މުއިއްޒުގެ ދަތުރުތަކުގެ ތަފްސީލް ހާމަނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް!

ރައީސް މުހައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ހަރަދު ހާމަކުރައްވާނެ ކަމަށް އަމިއްލަފުޅަށް އިއުލާން ކުރެއްވުމަށް ފަހު، އެ މައުލޫމާތުތައް އާންމުނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. 
ބޭރު ގައުމުތަކަށް ރައީސް އާއި ނައިބު ރައީސް ކުރައްވާ ދަތުރުތަކުގެ ހަރަދު، ދަތުރު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް މުއިއްޒު އިއުލާނު ކުރެއްވީ ޑިސެމްބަރު 2، 2023، ގައި ތުރުކީ އަދި ޔޫއޭއީ އަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވަ އެވެ.
ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ފަހު ރައީސް އޮފީހުން އިސްވެ މި މައުލޫމާތު އާއްމުކުރުން ވަނީ ހުއްޓާލައިފަ އެވެ. އެންމެ ފަހުން އެ އޮފީހުން ހާމަކުރީ މުއިއްޒު މިދިޔަ އަހަރުގެ އެޕްރީލް މަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ މައުލޫމާތެވެ. 
މުއިއްޒުގެ ހުރިހާ ރަސްމީ ދަތުރެއްގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ބައެއް މަޖިލިސް މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކެއް ބައިވެރިވެ އެވެ. ބައެއް ދަތުރުތަކުގައި ސަރުކާރުގެ ހަރަދުގައި މީޑިއާތައް ވެސް ގެންގޮސްފައިވެ އެވެ.
ހަރަދުތަކުގެ ތަފްސީލް ހާމަކޮށްފައި ނުވާއިރު، މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ އަދަދަށްވުރެ އިތުރަށް ދައުލަތުގެ ބަޖެޓުން ދަތުރުތަކަށް ހަރަދުކުރި ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކަ އެވެ. 
ދަތުރުތަކުގެ ހަރަދު ސަރުކާރުން ސިއްރުކޮށްފައިވާއިރު، މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް 273 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައަޅާފައި އޮތީ 249 މިލިއަން ރުފިޔާ އެވެ.
ހަރަދުތަކުގެ ތަފްސީލް ހާމަކުރުމުގެ ބޭނުމަކީ ދެފުށްފެންނަ ނިޒާމެއް ގާއިމްކުރުން ކަމަށް މުއިއްޒު ވިދާޅުވެފައިވާ އިރު، އެމަނިކުފާނުގެ ބައެއް ދަތުރުތަކަށް ހެޔޮއެދޭ ވިޔަފާރިވެރިން ހަރަދު ކުރައްވާ ކަމަށް މީގެ ކުރިން އިއުލާން ކުރައްވާފައިވެ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ. 
އޭގެ އިތުރުން 2024 ވަނަ އަހަރު މުއިއްޒު އާއި އާއިލާ އީދު ޗުއްޓީ ހޭދަކުރެއްވީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑްގަ އެވެ. އެއީ އަމިއްލަފުޅަށް ހަރަދުކުރެއްވި ޗުއްޓީއެއް ކަމެއް ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ