ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް އާތްރޮސްކޮޕިކް ނީ ސާޖަރީކޮށްފި
ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް އާތްރޮސްކޮޕިކް ނީ ސާޖަރީއެއް ކޮށްފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލް ބަލަހައްޓަވާ، ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން މުޅިން އަލަށް އާތްރޮސްކޮޕިކް ނީ ސާޖަރީއެއް އެ ހޮސްޕިޓަލްގައި ކޮށްފައިވާކަމަށެވެ. އަދި ރަސްމީކޮށް އެ ސާޖަރީގެ ޚިދުމަތް ވެސް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. "މިކުރެވުނު އާތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސާޖަރީއާއެކު، އަޅުގަނޑުމެންގެ ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ގޮސްފައިވާކަން އުފަލާއެކު ދަންނަވަން،" އިބްރާހިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ކުރިއެރުމަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދޭ ކަމަށް ވިދާޅުވިއެވެ. އާތްރޮސްކޯޕިކް ސާޖަރީ އަކީ ކަކުލާ ދިމާލުން ކުޑަ ތަންކޮޅެއް ފެޅުމަށްފަހު، ކުޑަ ކެމެރާއެއް (އާތްރޯސްކޯޕް) ލައްވައިގެން ކަކުލުގެ ހުޅުގެ އެތެރޭގައި ހުންނަ މައްސަލަތައް ބަލައި، ދެނެގަނެ، ފަރުވާ ދިނުމަށް ހަދައި އިންވޭސިވް ޕްރޮސީޖާއެކެވެ. މިއީ ކަކުލުގެ ލިގަމެންޓު ނުވަތަ ކާޓިލޭޖު އިރައިގެން ދިއުން ފަދަ ހާލަތްތަކުގައި އެ ކަމަށް ފަރުވާ ދިނުމަށް ކުރާ ސާޖަރީއެެކެވެ. މުޅި ކަކުލުގެ ސަރަހައްދު ބޮޑަށް ފަޅައިގެން ކުރާ ސާޖަރީއެއްގެ ބަދަލުގައި، ކަކުލާ ދިމާލުން ކުޑަ ތަންކޮޅެއް ފަޅައިގެން، އާތްރޮސްކޯޕެއް ލައްވައިގެން މައްސަލަތައް ބަލައި ފަރުވާ ދިނުމުން، ރިކަވަރީ ނުވަތަ ތަދު ފިލައި ރަނގަޅުވާ މިންވަރު އަވަސްވެއެވެ. އަދި ގިނަ ފަހަރަށް އެ ސާޖަރީއަށްފަހު ހަމަ އެދުވަހު ގެއަށް ވެސް ދެވެއެވެ. މި ސާޖަރީއަކީ ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް ކުރެވޭ ސާޖަރީއެކެވެ. ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް މި ޚިދުމަތް ފެށުމާއެކު، މިއީ ސަރުކާރު ހޮސްޕިޓަލަކުން މި ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ. https://sun.mv/212415 ހުޅުމާލެ ހޮސްޕިޓަލުގައި އާ ފަރުވާއެއް ފެށިއިރު އައިޖީއެމްއެޗުގައި ވެސް މިދިޔަ ހަފުތާގެ ތެރޭ ވަނީ އާ ސާޖަރީއެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ