މަންޑޭގެ އަގު ބޮޑު މުދަލާއި އެޕާޓްމެންޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ނުބެލި

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ބޮޑު ފައިދާއެއް ހޯދި އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ އަގު ބޮޑު މުދާތައް އެއް އަހަރު ދުވަހަށް ހިފަހެއްޓި އަމުރު ބާތިލްކުރަން އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.
މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެެއްގެ ދަށުންނެވެ. އެ އަމުރުގެ ދަށުން, ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސްގެ އިތުރުން، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ.
އެ އަމުރު ބާތިލްކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް މިދިޔަ މަހުގެ 24 ދުވަހު ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އިއްޔެ އެ ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ކޯޓުން ބުނެފައި ވަނީ އަމުރު ގޯސްވާ ގާނޫނީ ސަބަބެއް ދެއްކިފައިނުވާތީ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި މަންޑޭ މައްސަލާގައި މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު 225 ދައުވާ މަންޑޭގެ މައްޗަށް ކުރެވޭނެ އެވެ.
ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހު އެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައި ހުއްޓަސް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ