އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާއި ލޯގޯ އިފްތިތާޙުކޮށްދެއްވާފައެވެ. އެ ސެންޓަރުގެ އާ ނަމަކަށް ހަމަޖައްސާފައިވަނީ "ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ ޤައުމީ މަރުކަޒު" އެވެ. މީގެ އިތުރުން، އެ ސެންޓަރުގެ 10 އަހަރުގެ ދަތުރު ދައްކުވައިދޭ ވީޑިއޯ ރިޕޯޓެއްވެސް މި ރަސްމިއްޔާތުގައި ދައްކާފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ކާޑިއެކް ސެންޓަރުގެ ސަބަބުން އައިޖީއެމްއެޗަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އަދި އެ ސެންޓަރަކީ މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އެއް ތަން ކަމަށާއި، ރާއްޖޭގައި ތިބެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވުމަކީ ބަލިމީހުންނަށް ލިބުނު ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ހިތުގެ ފަރުވާ ފަށާ، އެ ފަރުވާ އިތުރަށް ފުޅާކުރުމަށް ކުރީ އިޖާބީ މަސައްކަތެއް. މިއީ، ފަޚުރުވެރިވާންޖެހޭ ފަދަ ނަތީޖާއެއް. މިއީ، ރައްޔިތުންނަށް ލިބުނު އަގު ނުކުރެވޭ ފަދަ ހަދިޔާއެއް،" ރައްޒާޤު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ސެންޓަރުގެ ސަބަބުން ހިތުގެ ބަލިމީހުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ނިސްބަތް ދަށްވެފައިވާ ކަމަށެވެ.
ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ވިދާޅުވީ، އައްޑޫ ސިޓީގައި ފަށާފައިވާ ކެތްލެބުގެ ޚިދުމަތް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި 38 އެންޖިއޯގްރާމް އަދި 20 އެންޖިއޯ ޕްލާސްޓީ ހިމެނޭހެން ތަފާތު ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރަށް ދިހައަހަރު ފުރުން ފާހަގަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ