މެޑްރިޑް (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން 2-1 އިން ރެއާލް މެޑްރިޑް ބަލިކުރިއިރު، ކްލަބް ބްރޫޖް އަތުން 3-0 އިން މޮޅުވެ އާސެނަލުން 3-0 ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.
ރޭ ރެއާލް ދަނޑުގައި ކުޅުނު މެޗުގައި ސިޓީ އަތުން ބަލިވެ، އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ އަށް މަގާމުގައި ދެމިހުންނަން އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އަލޮންސޯ އަށް ވަޒީފާ ސަލާމަތްކުރަން ލިބިފައި އޮތް ފަހު ފުރުސަތަކީ ރޭގެ މެޗުން މޮޅުވުމެވެ. އެހެން ނަމަވެސް، އެ ޓީމު ވަނީ ބަލިވެފަ އެވެ.
ރެއާލުން ރޭގެ މެޗުގެ 28 ވަނަ މިނިޓްގައި ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ރޮޑްރީގޯ ޖެހި ގޯލުން ލީޑުނެގި އެވެ. މިއީ، މި އަހަރު މާޗް މަހުގެ ފަހުން ރޮޑްރީގޯ ޖެހި ފުރަތަމަ ގޯލެވެެ. ރެއާލަށް ލީޑުގައި މާ ގިނައިރު ވަންދެން ނޯވެވުނެވެ. އެއީ، މެޗުގެ 35 ވަނަ މިނިޓްގައި ސިޓީގެ ޒުވާން ތަރި، ނިކޯ އޯރައިލީ ލަނޑު ޖަހައި އެއްވަރުކޮށްދިނުމުންނެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ސިޓީ އަށް ލީޑުނަގައިިދިނީ، އާލިން ބްރައުޓް ހާލަންޑް ޖެހި ޕެނަލްޓީންނެވެ. ސިޓީ އަށް މި ޕެނަލްޓީ ލިބުނީ، މިއީ، ހާލަންޑަށް އޭރިއާތެރެއިން، ރެއާލްގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ރެއާލުން ދެ ވަނަ ހާފުގައި ނުކުމެ، އެއްވަރުކުރެވޭތޯ އެޓޭކްތަކެއް ކުރިއިރު، ބެލިންހަމް އާއި އެންޑްރިކް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެެވެ.
އާސެނަލަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ނޯނީ މަޑުއޭކޭ ދެ ލަނޑުގެ އިތުރުން ގަބްރިއެލް މާޓިނެލީ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ރަށުންބޭރުގައި އެތުލެޓިކް ބިލްބާއޯއާ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. ބަޔާ ލެވަކޫސަނާއި ނިއުކާސަލް ޔުނައިޓެޑް 2-2 އިން އެއްވަރުވިއިރު، ހޯސޭ މޮރީނިއޯގެ ބެންފީކާ އިން ވަނީ 2-0 އިން އެންޓޯނިއޯ ކޮންޓޭގެ ނަޕޯލީ ބަލިކޮށްފަ އެވެ. އަދި، ޔުވެންޓަސް އިން ވަނީ 2-0 އިން ޕަފޯސް އަތުން މޮޅުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ކޮންމެ ޓީމަކުން ހަ މެޗު ކުޅެފައިވާއިރު، އާސެނަލުން އެއް ވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 18 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބަޔާން މިއުނިކަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޕީއެސްޖީ އަށް 13 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ސިޓީ އަށް ވެސް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.
ސިޓީން ރެއާލް ބަލިކޮށްފި، އާސެނަލްގެ ރެކޯޑް ކުރިއަށް ސިޓީން ރެއާލް ބަލިކޮށްފި، އާސެނަލްގެ ރެކޯޑް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ