ޓެކްސްޓުން އެޕް ހަދާ 'ވައިބް ކޯޑިން' ގޫގުލުން ތަޢާރަފްކޮށްފި
ޓެކްސްޓުން އެޕް ހަދާ 'ވައިބް ކޯޑިން' ގޫގުލުން ތަޢާރަފްކޮށްފިއެވެ. ގޫގުލް އިން އެ ކުންފުނީގެ އޭއައި ސްޓޫޑިއޯ ޕްލެޓްފޯމަށް "ވައިބް ކޯޑިން" ގެ ޤާބިލިއްޔަތު ތަޢާރަފްކޮށްފައިވާއިރު، މިއީ ޓެކްސްޓް ޕްރޮމްޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޕްލިކޭޝަންތައް އުފެއްދުމަށް ދޮރު ހުޅުވާލި މުހިންމު ފިޔަވަޅެކެވެ. ވައިބް ކޯޑިންގ އަކީ އޭއައިގެ އެހީގައި ކޯޑު ލިޔުމަށް މަޝްހޫރުވެފައިވާ ސޮފްޓްވެއާ-ޑިވެލޮޕްމަންޓް ސްޓައިލެކެވެ. ގޫގުލުން ތައާރަފުކުރި މި ޚިދުމަތުގައި، ޑިވެލޮޕަރުންގެ ދައުރަކަށް ވާނީ އެޕްލިކޭޝަންގެ ޚިޔާލު ސާފު ބަހުން (ނެޗުރަލް ލެންގުއޭޖް) އޭއައި ސިސްޓަމަށް ބުނެދިނުމެވެ. އެއަށްފަހު، ކޯޑު ލިޔުމުގެ ބުރަ މަސައްކަތް އޭއައި ސިސްޓަމުން ކޮށްދޭނެއެވެ. މި އާ ފީޗާ އަށް ބާރުދެނީ ގޫގުލްގެ ޖެމިނައި 2.5 ޕްރޯ އޭއައި މޮޑެލްއިންނެވެ. ޑިވެލޮޕަރުންނަށް އެޕްލިކޭޝަންގެ ޚިޔާލު ޓެކްސްޓްގެ ސިފައިގައި ދިނުމުން، ޗެޓްބޮޓުން އެޕްގެ ކޯޑު ލިޔެ، އެޕްގެ ޕްރިވިއުއެއް ވެސް ދައްކާލައެވެ. މިކަމުގެ ސަބަބުން، ސޮފްޓްވެއާ ޑިވެލޮޕްމަންޓަށް ވަނުމަށް ހުރި ހުރަސްތައް ކުޑަވެ، ކޯޑު އުފެއްދުމުގެ މަސައްކަތް ވަރަށް ބާރު މިނެއްގައި ކުރިއަށް ގެންދެވޭނެއެވެ. ޔޫޒަރުންނަށް ހަމައެކަނި ޖެހޭނީ ބޭނުންވާ އެޕެއް ހުންނަންވީ ގޮތް އޭއައިއަށް ބުނެދެން --- ވައިބް ކޯޑިން އާއެކު، ގޫގުލް އިން ވަނީ އޭއައި ސްޓޫޑިއޯގައި އިތުރު ދެ އޭއައި މޮޑެލް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެއީ ވީޑިއޯ އުފެއްދުމަށް ޚާއްޞަ "ވީއޯ 3" އާއި ފޮޓޯ އެޑިޓްކުރުމަށް ޚާއްޞަ "ނެނޯ ބަނާނާ" އެވެ. މި މޮޑެލްތަކުގެ އެހީގައި ޑިވެލޮޕަރުންނަށް ވީޑިއޯއާއި ފޮޓޯ ފަދަ މީޑިއާ އެކުލެވޭ މަލްޓިމޯޑަލް އެޕްލިކޭޝަންތައް ހެދުމުގެ ޤާބިލިއްޔަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އެޕް ހެދުމަށް ޚިޔާލު ހޯދުމަށް "އައި އެމް ފީލިން ލަކީ" ގެ ނަމުގައި ބަޓަންއެއް ވެސް ތަޢާރަފްކޮށްފައިވެއެވެ. މި ބަޓަންއަށް ފިތާލުމުން، އެއްވެސް އެއްޗެއް ލިޔުމަކާ ނުލައި، ރެންޑަމްކޮށް އެޕް ހެދުމުގެ ޚިޔާލެއް އުފައްދައިދެއެވެ. އަދި ސްޓޫޑިއޯގެ "އެޕް ގެލެރީ" އަށް ގެނެވުނު ބަދަލުތަކާއެކު، ޑިވެލޮޕަރުންނަށް އެހެން މީހުން ހަދާފައިވާ އެޕްތަކުން ޚިޔާލު ހޯދައި، ސްޓާޓާ ކޯޑު ބޭނުންކޮށްގެން އަމިއްލަ އެޕްތައް އުފެއްދުމުގެ ފުރުޞަތު ފަހިވެފައިވެއެވެ. ގޫގުލް އިން ބުނާ ގޮތުގައި ވައިބް ކޯޑިން އަކީ ސޮފްޓްވެއާ ޑިވެލޮޕްމަންޓްގެ ދާއިރާއަށް އައި އިންޤިލާބީ ބަދަލެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް އެޕްލިކޭޝަންތައް ސީދާ ޑިޕްލޯއިމަންޓަށް ފޮނުވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ