ޕްރޮޖެކްޓުތައް ހުއްޓި ރަށްތަކުން ފެންނަނީ ”މަދިރި ފެކްޓްރީ“ ކަމަށް ރައްޔިތުން ބުނޭ: ދީދީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، އިއުލާނުކޮށްފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މިއަދު ލިބިފައިވަނީ ”މަދިރި ފެކްޓްރީތަކެއް“ ކަމަށް ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 178 ބިލިއަން ރުފިޔާގެ ބަޖެޓެއް ހަވާލުކޮށްފައިވާއިރު، އޭގެން ކުރެވުނު އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި ބަޖެޓު ހުށަހަޅާއިރު ވަކިވަކި ރަށްރަށުގެ ތަފްސީލު ނުހިމަނާ، ބްލޮކް ފިގާ ތަކެއްގެ ގޮތުގައި ފައިސާ ޖެހުމަކީ ދުނިޔޭގެ ގުޑް ގަވަނަންސް ނުވަތަ ސަރުކާރެއް ރަނގަޅަށް ހިންގުމުގެ އުސޫލުތަކާ ހިލާފުކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ބަޖެޓު އޯޕަންކޮށް ބާއްވަނީ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަންކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ މުޅިން ތަފާތު މަންޒަރެއްކަމަށް ދީދީ ވިދާޅުވިއެވެ. އަދި އެކަން ރަށްތަކަށް ކުރާ ދަތުރުތަކުން ސާފުކޮށް ފެންނަކަމަށާއި، ރައްޔިތުންގެ ވެސް އެންމެ ބޮޑު ޝަކުވާއަކީ އިއުލާނު ކުރާ ނުވަތަ ބިންގާ އަޅާ އެއްވެސް މަޝްރޫއުއެއް އަމަލީ ގޮތުން ކުރިޔަށް ނުދިއުންކަމަށް ދީދީ ވިދާޅުވި އެވެ. އެއަށް ފަހު ދީދީ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ސަރުކާރުގައި ކުރިޔަށް ދިޔަ މަޝްރޫއުތައް، ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއި އެކު ހުއްޓުމަކަށް އައިސްފައިވުމެވެ. ދީދީ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ބިނާ ކުރަން ފެށި އިމާރާތްތަކާއި، ޕްރޮޖެކްޓުތައް މިއަދު އޮތީ ބިންގާ ކޮނުނު ގޮތަށް ހުއްޓިފައި ކަމަށެވެ.
އަޅުގަނޑުމެން ރަށްރަށަށް ދަތުރުކޮށްލީމަ ރަށްރަށުގައި އަޅުގަނޑުމެންނަށް މަންޒަރުތައް ދައްކާފަ އެބޭފުޅުން ވިދާޅުވަމުން ގެންދަނީ އެ ރަށަކަށް ލިބުނީ މަދިރި ފެކްޓްރީއެކޭ.. އެއީ ކޯޗެއްތޯ ސުވާލުކޮށް އަހާލީމަ އެބޭފުޅުން ވިދާޅުވަނީ ކޮންމެވެސް އިމާރާތެއް އަޅަން ބިންގާ އަޅާފަ އެ ކޮނެފަ ހުރިތަނޭ މީ.. މިއީ ރައްޔިތުންނަށް ފެންނަން އިންނަނީ އެތަނުން މިއަންނަ މަދިރިތަކޭ.
ދީދީ ވިދާޅުވީ ރައްޔިތުންގެ މި ޝަކުވާތަކާއި އެކު، ނުވަތަ ރައްޔިތުންގެ ކޮންމެ އިހުތިޖާޖަކާއި އެކު ވެސް ސަރުކާރުން އަސްލު މައުޟޫއު އޮޅުވާލައި އެހެން ވާހަކަތަކެއް ދައްކާ ކަމަށެވެ. ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދި، މަޝްރޫއުތައް ހުއްޓިފައި އޮތުމުން، އެކަން ފޮރުވުމަށްޓަކައި ދީނީ އަދި އިޖުތިމާއީ އެހެން މައުޟޫއުތަކަށް ބަހުސް އަނބުރާލަން ސަރުކާރުން މަސައްކަތް ކުރާކަމަށް ދީދީ ތުހުމަތު ކުރެއްވިއެވެ.
ދީދީ ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، އަހަރު ނިމުނުއިރު ބިލިއަނެއްހާ ރުފިޔާވެސް އެކަމަށް ހަރަދުކޮށްފައި ނުވާ ކަމަށެވެ. އަދި ލޯނުތައް އަނބުރާ ދެއްކުމަކީ ކޮންމެ ސަރުކާރަކުން ވެސް އަދާކުރަން ޖެހޭ ޒިންމާއެއް ނަމަވެސް އެކަމުން ވެސް ރައްޔިތުންނަށް ދައްކަނީ އެހެން މަންޒަރެއްކަމަށް ދީދީ ވިދާޅުވި އެވެ.
ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުން ޑޮލަރު ނަގަނީ އެތެރޭގެ ބާޒާރުންކަމަށްވުމާއި އެކު ރާއްޖޭގެ އިގްތިސާށް އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ދީދީ ވިދާޅުވިއެވެ.
އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި މުޅި ރާއްޖޭގައި ފެނާއި ނަރުދަމާ އާއި އެހެނިހެން ބިނާތައް ފެންނަން ހުރި ނަމަވެސް، މި ސަރުކާރުގެ އެފަދަ އެއްވެސް މަސައްކަތެއް ފެންނަން ނެތްކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ