މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން އިހުތިޖާޖު ކޮށްފި

މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފު ޒާކިރާއި އެހެން މީހުން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން އިހުތިޖާޖުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ފެށި މި މުޒާހަރާއަކީ މަސްވެރިންގެ ދުވަހާއި ގުޅިގެން "ދެން ނުވަނެ، ދެން ނުފުރޭނެ". ނަމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަންއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުޒާހަރާއެކެވެ. މި މުޒާހަރާ ހޫނުވެ ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި މައުރޫފު ވެސް ހިމެނެއެވެ.
އެއާއެކު އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއި ދެކޮޅަށް މިއަދު ސުލްހަވެރި އިހުތިޖާޖު ކުރަމުންދަނީ ކްރިމިނަލް ކޯޓު ކައިރީގައެވެ. ހަވީރުން ފެށިގެން ކުރިއަށްގެންދިޔަ މި އިހުތިޖާޖާއި ބީކޭޔޫގެ މެންބަރުން ގުޅިފައިވާއިރު އެ މީހުން ގޮވާލަމުންދަނީ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށެވެ.
އެ މީހުން ދޫކުރުމަށް ގޮވާލާ ރޭ އެމްޑީޕީން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާއިރު، ދިވެހި މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އަޅައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރު ކޮށްފައިވަނީ ޤާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ.
އަދި މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން މައުރޫފު ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ސަރުކާރުން މަސްވެރިންނަށްވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީއާއި ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކަށް ސުލްހަވެރިކަމާއެކު މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް އޮޑި ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިރު ދައްކާ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އެ ޕާޓީން ތުހުމަތުކޮށްފައި ވެއެވެ.
އެ މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމާ ދެކޮޅަށް ޔޫނިއަނުން ވެސް މިއަދު ބަޔާނެއް ނެރެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، މުޒާހަރާ ކުރީ މަސްވެރިންގެ ދުވަހާއި ގުޅިގެން ސުލްހަވެރި އިހުތިޖާޖެއް ނަމަވެސް އެ އިހުތިޖާޖު ހުއްޓުވުމަށްޓަކައި ފުލުހުން ދޯނިތަކަށް އަރާ ދޯނީގެ ފަޅުވެރިން ގަވާއިދާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކުރި ކުރުން ކުށްވެރިކޮށް އެ ޔޫނިއަނުން ވަނީ ހައްޔަރުކުރި ހުރިހާ އެންމެން ދޫކޮށްލުމަށް ގޮވާލާފައެވެ.
އަދި މުޒާހަރާ ހުއްޓާނުލާކަން ފާހަގަކޮށް އެ ޔޫނިއަނުން ބުނީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ބައްދަލުވަންދެން މުޒާހަރާ ކުރިއަށްގެންދާނެ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާގެ ބައިވެރިން ހައްޔަރުކުރީ، ފުލުހުންގެ އެންގުންތަކަށް ބޯނުލަނބައި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދަތުރު ކުރި އެހެން އުޅަނދުތަކަށް ހުރަސް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ