަށް ވިސްނަންވީ ކައިވެނިކޮށް މައްސަލަ ޖެހުމަކުން ނޫނެވެ. މައްސަލަ ޖެހޭނެކަން އެނގޭ ކައިވެނި ނުކުރުން ނޫން ޙައްލެއް މިކަމުގައި ނެތެވެ.
އެހެނެއް ނޫނެވެ. ޢުމުރު ތަފާތު ނަމަވެސް އުޅެވޭކަން އެނގެން އޮތް ގޮތެއްވެސް އެބައޮތެވެ. އެއީ ޢުމުރުތަފާތުނަމަވެސް ނިކަމެތި، ސިފަ އެހައި ރީތި ނޫން އަދި ތަޤްވާވެރި ކުދިންނާއި ކައިވެނިކުރުމެވެ. އެއިރުން އެކުދިން ލޯބިދީގެން އެކުގައި އުޅުމުގެ ފުރުޞަތު ބޮޑުވެގެންދާތީއެވެ. އެކުދިންގެ ނިކަމެތި ޙާލު ވިސްނޭތީ ކެތްތެރިވާ ކުދިން ތިބެއެވެ. އެކަމަކުވެސް ގަރަންޓީއެއް ނެތެވެ. ރަނގަޅު ގޮތެއް މެދުވެރިވެއްޖެނަމަ ވަކިވުން އޮންނާނީ ދާދި ގާތުގައެވެ.
ޢުމުރުން ތަފާތު ނަމަވެސް ވިސްނުންތެރިކަމާއިއެކު ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. ވިސްނުންތެރިކަން އިސްކޮށްގެން ކައިވެނިކުރުމުން މައްސަލަތައް ޙައްލުކުރެވޭކަން ތަޖުރިބާއިން އެނގެއެވެ. ވީމާ އެންމެ މުހިންމުކަމަކީ ވިސްނުން އިސްކުރުމެވެ.
ތިމާއަށް ތަނަވަސްކަން ލިބިފައިވާތީ ވަށައިގެން އެނބުރޭ ޒުވާންކުދިންނާއި ކައިވެނިކުރުން ގިނަ ފަހަރަށް ވާނީ އަމިއްލައަށް ހޫނުފެނަށް ވެއްޓިގަތުން ފަދަ ކަމަކަށެވެ. ހޫނުފެނަށް ވެއްޓިގަތީމާ ފިހޭނެކަން ނުއެނގޭ މީހަކު ނުހުންނާނެއެވެ. ވީމާ ވެއްޓިގަނެ ފިހުނީމާ ކަންބޮޑުވުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
ތިމާއަށް ތަނަވަސްކަން ލިބިފައިވާތީ ވަށައިގެން އެނބުރޭ ޒުވާންކުދިންނާ މުސްކުޅި ޢުމުރުގަ ކައިވެނިކުރުން ގިނަ ފަހަރަށް ވާނީ އަމިއްލައަށް ހޫނުފެނަށް ވެއްޓިގަތުން ފަދަ ކަމަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ