އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ސޯލަރގެ ގިނަ މަސައްކަތްތަކެއް

އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 33 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނީގެ ހައިސިއްޔަތުން، ސަރުކާރުގެ މި އަމާޒު ހާސިލުކުރުމުގައި ސްޓެލްކޯއިން މުހިންމު ދައުރެއް އަދާކުރާނެކަން ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް 33 އިންސައްތައަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ދުރުވިސްނޭ، މުހިންމު ނިންމެވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޑރ. އަޒުވަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ މާލެ ސަރަހައްދަށް އަމާޒުކޮށްގެން، ޚާއްޞަ އިޤްތިޞާދީ ސަރަހައްދު (އެސް.އީ.ޒެޑް)ގެ ދަށުން ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި މަޝްރޫޢަކީ، ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ އިންޖީނުގެތަކުގައި ސޯލާ ހަކަތަ އިތުރުކުރުމުގެ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
"މީގެތެރެއިން ޚާއްޞަކޮށް ވ.ރަކީދޫ ފާހަގަކޮށްލެވޭ. އެރަށަކީ އާބާދީ ކުޑަ ރަށަކަށްވުމާއެކު، އަޅުގަނޑުމެންގެ އަމާޒަކީ އެ ރަށަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް ސޯލާ ހަކަތައިން އުފެއްދުން. މި އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ. އަދި މިފަދަ ގޮތަކަށް އެހެން ރަށްތައް ވެސް ޕްލޭން ކުރެވިފައި އެބަހުރި." ޑރ. އަޒުވަރު ވިދާޅުވިއެވެ.
ހަމައެއާއެކު، ސަރުކާރާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ގުޅިގެން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 'ޕޮއިސް' ޕްރޮގްރާމްގެ ދަށުން ވެސް ސްޓެލްކޯގެ ބައެއް ރަށްތަކުގައި އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މި ހުރިހާ މަޝްރޫޢުތަކާއެކު ރާއްޖޭގެ ހަކަތައިގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.
އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އަދި 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ. ހަކަތައިގެ ޤާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައިއަކީ އެކަށީގެންވާ އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެކެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓުތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ