"ކުރިއަށްއޮތް 5 އަހަރު އެންމެ ބޮޑު ކުރިއެރުމަކަށްވާނީ އިންވިޒިބަލް ޕޭމަންޓް"

ކުރިއަށް އޮތް ފަސް އަހަރުގެ ތަޞައްވުރަށް ބަލާއިރު އެންމެ ބޮޑު އީޖާދަކަށް ވާނީ ފައިސާ ދެއްކުމުގެ މުޢާމަލާތްތަކަކީ ފަސޭހަ، އަމިއްލައަށް ހިނގާ ކަމަކަށް ބަދަލުވުންކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.
ސީއީއޯ ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރުގެ ތަޞައްވުރު ބަޔާންކުރާނަމަ އެންމެ ބޮޑު އީޖާދަކަށް ވާނީ ފައިސާ ދެއްކުމުގެ މުޢާމަލާތްތަކަކީ ފާހަގަވެސް ނުވާނެހާ ފަސޭހަ، ނިޒާމުގެ ތެރެއިން އަމިއްލައަށް ހިނގާ ކަމަކަށް ބަދަލުވުންކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ފަތުރުވެރިއަކު ޗުއްޓީއެއް ބުކްކުރާއިރު، އޭނާ ބޭނުންކުރަނީ ކޮން ބޭންކެއްގެ ޚިދުމަތެއްތޯ ބެލުމެއް ނެތްގޮތަށް، ރިސޯޓަށާއި، ސީޕްލޭނަށާއި، ލޯންޗު ފަހަރަށާއި، އަދި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ވަގުތުންނާއި އޮޓޮމެޓިކުން ފައިސާ ޖަމާވެގެންދާ މަންޒަރެވެ.
"މިއީ އޭޕީއައި މެދުވެރިކޮށް ގުޅާލެވިފައިވާ، އެއް ނިޒާމުން އަނެއް ނިޒާމަށް މުޢާމަލާތްކުރެވޭ ފަސޭހަ ފައިސާ ދެއްކުމުގެ ނިޒާމުގެ ބާރެއް. މީގެ އިތުރުން، ޑިޖިޓަލް އައިޑެންޓިޓީއާއި ބަޔޮމެޓްރިކްސް ބޭނުންކޮށްގެން ފައިސާ ދެއްކުން އާންމުވެ، މުޢާމަލާތްތައް މިހާރަށްވުރެ ސަލާމަތްތެރި، ފަސޭހަ އަދި އެންމެނަށް ބައިވެރިވެވޭފަދަ ނިޒާމަކަށް ވެގެންދާނެ. އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ވިސްނުންތެރި މާލީ ޚިދުމަތްތަކަކަށް ބަދަލުވެގެންދާނެ." ސީއީއޯ ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ވޯކިންގ ކެޕިޓަލް ވަގުތުން ހޯދައިދިނުމާއި، މާލީ ކަންކަމުގައި ލަފާދިނުމާއި، އަދި މަކަރާއި ހީލަތުން ކުރާ މުޢާމަލާތްތައް ދެނެގަތުމަށް މި މަޢުލޫމާތުތަކުގެ ބޭނުން ހިފޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި، 'އޭޖެންޓިކް ކޮމާސް' ނުވަތަ އިތުބާރު ހުރި އޭއައި އެޖެންޓުން މުދާ ގަނެ، މުޢާމަލާތްތައް ނިންމައިދޭ ނިޒާމަށް ވިޔަފާރިތަކުން ތައްޔާރުވާންޖެހޭކަމަށް ވިދާޅުވިއެވެ. މިއީ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އަދި ބޭރު ޤައުމުތަކަށް ފައިސާ ފޮނުވުމުގައި ހުރި ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުޔެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހެނީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ވިދާޅުވިއެވެ. އެއީ ޑިޖިޓަލް ދާއިރާއަށް މީހުން އަހުލުވެރިކުރުވުމާއި، މަސައްކަތްތެރިންގެ ހުނަރު އިތުރުކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، ރެގިއުލޭޓަރުންނާއި، ބޭންކުތަކާއި، ފިންޓެކް ކުންފުނިތަކާއި އަދި ތަޢުލީމީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށްގެންކަމަށް ސީއީއޯ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ