ވޯލްޑް ކަޕް 2026: ޕޮއިންޓަކާއެކު ޕޯޗުގަލް ދެވަަނައަށް، ކޮލަމްބިއާއަށް އެއްވަނަ
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ކޭގައި ޕޯޗުގަލްއާ ލަނޑެއް ނުޖެހި އެއްވަރުވެ ލިބުނު ޕޮއިންޓާއެކު ކޮލަމްބިއާއިން ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އުޒްބެކިސްތާން ބަލިކޮށް، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ގްރޫޕުގެ ފަހު މެޗުތަކަށް ނުކުތްއިރުވެސް ޕޯޗުގަލްއާއި ކޮލަމްބިއާ އޮތީ ދެވަނަ ބުރު ކަށަވަރުވެފައެވެ. ޕޯޗުގަލް އަތުން ހޯދި ޕޮއިންޓާއެކު ކޮލަމްބިއާ އެއްވަނަ ހޯދީ ޖުމްލަ 7 ޕޮއިންޓާއެކުގައެވެ. ޕޯޗުގަލް ދެވަނައަށް ދިޔައީ 5 ޕޮއިންޓާއެކުގައެވެ. ތިންވަނަ ހޯދި ކޮންގޯއަށް 4 ޕޮއިންޓް ލިބުނުއިރު، މިއީ އެ ޓީމު ދެވަނަ ބުރަށް ކޮލިފައިވާން ފުދުނު އަދަދެކެވެ. އަލަށް ވޯލްޑް ކަޕްގައި ވާދަކުރި އުޒްބެކިސްތާން މުބާރާތުން ވަކިވީ ޕޮއިންޓެއް ނުލިބިއެވެ. މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕޯޗުގަލް އާއި ކޮލަމްބިއާއަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި ކޮލަމްބިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން-- މެޗުގެ ކުރީކޮޅު ކޮލަމްބިއާގެ ފޯވާޑް ޖޯން ކޮޑޯބާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި ޖޯން އަރިއަސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ މަތަކުރިއިރު، އޭނާގެ އަނެއް ހަމަލާ ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސް ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ. ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒްއަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ލިބުނު ހުސް ފުރުސަތު ކޮލަމްބިއާގެ ކީޕަރު ކަމީލޯ ވާގާސް މަތަކުރިއިރު، ރީބައުންސް ބޯޅައެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޯވަހެޑް ކިކަކުން ފޮނުވާލަން އުޅުނު ބޯޅަ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ. ދެވަނަ ހާފުގައި ކޮލަމްބިއާގެ ބަދަލު ކުޅުންތެރިޔާ ރިޗަޑް ރިއޯސްއަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. މެޗުގެ އިތުރު ވަގުތުގައި ކޮލަމްބިއާގެ ޑަވިންސަން ސަންޗޭޒް ބޮލުން ގޯލެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ގްރޫޕްގެ އަނެއް މެޗުގައި، މޮޅުވުން މަޖުބޫރުވެގެން ނުކުތް ކޮންގޯ ކޮޅަށް ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ އުޒްބެކިސްތާނުންނެވެ. ކޮންގޯގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އުޒްބެކިސްތާންގެ ކެޕްޓަން އެލްޑޯ ޝޮމުރޯޑޯވް ވަނީ ކޮންގޯގެ ކީޕަރު ލިއޮނަލް އެމްޕާސީ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ކޮންގޯ ޓީމުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ފުރަތަމަ ހާފުގައި ކޮންގޯގެ ނެތަނިއަލް އެމްބޫކޫ ޖެހި ގޯލެއް، އެޓޭކް ފެށުމުގެ ކުރިން ފައުލްއެއް ކޮށްފައިވުމުން ރެފްރީ އެ ގޯލު ބަލައެއްނުގަނެއެވެ. ނަމަވެސް ދެވަނަ ހާފުގައި ކޮންގޯއިން ކުޅުން ބަދަލުކޮށް، މެޗުގެ 68 ވަނަ މިނިޓްގައި ޔޮއާން ވިއްސާ ޖެހި ޕެނަލްޓީން ނަތީޖާ އެއްވަރުކުރިއެވެ. އޭގެ 10 މިނިޓް ފަހުން ފިސްޓަން މަޔޭލޭ ކޮންގޯއަށް ލީޑުނަގައިދިންއިރު، އެ ޓީމަށް ތިން ޕޮއިންޓް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިއްސާ ވަނީ އިތުރު ލަނޑެއްޖަހައި 3-1 އަށް ނަތީޖާ ބަދަލުކޮށްދީފައެވެ. މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި، ގްރޫޕްގެ ތިންވަނަ ހޯދި ކޮންގޯ ބައްދަލުކުރާނީ ވަރުގަދަ އިންގްލެންޑާއެވެ. ދެވަނަ ލިބުނު ޕޯޗުގަލް ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އަދި ގްރޫޕްގެ އެއްވަނަ ހޯދި ކޮލަމްބިއާ ވާދަކުރަން ޖެހޭނީ ގާނާއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ