ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ދެ ދުވަހާ ގުޅިގެން، މާލެ ސަރަހައްދުގެ މައި ތިން ހޮސްޕިޓަލެއްގެ އޯޕީޑީ ހިދުމަތްތައް ބަންދުކުރުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އޭޕްރީލް 5 އަދި 6 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، އޭޕްރީލް 6 ވާ ހޯމަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.
އޯޕީޑީ ހިދުމަތްތައް މެދުކަނޑާލި ނަމަވެސް، ސަރުކާރު ބަންދު މި ދެ ދުވަހުވެސް ހޮސްޕިޓަލްތަކުން ދެމުންގެންދާ އައިޕީޑީ (އެޑްމިޓްކޮށްގެންދޭ ފަރުވާ) އަދި އިމަޖެންސީގެ ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އޭޕްރީލް 5 ވާ އާދީއްތަ ދުވަހާއި، އޭޕްރީލް 6 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ މަސައްކަތްތަކާ ގުޅިގެންނެވެ. އިންތިޚާބުގެ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ، އެ މުވައްޒަފުންނަށް ލުއިފަސޭހަކޮށްދިނުމަކީ މި ނިންމުމުގެ މައިގަނޑު މަޤްޞަދެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ދުވަސް ބަންދުކުރަން ނިންމެވީ އިންތިޚާބަށް ފަހުގައިވެސް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން، އެ ދެ ދުވަސް ބަންދުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީއެވެ. މި ބަދަލާއެކު ހޮސްޕިޓަލްތަކުގެ އާންމު ހިދުމަތްތަކަށް ބަދަލު އައި ނަމަވެސް، ކުއްލި ފަރުވާގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެއެވެ.
ސަރުކާރު ބަންދު ކުރުމާއި ގުޅިގެން ތިން ހޮސްޕިޓަލެއްގެ އޯޕީޑީ ބަންދު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ