ފުޓްބޯޅަ ލާމަރުކަޒުކުރަން ރީޖަނަލް އެސޯސިއޭޝަން އުފައްދަން އެފްއޭއެމުން ނިންމައިފި

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރަހައްދީ ފުޓްބޯޅަ
އެސޯސިއޭޝަންތަކެއް އުފައްދައި، އެ ކުޅިވަރު ހިންގުން ލާމަރުކަޒުކުރަން
އެފްއޭއެމުން ފުރަތަމަ ފިޔަވަޅު އަޅައިފި އެވެ.
އިއްޔެ ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ހަތަރު
ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އުފައްދަން ނިންމައިފަ އެވެ. އެއީ ނޯތު ރީޖަން
ފުޓްބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓްބޯޅަ
އެސޯސިއޭޝަން، އަދި ސައުތު ރީޖަން އެސޯސިއޭޝަން އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު "މިހާރު" އަށް
ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅަ ލާމަރުކަޒީކުރުމުގެ ބިންގާ ކަމަށާއި، ދެން އޮންނަނީ
އަލަށް އުފައްދާ އެސޯސިއޭޝަންތަކުގެ އޮނިގަނޑު އެކުލަވާލައި، އިންތިހާބީ ކަންކަން
ކުރިއަށް ގެންދިއުން ކަމަށެވެ.
"އެ އެސޯސިއޭޝަންތައް ހިންގަން އިންތިހާބުކުރާނެ ބަޔަކާއި، އެ ހުރިހާ
ކަމެއް ވެސް ނިންމާނީ އެ ސަރަހައްދެއްގެ ރަށްތަކުން. ފުރަތަމަ މާލީ އެހީތެރިކަން
ބޭނުންވާނެ. އެކަމަކު ފަހުން ފައިސާ ވެސް ޖެނެރޭޓްކުރާނީ އެ ހަމަ
އެސޯސިއޭޝަނަކުން،" ޒަރީރު ވިދާޅުވި އެވެ.
ރީޖަނަލް އެސޯސިއޭޝަންތައް އުފެދުމާ އެކު، އެ ސަރަހައްދެއްގެ ލީގުތަކާއި، މުބާރާތްތައް
ހިމެނޭހެން ފުޓްބޯޅައިގެ ހުރިހާ ކަމެއް ރާވައި، އިންތިޒާމުކުރާނީ އެ އެސޯސިއޭޝަނަކުންނެވެ.
އެ ހިސާބުން އެފްއޭއެމް ގައުމީ ފެޑެރޭޝަނަކަށް ބަދަލުވެ، މައިގަނޑު ޒިންމާއަކަށްވާނީ
ގައުމީ ޓީމުގެ ކަންކަން ބެލެހެއްޓުމާއި، ޖުމްލަކޮށް ފުޓްބޯޅައިގެ ކަންކަން ވިލަރެސްކުރުމެވެ.
އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) މިދިޔަ އަހަރު
އެސޯސިއޭޝަނުގެ ރައީސްކަމަށް އިންތިހާބުވުމުގެ ކުރިން ވެސް އާ އަސާސީ ގަވާއިދުގައި
ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދަން ހިމަނަން ހުށަހެޅުއްވި އެވެ. އެކަމަކު
ފީފާ އިން އޭރު އެންގީ މީގެ ކުރިން ވެސް ރާއްޖޭން އެގޮތަށް އަސާސީ ގަވާއިދުގައި
ހިމަނައި އަމަލުކޮށްފައިނުވާތީ ފުރަތަމަ އަސާސީ ކަންކަން ފުރިހަމަކުރުމަށެވެ.
އެހެންވެ ޓޮމްގެ ލީޑާޝިޕުގައި ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދިވެހި
ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭ ގޮތަށް، ޑޮމެސްޓިކް ފުޓްބޯޅަ
ސިސްޓަމް އަލުން އެކުލަވާލައި، ރީޖަނަލް ލީގު ތައާރަފުކޮށްފަ އެވެ. ރީޖަނަލް
އެސޯސިއޭޝަންތައް އުފައްދަން އެކްސްކޯ އިން މި ނިންމީ އެ ބިންގަލުގެ މަތީގަ އެވެ.
ރާއްޖެ ނުވަ ޒޯނަކަށް ބަހާލައި ސަބް އެސޯސިއޭޝަންތައް އުފެއްދުމުގެ ބާރު 2016
ގައި ފާސް ކުރި އަސާސީ ގަވާއިދުގެދަށުން އެފްއޭއެމްގެ މައްޗަށް ލާޒިމު ކުރި އެވެ.
އެކަމަކު އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯއިން އެކަން ކޮށްފައެއް
ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ