މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މެންބަރަކު ހޮވުމަށް މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ. 
އިސްތިއުފާ ދެއްވިކަން ނާޒިމް ހާމަކުރެއްވީ މިއަދު ހެނދުނު 09:00 ގައި ބޭއްވުމަށް އޮތް ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله އެވެ. ނާޒިމް އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ ނިމިފައި ވާކަމަށް އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ. 
"މިއަދު އިތުރު ޖަލްސާއެއް ބާއްވާނެ ވާހަކަ ދަންނަވަން. މިއަދު 01:00 ޖަހާއިރު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ވާހަކަ ދަންނަވަން،" އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ.
ނަމަވެސް، އޭގެ ފަހުން މަޖިލީހުގެ އިދާރާއިން ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާގެ ވަގުތެއްގަ އެވެ. ޖަލްސާ ފަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ޕީއެންސީގެ ފަރާތުން ގެންނަނީ ކޮން މެންބަރެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެ މަގާމަށް އަންނާނެ ކަމަށް ބެލެވެނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ސީނިއާ މެންބަރެކެވެ. 
ނާޒިމް ފިޔަވައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ޖުމުލަ 73 މެންބަރުންގެ ސޮޔާއެކު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދީ މެއި 14، ގަ އެވެ. އޭނާ ވަކިކުރަން ހުށަހެޅީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށެވެ. 
“މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،” އެ މައްސަލާގައި ބުނެެފައިވެ އެވެ. 
އެ މައްސަލާގައި ޖަވާބުދާރީވުމަށް ނާޒިމަށް ދޭން ނިންމީ 10 މިނެޓެވެ. ނަމަވެސް، ޖަލްސާގައި ޖަވާބުދާރީވުމުގެ ބަދަލުގައި ނާޒިމް އިސްތިއުފާ ދެއްވީ އެ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ