ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ޝަރީފާއި ޠާރިޤް ސަފީރުކަމަށް އައްޔަންކޮށް، ފަތްކޮޅު އަރުވައިފި
ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް ޢުމަރަށާއި ޠާރިޤް އިބްރާހީމަށް ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ. މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤާއި ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު ޝަރީފް ސަފީރުކަމަށް އައްޔަންކުރަން، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ރުހުންދިނީ މިމަހުގެ 15ވަނަ ދުވަހެވެ. އޭގެ 10 ދުވަސްފަހުން މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޠާރިޤަށާއި ޝަރީފަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފައެވެ. ޠާރިޤް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމަށް އައްޔަންކުރެއްވިއިރު، ޝަރީފް އައްޔަންކުރައްވައިފައިވަނީ ޤަޠަރަށެވެ. މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭ އެ ދެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ޝަރީފާއި ޠާރިޤް އިސްތިއުފާދެއްވުމުން، އެ ބޭފުޅުން ފުރަތަމަ އައްޔަންކުރެއްވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ. ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓަރުން ކުއްލި ގޮތަކަށް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ. އޭރު އިސްތިއުފާދެއްވި ބޭފުޅުންގެ ތެރެއިން، ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިނިސްޓަރު ފެންވަރުގައި ވަނީ ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވައިފައެވެ. އަދި ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް މި މަހުގެ އަށް ވަނަ ދުވަހު ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އައްޔަންކުރެއްވި ނަމަވެސް، އޭގެ ޖެހިގެން އައި ދުވަހު އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ