ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނުގެ ބައެއް ރަށްރަށަށް ގެއްލުންތަކެއް ވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ، ރޭ އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގަ، އައްޑޫ ސިޓީ ހިތަދޫ ހުޅުދުއާގެއާއި، އޯކަމްލިވާގޭގެ ފުރާޅު ވަޔާ އެއްލާލާފައިވާކަމަށެވެ. އަދި ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވާތީ، ފެން ހިންދުމުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.
ފުރާޅު އެއްލާލި 2 ގެއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. އަދި މިހާރު ގެތަކުގެ ފުރާޅު މަރަމާތުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ އިތުރުން، ގދ. މަޑަވެލީގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ހިއްކުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވެފައިއެވެ. ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 09:40 ހާއިރު ވަންދެން ހަރަކާތްތެރިވެފައެވެ.
މެޓް އޮފީހުންވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިއެވެ.
ވިއްސާރައިގައި ދެކުނުގެ ބައެއް ރަށްރަށަށް ގެއްލުންތަކެއް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ