އުމުރު ދިގުވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް ސައިންސްވެރިންނަށް އެހީތެރިވެދެނީ، މި މަހު ގިނިސް ވޯލްޑް ރެކޯޑްސްއިން ދުނިޔޭގައި ތިބި އެންމެ ދުވަސްވީ ތިން ބެއިންގެ ގޮތުގައި ކަނޑައެޅި ބްރެޒިލްގެ ތިން އަންހެން ކޮއްކޮއިންނެވެ. މި ތިން މީހުންގެ އުމުރު އެއްކޮށްލުމުން 316 އަހަރުވެ އެވެ.
ޔުނިވަސިޓީ އޮފް ސައޮ ޕައުލޯގެ ސައިންސްވެރިޔާ މަޔާނާ ޒަޓްޒް އިސްވެ ހުންނަވައި ކުރިއަށްގެންދާ "ޑީއެންއޭ ލޮންޖެވޯ ޕްރޮޖެކްޓް" ގެ މަގްސަދަކީ އިންސާނާ މުސްކުޅިވުމާ ގުޅިފައިވާ ބަޔޮލޮޖިކަލް ސަބަބުތައް ދިރާސާކުރުމެވެ.
މި ތިން ބެއިންނާ އެކު ކުރާ ދިރާސާތަކުން ލިބޭ ހޯދުންތަކުގެ އެހީގައި، ބައެއް މީހުން އުމުރުން ދުވަސްވުމުން ވެސް ޖިސްމާނީ ގޮތުންނާއި ސިކުނޑީގެ ދުޅަހެޔޮކަމުގައި ދެމިތިބޭ ސަބަބުތައް އިތުރަށް ދެނެގަތުމަށް ސައިންސްވެރިންނަށް މަގުފަހިވާނެ އެވެ.
މި ދިރާސާގައި ސައިންސްވެރިން ބަލާނީ އުމުރުން 90 އަހަރާއި 100 އަހަރުން މަތީގެ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިކަށިވެ، ހަނދާން ނެތުމުގެ ބަލި ނުވަތަ ދާއިމީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ މެދުގައި ހުރި ތަފާތުތަކެވެ. މީގެ ބޭނުމަކީ އުމުރު ދިގުވުމާ ގުޅިފައިވާ ހާއްސަ ސިފަތައް ދެނެގަތުމެވެ.
"ޑީއެންއޭ ޓެސްޓުތަކުގެ އެހީގައި އަޅުގަނޑުމެން މި ހޯދަނީ ބަލިތަކުން ރައްކާތެރިކޮށްދޭ ޖީންތައް. މިފަދަ ގިނަ ޖީންތަކެއް ހުންނަކަން އަޅުގަނޑުމެންނަށް އެނގޭ،" ޔުނިވަސިޓީގެ ހިއުމަން ޖީނޯމް ރިސާޗް ސެންޓަރު ކޯޑިނޭޓް ކުރައްވާ ޒަޓްޒް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އުމުރުން 100 އަހަރަށް ވުރެ ގިނަ ދުވަހު ދިރިތިބޭ މީހުން، ހާއްސަކޮށް އެއް އާއިލާއަކަށް ނިސްބަތްވާ މިފަދަ ގިނަ ބަޔަކު ދިރާސާގައި ބައިވެރިވި ވަރަކަށް، އެ ޖީންތައް ދެނެގަތުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އުމުރުން ދުވަސްވާއިރު ސިއްހަތު ސަލާމަތުން ހުރުމުގައި، ދިރިއުޅޭ މާހައުލަށް ވުރެ ބޮޑު ދައުރެއް އަދާކުރަނީ އާއިލީ ގޮތުން ވާރުތަވާ ސިފަތަކެވެ.
ރިއޯ ޑި ޖެނީރޯގައި ދިރިއުޅޭ މި ތިން ބެއިންނަކީ އުމުރުން 103 އަހަރުގެ ޒުލީނާ ޑި ޑިއުސް ނޫނޭޒް އާއި، 104 އަހަރުގެ ޒޮރައިޑޭ ޑި ޑިއުސް މޮޓާ އަދި 109 އަހަރުގެ ލެވީޓާ ޑި ޑިއުސް ނޫނޭޒް އެވެ.
"އެއްބަނޑު އެއްބަފާ މީހުން މިހާ ދުވަސްވީ އުމުރަކަށް ދިއުމުން، އޭގައި ޖެނެޓިކްސް ނުވަތަ ވާރުތަވާ ސިފަތަކުގެ ބޮޑު ދައުރެއް އޮތްކަން ވަރަށް ސާފުވޭ،" ލޮންޖެވިކުއެސްޓްގެ ސީއީއޯ ބެން މޭޔާސް ވިދާޅުވި އެވެ.
މި ތިން ބެއިން ގަބޫލުކުރާ ގޮތުގައި އުމުރު ދިގުވުމުގެ ސިއްރަކީ ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި ހަރަކާތްތެރި ދިރިއުޅުމެކެވެ.
ކުޑައިރު ކޯރުތަކުގައި ފަތައި މަސްބާނަން އުޅުނު ހަނދާންތައް އާކުރަމުން ޒުލީނާ ބުނީ، އޭރު ހުރިހާ އެއްޗަކީ ވެސް ތާޒާ ތަކެތި ކަމަށާއި، އޭރު އައިސްއަލަމާރި ވެސް ބޭނުން ނުކުރާ ކަމަށެވެ.
މި ތިން މީހުންނަކީ ވެސް އާދައިގެ ދިރިއުޅުމެއް އުޅުނު މީހުންނެވެ. ލެވީޓާ މަސައްކަތް ކުރީ އަތްތެރި މަސައްކަތްތެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ޓީވީ ނެޓްވޯކެއްގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. ޒޮރައިޑޭއަކީ ނަރުހެއްގެ ގޮތުގައި މަސައްކަތްކޮށް ފަސް ކުދިން ބޮޑުކުރި މީހެކެވެ. އަދި ޒުލީނާއަކީ ގޭގައި ހުރެގެން ހަ ކުދިން ބޮޑުކުރި މައެކެވެ.
ސައިންސްވެރިން އުންމީދު ކުރަނީ، ދިރިއުޅުމުގެ އާދަކާދަތަކަށް ވުރެ ބޮޑަށް، އިންސާނާގެ ހިތާއި މަސްތަކާއި ސިކުނޑީގެ މަސައްކަތްތައް މުސްކުޅިވުމުގެ އަސަރުތަކުން ރައްކާތެރިކޮށްދިނުމުގައި ޖެނެޓިކްސް ބައިވެރިވާ ގޮތް ދެނެގަތުމަށެވެ.
100 އަހަރުން މަތީގެ ތިން ބެއިންނާ އެކު އުމުރު ދިގުވުމުގެ ސިއްރު ހޯދަން ދިރާސާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ