ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް: ރައީސް

ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިއީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވި ޓީމުތަކަށާއި މުބާރާތް ބައްލަވަން ރާއްޖެއަށް ޒިޔާރަތްކުރެއްވި މެހުމާނުންނަށް މަރްޙަބާ ދަންނަވާފައިވެއެވެ.
"މިއީ، ކުޅިވަރަށް ދިވެހީން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، އަދި މި ޤައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުޞަތެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ އަމާން ޞުލްޙަވެރި ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ދިވެހިރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތާރީފު ލިބޭނެ މުބާރާތެކެވެ. އަދި މުބާރާތުގައި ބައިވެރިވި ހުރިހާ ޤައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރައްވާ ކަމަށާއި، ވަކީން ޚާއްޞަކޮށް ދިވެހި ޤައުމީ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ހަދާނެއްކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ