އަދި ފްލެޓުތައް ދީ ނުނިމެ، މިހާރު ބޮޑު އަގުގައި ކުއްޔަށްދޭން އިއުލާނުކޮށްފި!

މިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ތެރެއިން، 100 އެއްހައި މީހުންނަށް ވެސް އަދި ފްލެޓް ދީ ނުނިމި އުޅެނިކޮށް އެ ތަންތަން ބޮޑު އަގުގައި ކުއްޔަން ދޭން އިޝްތިހާރުކުރަން ފަށައިފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދިން މައުލޫމާތުގައި ބުނީ، 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ ހަވާލުކުރަމުން އަންނަނީ އެ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ފުލެޓުތައް ކަމަށެވެ. ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުނުކޮށްގެން، މި ވޭތުވެދިޔަ ދުވަސްތަކުގައި އެތައް ޝަކުވާއަކާއި ކަންބޮޑުވުން އެ ފްލެޓްތައް ލިބެން ތިބި މީހުން އައީ ފާޅުކުރަމުންނެވެ. ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި، އަދި ބައެއް ޕްލެޓްފޯމްތަކުގައި މި ތަންތަން ކުއްޔަން ދޭން ވަނީ އިއުލާނު ޖަހައިފައެވެ. އެގޮތުން އެފްޑީސީން 10،500 ރުފިޔާއަށް ކުއްޔަށް ދޭ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔާ ދޫކުރާ ކަމަށް ބުނެ އިޝްތިހާރެއް ޖަހައިފައިވެއެވެ. އަސާސީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ހިންގާ މިފަދަ މަޝްރޫއުތަކުން، ފްލެޓް ހޯދަން މަސައްކަތްކުރާއިރު، އެންމެ ހައްގު މީހުންނަށް ނުލިބިދާނެ ކަމަށް އެތައް ކަންބޮޑުވުމަކާއި ޝަކުވާއެއް ގިނަ ބަޔަކު ކުރެއެވެ. ނަމަވެސް ފްލެޓް ހޯދުމަށްފަހު އެ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ މާލޭ ސަރަހައްދުގައި ވަރަށް އާންމުވެފައި އޮތް މައްސަލައެކެެވެ. ހުޅުމާލެ ފޭސް އެކެއް، އަދި ދޭއްގައި ހުރި ފްލެޓްތަކުގައި ވެސް ބޮޑު އަގުގައި ކުއްޔަށް އެތައް ފްލެޓެއް ދީފައި އެބަހުއްޓެވެ. ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. އެއީ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލާ ކަމެކެވެ. ނަމަވެސް ފްލެޓް ދޫކުރުމަށްފަހު އެ ތަނެއްގައި ވެރިން އުޅޭތޯ އެއްވެސް މިންވަރަކަށް ނުބަލާތީ ގިނަ ފަހަރު ކުއްޔަށް ދިނަސް އެ ކަން އިދާރާތަކަށް ފާހަގަނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހައި ފްލެޓް، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު އެކި މީސްމީހުންނަށް ގުޅައިގެން ވިއްކުމަށް މަސައްކަތްކުރަމުން އަންނަކަމަށް، ފްލެޓްވެރިންގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަނުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ