މެލޭޝިއާގެ ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރާނެ އާ އުސޫލެއްގެ ގޮތުގައި "ހައިބްރިޑް ވޯކިން ޑޭސް" ނުވަތަ އޮފީހަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމު އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފި އެވެ.
މި އާ އިންތިޒާމުގެ ދަށުން، ހަފުތާއަކު ދެ ދުވަހު ގޭގައި ނުވަތަ އެ މުވައްޒަފަކު ނިސްބަތްވާ އިދާރާއެއްގެ އިސްވެރިޔާ ހުއްދަދޭ ތަނެއްގައި ހުރެގެން މަސައްކަތް ކުރުމުގެ ފުރުސަތު ސިވިލް ސާވަންޓުންނަށް ލިބޭނެ އެވެ. އަދި ބާކީ ތިން ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު، މި އުސޫލު ހިނގާނީ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެ އިދާރާއެއްގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހޭ ދުވަސްތައް ކަނޑައަޅާނީ އެ ސްޓޭޓެއްގައި ހަފުތާ ބަންދު ދުވަސްތައް ކަނޑައަޅާފައިވާ ގޮތަށް ބަލައިގެންނެވެ.
އެގޮތުން ހަފުތާ ބަންދަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ސްޓޭޓްތަކުގެ ސިވިލް ސާވަންޓުން، ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ހުކުރު ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭނެ އެވެ.
ނަމަވެސް ހަފުތާ ބަންދަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅާފައިވާ ކެޑާ، ކެލަންޓަން އަދި ޓެރެންގާނޫ ފަދަ ސްޓޭޓްތަކުގައި، މުވައްޒަފުން އޮފީހަށް ހާޒިރުވުން މަޖުބޫރު ދުވަސްތަކަކީ އާދިއްތަ އަދި ބުރާސްފަތި ދުވަހެވެ.
ޕަބްލިކް ސާވިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި މި އާ އިންތިޒާމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މީގެ ކުރިން ތައާރަފުކުރި "ވޯކް ފްރޮމް ހޯމް" ނުވަތަ ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ އުސޫލުގެ ބަދަލުގައި ތައާރަފުކުރި އުސޫލެކެވެ.
ޖޫން 26 ވަނަ ދުވަހު އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހައިބްރިޑް ވޯކިން ޑޭސް" އަކީ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިތަކަށް ބަދަލެއް ނުގެނެސް، ސިވިލް ސާވަންޓުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ފެށި އާ މަސައްކަތެއް ކަމަށެވެ.
އެ ޑިޕާޓްމަންޓުން އިތުރަށް ބުނި ގޮތުގައި މި އާ އުސޫލަށް އަމަލުކުރަން ފެށުމުން، އާންމު ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ އެވެ.
އެގޮތުން ކައުންޓަރުތަކުން ދޭ ހިދުމަތްތަކާއި، މުވައްޒަފުން އަމަލީ ގޮތުން ހާޒިރުވެގެން ދޭންޖެހޭ ހިދުމަތްތައް ކުރިއެކޭ ވެސް އެއްގޮތަށް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ. މީގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާއި، ދިފާއީ ދާއިރާ، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ އަދި ޝަރުއީ ދާއިރާގެ ހިދުމަތްތައް ހިމެނެ އެވެ.
މެލޭޝިއާ ސިވިލް ސާވަންޓުންނަށް ދެ ދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ