އެމެރިކާ މަތިން ބާރުގަދަ ގިނިހިލައެއް ގޮވައިފި

އެމެރިކާގެ ނިއު އިންގްލެންޑްގެ ބައެއް ސަރަހައްދުތަކުގެ އުޑުމަތިން ހޮނިހިރު ދުވަހުގެ މެންދުރު ފަހު އަލިގުޅައެއް ފެނި، ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ ޖައްވުގެ މަތީ ފަށަލައިގައި ގިނިހިލައެއް ގޮވުމުން ކަމަށް ސެޓެލައިޓް ފޮޓޯތަކާ ހަވާލާދީ ނާސާއިން ބުނެފި އެވެ.
އެ ހާދިސާގެ މަންޒަރު ގިނަ ބަޔަކަށް ފެނިފައިވާ އިރު، ސެޓެލައިޓަށް ވެސް މި މަންޒަރު ރެކޯޑު ކުރެވިފައިވާ ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ނާސާއިން ހާމަކުރި އެވެ.
ގިނަ ބަޔަކަށް އިވުނު ބާރުގަދަ އަޑަކީ، ގިނިހިލަ ގޮވި ވަގުތު ބޭރުވި ހަކަތައިގެ ސަބަބުން އުފެދުނު އަޑެއް ކަމަށާއި، އެއީ ގާތްގަނޑަކަށް 300 ޓަނުގެ ޓީއެންޓީ ގޮވުމާ އެއްވަރުގެ ބާރުގަދަ ހަކަތައެއް ކަމަށް ނާސާއިން އަންދާޒާ ކުރެ އެވެ.
ގިނިހިލައަކީ އަޑަށްވުރެ ބާރު ދުވެލީގައި ދަތުރުކުރާ އެއްޗެހި ކަމަށްވާއިރު، ޖައްވުގެ ތެރޭގައި އެ އެއްޗެހި އަނދައިގެންދާ ވަގުތު އުފެދޭ ޕްރެޝަރު ރާޅުތަކުގެ ސަބަބުން، ބިމަށް އިވޭ ވަރުގެ ބާރުގަދަ "ސޮނިކް ބޫމް" ނުވަތަ ގޮވުމުގެ އަޑު ބައެއް ފަހަރު އުފެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ