އަނބިމީހާއަށް 15،000ރ. ދީފައި މަޖިލިސް މެންބަރެއްގެ އަތުގައި އެއްޗެއް ނޯވޭ: އައްބާސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަނބިމީހާއަށް 15،000ރ. ދީ، ދެން ހުރި ހަރަދުތައް ކުރުމަށް ފަހު މެންބަރެއްގެ އަތުގައި އެއްވެސް އެއްޗެއް ނޯންނަ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރައްވާ އައްބާސް، މަޖިލިސް މެންބަރުންގެ މުސާރަ ކުޑަވެގެން ވާހަކަ ދެއްކެވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގި ބަހުސެއްގެ ތެރެއިންނެވެ.
އޭރު ބަހުސް ކުރަމުން ދިޔައީ ކުރީގެ ރައީސުންގެ އިނާޔަތްކުން 175،000ރ. އުނިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހެޅި ބިލަށެވެ.
ތަފްސީލު - އެ ބިލަށް ތާއީދު ކުރައްވަމުން އައްބާސް ވިދާޅުވީ ކުރީގެ ރައީސުން އިނާތްތައް ކުޑަ ކުރަން ޖެހޭ ކަމަށެވެ. އަދި ކުރީގެ ބައެއް ރައީސުން ގައުމަށް ފައިދާ ކުރަނިވި ކަންކަން ނުކުރައްވާ ކަމަށް ވެސް އޭނާ ބަހުސްގައި ފާހަގަ ކުރެއްވި އެވެ. އެއާ އެކު، އޭނާ ކަންބޮޑުވުން ފާޅު ކުރެއްވީ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ވެގެންނެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ލިބެނީ 79،700 ވަރަކަށް ރުފިޔާ [ނުވަތަ] 82،500ރ. ޓެކްސްއަށް ކަނޑާފައި. އަޅުގަނޑުމެން ގޭގެ ރެންޓު 25،000ރ. ދައްކާފައި، އެއް އަނބި ހުރިއްޔާ އެ އަނބިމީހާއަށް 15،000ރ. ދީފައި ދެން ކޮންމެ ދުވަހަކު ކޮފީއަށް 500 [ނުވަތަ] 1،000ރ. ދިޔައިމަ އަތަކު ނޯވޭ އެއްވެސް އެއްޗެއް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އޭނާ ކުރިން ވެސް އުޅުއްވީ މަޖިލީހުން ލިބޭ މުސާރައަކުން ނޫން ކަމަށެވެ.
"އަޅުގަނޑަށް ހެޔޮ އިންޝުއަރެންސް ނުލިބުނަސް، އަޅުގަނޑަށް ހެޔޮ ހިމާޔަތާއި ރައްކާތެރިކަން ނުލިބުނަސް، އެންމެ ނިކަމެތި ހާލުގައި އުޅުނު ގޮތުގައި ދެން ވެސް އުޅެވޭނެ،" އޭނާ މެންބަރުކަން ކުރައްވާ ދާއިރާ ހިމެނޭ ނ. ފޮއްދޫގައި ގެސްޓްހައުސް ވިޔަފާރި ކުރައްވަމުން ގެންދަވާ އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ހަރަދު ކުޑަކުރުމަށް މަޖިލިސް މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ވެއްޖެ ނަމަ، އެކަން ކުރަންވީ ކަމަށެވެ. އޭނާގެ %100 ތާއީދު އެކަމަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ސަރުކާރުން ވެސް ރައްޔިތުންނަށް ފައިދާ ކުރާ ކަންކަން ކުރާ ނަމަ، އެކަމަކަށް ތާއީދު ކުރައްވާނެ ކަމަށާއި ސަރުކާރު ވައްޓާލަން ތާއީދު ކުރާ މީހަކަށް އޭނާ ނުވާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކޮމިޓީ އެލަވަންސްއަށް ލިބޭ 20،000ރ.އާ އެކު މެންބަރަކަށް 82،500ރ. ލިބެ އެވެ. އޭގެ އިތުރުން:
މަޖިލިސް މެންބަރުކަން އެއް ދައުރު އަދާކޮށްފައިވާ މީހަކަށް މުސާރައިގެ %30 ލިބޭނެ
ދެ ދައުރު އަދާ ކޮށްފައިވާ މެންބަރަކަށް %45 ލިބޭނެ
މި އިނާޔަތްތައް ލިބޭނީ އެ މެންބަރެއްގެ އުމުރުން 55 އަހަރުވުމަށް ފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ