ހުޅުމާލޭގެ ބައެއް މަގުތައް ހަދަން އެޗްޑީސީން ޗައިނާ ކުންފުންޏަކާ ހަވާލުކުރީ، 91.8 މިލިއަން ރުފިޔާއަށް
ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކުރީ، 91.8 މިލިއަން ރުފިޔާއަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ. މި މަހު ތިން ވަނަ ދުވަހު، އެ ކޯޕަރޭޝަނުން ވަނީ، ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ރޮޓައިމްގެ މެނޭޖިން ޑިރެކްޓަރު ޖޯވޭ ޑޮންގެވެ. https://sun.mv/214896 އޭރު މި ކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަނުކުރި ނަމަވެސް، މިއަދު އެޗްޑީސީން ވަނީ، އިތުރު ތަފްސީލުތައް ހިމެނޭ ބަޔާނެއް އާންމުކޮށްފައެވެ. މަގުތައް ހެދުމުގެ އެއްބަސްވުމުގައި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރަނީ: ހުޅުމާލޭގެ ބައެއް މަގުތައް ހަދަން އެޗްޑީސީން ޗައިނާ ކުންފުންޏަކާ ހަވާލުކުރީ، 91.8 މިލިއަން ރުފިޔާއަށް --- ފޮޓޯ/ އެޗްޑީސީ އެ ބަޔާނުގައި ބުނީ، މަގުތައް ހެދުމުގެ މަސައްކަތަކީ، އޮކްޓޫބަރު ދޭއް، 2022ގައި ހުޅުމާލޭގައި އަޅަން އެ ކުންފުންޏާ ހަވާލުކުރި "ޓެމްޕަރަރީ ވާކާސް އެކޮމޮޑޭޝަން"ގެ ތަރައްގީކުރުމުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ. އޭރު އެކޮމޮޑޭޝަން ބްލޮކެއް އަޅަން އެ ކުންފުންޏާ ހަވާލުކުރީ، ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅާތީ ކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބަދަލު އައުމުން އެ ތަނުގެ މަސައްކަތް ހުއްޓާލި ކަން ފާހަގަކޮށް، އެޗްޑީސީން ބުނީ، މަގުތައް ހަދަން ހަވާލުކުރީ، ސްޓެލްމަންޓް އެގްރީމަންޓެއްގެ ދަށުން ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓު ކައިރީގައި އޮންނަ މަގު ހިމެނޭހެން 19،001 އަކަމީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ. އޭގެއިތުރަށް، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8.012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް، އަލުން ތާރު އަޅާނެކަން އެޗްޑީސީން ފާހަގަކުރިއެވެ. ހުޅުމާލޭގެ މަގެއް މަތި: ހުޅުމާލޭގެ ބައެއް މަގުތައް ހަދަން އެޗްޑީސީން ޗައިނާ ކުންފުންޏަކާ ހަވާލުކުރީ، 91.8 މިލިއަން ރުފިޔާއަށް -- ސަން ފޮޓޯ/ މާނިއު މުހައްމަދު އެ ކޯޕަރޭޝަނުން ބުނީ، މި މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކުރީ، ޖީއެސްޓީ ހިމެނޭހެން 91.8 މިލިއަން ރުފިޔާއަށް ކަމަށެވެ. އެ ފައިސާ ދައްކަން ހަމަޖެހިފައި އޮތީ އެޗްޑީސީގެ ކޭޝް ފްލޯއަށް ދަތިނުވާހެން ކަމަށްވާއިރު، 50 ޕަސެންޓު ދައްކަނީ އެއް އަހަރަށް ބަހާލައިގެނެވެ. ބާކީ 50 ޕަސެންޓު ފައިސާ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރުގެ ތެރޭގައި ދައްކަން އެއްބަސްވެފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ، މި މަސައްކަތް ކުރިއަށް ދާނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފަށައިގެން ދެވަނަ ފިޔަވައްސަށް ނިންމާ ގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ