ރާއްޖެ އަތުން ބަންގްލަދޭޝްއަށް މޮޅުނުވެވުމުން ޕާކިސްތާނާއި އަފްގާނިސްތާން ފައިނަލަށް

އަލިމަސް ޖުބުލީ ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ބަންގްލަދޭޝް އާއި ރާއްޖޭގެ ވަރުގަދަ ވާދަކުރުން، ހަމަނުޖެހުންތަކާއި ރަތް ކާޑުތަކާ އެކު 1-1އިން އެއްވަރުވެ، ފައިނަލަށް ދިއުމުގެ ފުރުސަތު ބަންގްލަދޭޝްއަށް ގެއްލިއްޖެ އެވެ.
ރާއްޖެ އަތުން މޮޅުވެގެން، ޕާކިސްތާނާ އެކު ފައިނަލްގައި ކުޅުމުގެ ފުރުސަތު އޮތް ބަންގްލަދޭޝްއަށް މޮޅުނުވެވުމުން ޕާކިސްތާނާ އެކު ފައިނަލްގައި ކުޅޭނީ އަފްގާނިސްތާނެވެ.
ހަތަރު ގައުމުން ވާދަކުރާ މުބާރާތުގައި ޕާކިސްތާން ވަނީ އިއްޔެ ހަވީރު އަފްގާނިސްތާން 2-0 އިން ބަލިކޮށް ހަތް ޕޮއިންޓް ހޯދައިފަ އެވެ.
އަފްގާނިސްތާނަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ބަންގްލަދޭޝްއަށް ތިން ޕޮއިންޓް އަދި ރާއްޖެއަށް އެންމެ ޕޮއިންޓެކެވެ.
މިރޭގެ މެޗުގެ 13 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ، ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިނުމުން ރާއްޖޭގެ މިސްރާބު ހުރީ މޮޅަކުން މުބާރާތް ނިންމާލާށެވެ. ނަމަވެސް 54 ވަނަ މިނިޓްގައި ބަންގްލަދޭޝްއަށް ލިބުނު ކޯނަރެއްގައި ފަހިވި ބޯޅަ ގޯލަށް ފޮނުވާލުމުން ރާއްޖޭގެ ދިފާއީ ކުޅުންތެރިޔާ އަމްދާން އަލީގެ އަތުގައި ޖެހުމުން އިންޑިއާގެ ރެފްރީ ސެކަރަން ސެންތިލަނަތަން ދެއްކީ ޕެނެލްޓީއެކެވެ. އެ ޕެނެލްޓީ ކާމިޔާބުކޮށް 1-1 އިން އެއްވަރުކުރި އެވެ.
ސެކަރަންއަށް މިއީ ވަރަށް އުނދަގޫ މެޗެކެވެ. ބަންގްލަދޭޝްގެ އޮފިޝަލުންނާއި ބެންޗުގައި ތިބި ކުޅުންތެރިންގެ ރުޅި އާއި ޝަކުވާތައް، ދޭތެރެ ދޭތެރެއިން ދިޔައީ ކުރިމަތިވަމުންނެވެ.
މެޗުގެ 43 ވަނަ މިނިޓްގައި ބަންގްލަދޭޝްގެ މެނޭޖަރު ޝާހިން ހަސަންއަށް ރަތް ކާޑު ދައްކައި، ބެންޗުން ފޮނުވާލި އެވެ. 
އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި މިރާޖުލް އިސްލާމް އާއި ބަދަލު ކުޅުންތެރިޔާ އަލީ އަމީންއަށް ވެސް ރަތް ކާޑު ދެއްކި އެވެ. އެކަމަކު އެހާ ހިސާބުން ވެސް ބަންގްލަދޭޝްގެ ކުޅުންތެރިން މައިތިރިއެއް ނުވި އެވެ.
މެޗުގެ ފަހުކޮޅު ލަނޑެއް ޖަހަން ބަންގްލަދޭޝްގެ ޓީމު ކުރިއަރާފައި ތިބި ދަނޑިވަޅުތަކުގައި ވަރަށް ހުސް ފުރުސަތުތައް ރާއްޖެއިން ތަނަވަސްކޮށް، ހަމަލާތައް ދިނެވެ. ނަމަވެސް މުބާރާތުގައި އަފްގާނިސްތާނާއި ޕާކިސްތާނާ ދެކޮޅަށް ވެސް ރާއްޖެއަށް ނުކުރެވުނު ކަމަކީ ލަނޑު ޖެހުމެވެ. އެހެންކަމުން މިރޭ ވެސް ދިމާވީ އެ މައްސަލަ އެވެ.
އިތުރު ވަގުތުގައި އެކި ފަހަރު މަތިން ކުޅުން ހުއްޓާލަން ޖެހުނެވެ. އެންމެ ފަހުން 100 ވަަނަ މިނިޓްގައި، ދަނޑުގެ އުތުރު ކޮޅު ގޯލް ކައިރިން ބޯޅަ ބޭރުވެފައި އޮއްވާ ރާއްޖޭގެ ނައްސާހު އިބްރާހިމް ޝިހާމްގެ ގައިގައި، ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފައިސަލް ގޮސް ޖެހިގަތުމުން ރާއްޖޭގެ ބައެއް ކުޅުންތެރިން އޭނާ ކޮއްޕާލި އެވެ.
އެހާ ހިސާބުން ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހަމަނުޖެހުން އުފެދުނެވެ. އުތުރުކޮޅު ސިޑިބަރީގައި ތިބި ބަންގްލަދޭޝްގެ ސަޕޯޓަރުން ދަނޑުގެ އިސްތިހާރު ބޯޑުތަކާ ހަމައަށް އަރައިގަތެވެ. ދިވެހި ބައެއް ސަޕޯޓަރުން ވެސް އެ ދިމާއަށް ދިޔަ އެވެ.
މި ހަމަނުޖެހުންގަނޑު ކޮންޓްރޯލްކުރަން އެންމެ ފަހުން ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.
ބަންގްލަދޭޝްގެ ކުޅުންތެރިންނާއި ބެންޗު ދޮން ބޮޑުވެގެން އުޅުނު އިރު ވެސް، ނައްސާންގެ ގައިގައި، މާ ދުރުގައި ހުރި ނަޒްމުލް ގޮސް ޖެހިގަތުމުގެ ކުރިން، ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނީ ހަމަޖެހުމެވެ.
އަމިއްލަ ފަސްގަނޑުގައި ރާއްޖެ އުއްމީދުކުރީ އެންމެ ކުޑަވެގެން ފައިނަލަށް ދެވޭނެ ކަމަށެވެ. މީގެ 25 އަހަރު ކުރިން، 2000 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޔޫބީލް މުބާރާތުގެ ފައިނަލްގައި ރާއްޖެ ކުޅުނެވެ. ފައިނަލް މެޗުން ރާއްޖެ ބަލިކޮށް ތަށި ގެންދިޔައީ، ދިވެހި ފުޓްބޯޅައަށް އެންމެ ބޮޑު އެހީތެރިކަމެއް އޭރު ވި ސްރީ ލަންކާއިންނެވެ.
އެކަމަކު މި ފަހަރު ރާއްޖެއަށް، ސަރަހައްދީ އެހެން ވާދަވެރިން އެ ފުރުސަތެއް ނުދިނެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 1-0 އިން އަދި ދެވަނަ މެޗުގައި ޕާކިސްތާން އަތުން 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ވީ ބައްޔެވެ. މިއީ 1991ގެ ސާފް ގޭމްސްގެ ފައިނަލްގައި 2-0 އިން ޕާކިސްތާން އަތުން ބަލިވި ފަހުން އެހާ ތަފާތު ބޮޑު ނަތީޖާއަކުން  ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނު ފުރަތަމަ ފަަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ